ރިޕޯޓް

ސިޔާސީ ޖައްވުގައި ހިތަކަށް އުދުހުނު އީގަލް ޝަރީފުގެ ފިޔަ ކޮށާލީތަ؟

އޮސްކާ ލިބެން ޖެހެނީ "ބާޑްމޭން" އަކަށް ނޫނެވެ. އޮސްކާ ލިބެން ޖެހެނީ މި ރާއްޖޭގެ ސިޔާސީ ޖައްވު ފަތަހަކޮށްލި، އެފަދަ ދެ ވަނައެއް ނެތް އީގަލް ޝަރީފަށެވެ.

ނަމަވެސް އީގަލް ޝަރީފެއް މިހާރަކު ނެތެވެ. ސިޔާސީ މައިދާނުގައި އެންމެ އަޑުގަދަކޮށް ޝިކާރަކުރަމުން ދިޔަ "އީގަލް" ގެ ތޫނު ގޮވެލިގަނޑެއްގެ އަޑުފައްގަނޑެއް ނީވޭތާ ވެސް މިހާރު ދުވަސްގަނޑެއް ވެއްޖެ އެވެ.

އެހެން ނޫން ނަމަ "އީގަލް" އަކީ ސިޔާސީ ކޮންމެ އެއްވުމެއްގެ ތެރެއިން ވެސް ފެންނަ މޫނެކެވެ. އެއް އެއްވުމަކީ އޭނާއާ ދެކޮޅު އެއްވުމަކަށް ވިޔަސް އޭނާ ނުފެނިއެއް ނުދާނެ އެވެ. ނުކުމެ ހަޅޭފަޅޭޖަހައި ގަންނާނެކަން ޔަގީނެވެ. ނުވަތަ ޕިކަޕު ބުރެއް ނުޖައްސަވަނީސް އިރެއް ވެސް ނުއޮއްސޭނެ އެވެ.

ކޮންމެއަކަސް ރެއާއިދުވާލު ސިޔާސީ ކުލަތަކުގެ ތެރޭގައި އުޅުނު އީގަލް ޝަރީފް ކުއްލިއަކަށް މި މައިދާނުން ގެއްލުމުން މީހުން ބުނާ ވާހަކައެއް އެބައޮތެވެ. އެންމެން ވެސް ބުނަނީ މިނިވަންކަމާ އެކު އުދުހެމުން ދިޔަ އީގަލް ޝަރީފުގެ ފިޔަގަނޑު ކޮށާލުމަށް ފަހު ސިޔާސީ ކޮންމެވެސް ކޮށްޓަކަށް ލައި ތަޅުލީ ކަމަށެވެ. ތުން ވެސް ބަނދެލީ ކަމަށެވެ.

ޝަރީފު ބުނަނީ ކީކޭތޯ އެވެ؟

"އަޅުގަނޑު ވަކި އަޒުމެއްގައި ހުރީމައެއް ނޫންތޯ މިއަދާ ހަމަ އަށް އެއްވެސް މީހެއްގެ ނުފޫޒުގައި ނުޖެހި ނުވަތަ ދަށުނުވެ މަސައްކަތް މި ކުރަނީ ޑީއާރްޕީގެ މެމްބަރެއްގެ ގޮތުގައި. އެމްޑީޕީ އާއި ޖޭޕީއާ އެކު ނުކުތީ ވެސް އަދި މިހާރު ނުނިކުންނަނީ ވެސް އަޅުގަނޑު އަމިއްލަ އަށް ބޭނުން ވެގެން،" ފޯނުން ވާހަކަ ދައްކަމުން ޝަރީފު ބުންޏެވެ.

"ސަބަބަކީ ގާނޫނު އަސާސީގެ ދިފާއުގައި ސަރުކާރު ސައިޒުކުރާށޭ ކިޔާފައި ނުކުމެ ރައްޔިތުން ސައިޒުކުރީ. އެހެންވީމަ އެކަން އެއީ އަޅުގަނޑަށް ގަބޫލުނުކުރެވޭ ކަމަކަށްވާތީ މިހާރު ނުނިކުންނަނީ."

