އަންހެނުން

ލޯބީގެ އެތައް އަޖައިބެއްގެ ވާހަކަ

"އިންސާނާ މީ ދޯ، ލޯބީގެ އަޅެކޭ،" އެއީ އަލީ ރަމީޒުގެ ލަވައެއްގެ ތަންކޮޅެކެވެ. އެއީ ހަމަ އަސްލަށް ވެސް ރަނގަޅު ވާހަކައެކެވެ. އަހަރެމެން އިންސާނުން މިއީ ލޯބީގައި ދީވާނާވެ، ކަނުވެ ނިކަން ފަސޭހައިން އޭގެ އަޅުންނަށް ބަދަލުވެގެންދާ ބައެކެވެ. ލޯބީގެ ވަރުގަދަ ކެކުޅުންތަކާއި ޖަޒުބާތުތަކާ އެކު މީހެއްގެ ސިކުނޑި މޮޔަކޮށްލުމަކީ އެއްވެސް ކަމެއް ނޫނެވެ. 

މީހަކު ދެކެ ދުވަހަކު ވެސް މި އިންތިހާ އަށް ލޯބިވެވުނު ހެއްޔެވެ؟ މީހަކު ދެކެ ލޯބިވެވިގެން މިހާތަނަށް ކުރެވުނު އެންމެ އާދަޔާހިލާފު ނުވަތަ އެންމެ މޮޔަ ކަމަކީ ކޮބައި ހެއްޔެވެ؟

ލޯބީގައި މަސްތުވާ ވާހަކަ އަކީ ވެސް އާންމު ވާހަކަ އެކެވެ. އަދި މިއީ ވެސް މީހުން ދައްކާ ހަގީގަތެއް ނެތް އަނގަތެޅުމެއް ނޫނެވެ. ސައިންސްވެރިން ވަނީ މިކަން ވެސް ސާބިތުކޮށްފަ އެވެ. ލޯތްބަކީ ހަމަ އަސްލަށް ވެސް އިންސާނާ މަސްތުގެ ކޯރަކަށް ގަންބާލާ އެއްޗެކެވެ. އެމްއާރްއައި ސްކޭނަކުން މިކަން މިހާރު ވެސް ސާބިތުކޮށްލެވިދާނެ އެވެ.

ކޮކޭން ފަދަ މަސްތުވާތަކެތި ނެގުމުން، ސިކުނޑިން އަރާމުކަމާއި މަސްތުގެ ކުލަތައް އުފައްދާ ނާރުގެ ނިޒާމް، މީހަކު ލޯބީގެ އަވާގައި ޖެހުމުން ވެސް ހޭލައްވާލާކަން މި ވަނީ ސާބިތުކޮށްފަ އެވެ. މަސްތުވާތަކެއްޗަށް މި ނާރުގެ ނިޒާމް ހޭލާއިރު މީހަކު ލޯބީގައި ޖެހިއްޖެ ނަމަވެސް، އެމީހެއްގެ ސިކުނޑީގެ މި ނާރުތަކުގެ ނިޒާމް މަސްތުގެ ފެން ކޯރަކަށް ބަދަލުވެލަ އެވެ.

ލޯބިވުމަކީ، ހަށިގަނޑަށް ލިބޭ ގެއްލުންތަކުން އިހްސާސްކުރެވޭ ތަދުގެ މިންވަރު ވެސް ދަށްކޮށްދޭ ކަމެކެކެވެ. އެހެންވީމަ، ދެ ބައި އުމުރަށް ގޮސްގެން މައިބަދައިގައި ރިއްސައިގަތީމަ ވެސް އޮތް އެންމެ މޮޅު ހައްލަކީ މީހަކު ދެކެ ހިތާވުން ނޫން ހެއްޔެވެ؟ ސައިންސްވެރިން ބުނަނީ، ލޯބީގައި ޖެހިފައި ހުންނަ މީހެއްގެ ސިކުނޑި މަސައްކަތްކުރާނީ، ތަދުފިލުވަން ދޭ ބޭސްތަކެއް ނަގައިގެން ހުންނަ މީހެއްގެ ސިކުނޑި މަސައްކަތްކުރާ ގޮތަށް ކަމަށެވެ. އެ ބޭސްތަކުން ނޭރުތަކަށް ގެންނަ ބަދަލުތައް، ލޯބީގެ ފުން އިހްސާސްތަކާ އެކު ވެސް އަންނަ ކަމަށް ސައިންސްވެރިން ބުނެ އެވެ.

ދެން މި އޮތީ ވަރަށް ގިނަ ބަޔަކު ގަބޫލުކުރާނެ ވާހަކަ އެކެވެ. ލޯބީގައި ޖެހިފައި ހުންނަ މީހާގެ ހިނގުމުގެ ސްޕީޑަށް ބޮޑެތި ބަދަލުތަކެއް އާދެ އެވެ. މިކަން އިހްސާސްކުރެވޭ ހެއްޔެވެ؟ ޔަގީނުން ވެސް މި ބަދަލު އެންމެ ބޮޑަށް އިހްސާސްކުރެވޭނެ ބަޔަކީ ފިރިހެނުންނެވެ. އަންހެން ބައިވެރިޔާގެ ހިނގުމާ އެއްވަރަށް އެމީހުންގެ ފިރިހެން ބައިވެރިންގެ ހިނގުމުގެ ސްޕީޑް ދަށްކުރާކަން ދިރާސާތަކުން ވަނީ އެނގިފަ އެވެ. ބިޓެއް ގޮވައިގެން ހިނގާލާފައި ދާ ފިރިހެން ކުއްޖާ ދާނީ އަންހެން ކުއްޖާ ފަދައިން ތުއިވަމުން ހަމަ އެ ވަރަށް ފިޔަވަޅު ނަގަމުންނެވެ. ނަމަވެސް އާދައިގެ ރައްޓެއްސަކާ އެކު ހަމަ އެ ފިރިހެން ކުއްޖާ ހިނގާފައި ދާއިރު ހީވާނީ ތަނެއްގައި ރޯވެގެން އުޅޭ ހެންނެވެ.

ލޯބީގައި މީހުން ކަނުވާ ވާހަކަ އަކީ މީގެ އެންމެ އާންމު ވާހަކަ އެވެ. އަދި އެންމެނަށް އެނގޭ ވާހަކަ އެކެވެ. ނަމަވެސް، ލޯބީގައި މީހުން ކަނުވާ ވާހަކަ އަކީ ބައިވެރިޔާ ގޯސް ކަމެއް ކުރުމުން ނުވަތަ ވަގު ބިޓެއް ގެންގުޅޭކަން އެނގި ހުރެ ވެސް އަޅާނުލައި ތިބޭ ވާހަކައެއް ނޫނެވެ. އެކަމަކު ތެދުވެރިކަމުގެ ވާހަކަ އެވެ. ކޮމިޓެޑް ރިލޭޝަން ޝިޕެއްގައި އުޅޭ ފިރިހެން ކުއްޖަކަށް ކިތަންމެ ރީތި އަންހެން ކުއްޖަކު ފެނުނަސް އޭނާއަކަށް އެ ރީތިކަމެއް ނުފެންނާނެ އެވެ. މިއީ އެފަދަ އަންހެން ކުއްޖެއްގެ ވެސް ހާލެވެ. އެހެންވީމަ މިވެސް ލޯބީގައި މީހުން ކަނުވާ ގޮތެކެވެ.