ކޮންމެއަކަސް ޝަރީފަކީ ސިޔާސީ ފޯރިއެއް ނެތް މީހާ ވެސް ސީޔާސީކޮށް ފޫހިފިލުވައި ދެވޭ ވަރުގެ ވާހަކައެއް އޮތް ފަރާތެކެވެ. އަދި އެންމެ ކުރިން އޭނާ އާންމުންގެ މެދުގައި މަޝްހޫރުކަން ހޯދީ ވެސް މީހުން ފޫހިފިލުވައިދީގެންނެވެ.

ނަމަވެސް އަހުމަދު ޝަރީފަކީ އަބަދުވެސް އާދަޔާހިލާފު ޝަހުސިއްޔަތެކެވެ. އީގަލް ޝަރީފުގެ ގޮތުގައި ސިޔާސީ މައިދާން ފަތަހަކުރުމުގެ ކުރިން އޭނާ އެންމެ ފުރަތަމަ އާންމުންގެ ތެރެއަށް މަޝްހޫރުވީ "އެންމެ ބާރުގަދަ މީހާ" ގެ ގޮތުގަ އެވެ. އޭރު ޓީވީއެމުން ރޯދަ މަހު ގެނެސްދިން މުނިފޫހިފިލުވުމުގެ ތަފާތު ޕްރޮގްރާމުތަކުގައި ބައިވެރިވެ ގަދަފަދަކަމާއި އާދަޔާހިލާފު ހުނަރުތައް ދައްކާލައިގެންނެވެ.

މި ޕްރޮގްރާމުތަކުގައި އޭނާ ދެ ޓަނުގެ ޕިކަޕެއްގައި ވާ ޖަހައިގެން "ދަތުގެ ބާރުން" އޭތި 100 އެތައް ފޫޓަކަށް ދަމާލާފައި އެބަހުއްޓެވެ. ރާއްޖޭގެ ރިކޯޑް ފޮތްތައް މުގުރާލެވޭހާއިރު ވަންދެން، މޮހޮރުތަކެއްގެ މަތީގައި އޮށޯވެލައިގެން ވެސް އޮތެވެ. އަދި މަތިމަހުގެ ބާރުން ވެސް 100 އެތައް ފޫޓަކަށް ޕިކަޕް ދަމާލައިގެން ގެންގޮސްފައި އެބަހުއްޓެވެ.

މީގެ އިތުރުން ވެސް އެތައް އެތައް ރިކޯޑެކެވެ. ކަންފަތުން ބައިސިކަލް އުފުލުމާއި ކަންފަތުގެ ބާރުން ކާރު ދެމުން ފަދަ އާދަޔާހިލާފު ހުނަރުތައް ވެސް ދައްކާލާފައި އެބަހުއްޓެވެ.

އެހެންވީމަ ސިޔާސީ މައިދާނުން ބޭރުގައި ވެސް ޝަރީފަކީ "ލެޖެންޑެއް" ނޫންތޯ އެވެ؟ ރާއްޖޭގެ ޗަކް ނޮރިސް އަކީ އީގަލް ޝަރީފުކަން ޔަގީނެވެ.

"އީގަލް ޝަރީފު" ގެ ގޮތުގައި މަޝްހޫރުވީ ވެސް ރިކޯޑަކާ އެކުގަ އެވެ. ވީ ގޮތް ޝަރީފު ކިޔައި ދެއްވަން ވީ ނޫންތޯ އެވެ؟

"ވީގޮތަކީ ފުޓްބޯޅަ ކްލަބް އީގަލްސް ތިން ވަނަ ޑިވިޝަނަށް ހިނގައިދާނެ ކަމުގެ ބިރު ހީވެފައި އޮތް ދުވަސްވަރެއް އެއީ. ޓީމާ ހަވާލުވާނެ އެއްވެސް މީހަކު ނެތިގެން ދެން އަޅުގަނޑު ދަންނަވައިފިން މެނޭޖަރަކަށް ޖަހާލާށޭ އަޅުގަނޑު. އިރާދަކުރެއްވިއްޔާ ކްލަބް ގެންގޮސްދޭ ނަމޭ މައްޗަށް،" ޝަރީފު ކިޔާލަ ދިނެވެ.

"ދެން އެ ފަހަރު ރޮނާލްޑޯމެން (ދިވެހި ރޮނާލްޑޯ، އިނގޭތޯ) ފަދަ ކުޅުންތެރިން ގެނެސްގެން އެއް ވަނަ ޑިވިޝަނަށް ގެންގޮސްދިނިން."

އެހެންވީމަ ކުޅުންތެރިއެއްގެ ގޮތުގައި ދަނޑުމަތިން ނުފެނުނަސް، ހަމަ ލެޖެންޑެކެވެ.

ދެން މި އަންނަނީ އަނެއްކާވެސް ޝަރީފުގެ ސިޔާސީ ހަޔާތުގެ ސަފުހާތަކެވެ. ސިޔާސީ މައިދާނުގައި ވެސް އޭނާ އެންމެ މަޝްހޫރީ "އަޑުގަދަ" އަދި އެހާމެ "ބާރުގަދަ" މީހެއްގެ ގޮތުގަ އެވެ. ދެގޮތެއް ނުވާ ވަފާތެރިކަމަކީ ވެސް ފާހަގަކޮށްލެވޭ ސިފައެކެވެ.

މިސާލަކަށް އޭނާގެ ސިޔާސީ ޕާޓީ ޑީއާރުޕީ އަށް ބައްލަވާށެވެ. އެ ޕާޓީއެއް އުފެދުނީއްސުރެ އަދިވެސް އެހުރީ އެ ޕާޓީގަ އެވެ. މި ރާއްޖޭގައި ޕާޓީ ބަދަލުނުކުރާ ހަމައެކަނި މީހަކީ ޝަރީފޭ ބުންޏަކަށް ދޮގަކަށް ނުވާނެކަން ޔަގީނެވެ.

ނުވަތަ ބުނަންވީ، ޕާޓީ ބަދަލުނުކުރާ ހަމައެކަނި "ޝަރީފަކީ" މިއީއޭތޯ އެވެ؟

ޕާޓީގެ ފޯރި އެންމެ ގަދަވިއިރުވެސް، ވައިވިއިރު ވެސް އަދި އެ ޕާޓީއެއް އޮންނަކަން ބަޔަކަށް ނޭނގޭވަރުވީއިރު ވެސް، ޝަރީފު އެހުރީ ދެގޮތެއް ނުވެ އެވެ. ޝަރީފު ބުނާ ގޮތުން މިފަހުން އެމްޑީޕީ އާއި ޖޭޕީއިން ބޭއްވި މުޒާހަރާތަކުގައި ޑީއާރްޕީ ތަމްސީލުކުރި ހަމައެކަނި މީހަކީ ވެސް އޭނާ އެވެ.

ނަމަވެސް ޝަރީފު ބުނީ "ހިތާއި ރޫހާ ދެކޮޅަށް ހަރަކާތްތެރިވި ހަމައެކަނި ޕާޓީއަކީ ވެސް އެމްޑީޕީ" ކަމަށެވެ. ފާހަގަކޮށްލަން ޖެހެނީ އެގޮތަށް ވެސް ނުކުތީ އަމިއްލަ ޕާޓީ ޑީއާރްޕީ އިން އެކަމަށް ގޮވާލުމުން ކަމެވެ.

އެހެންވީމަ ޝަރީފު ވެސް ވިދާޅުވަނީ ގިނަގިނައިން ޕާޓީ ބަދަލުކުރާ މީހެއްގެ ގޮތުގައި ޝަރީފުގެ ނަން ފާހަގަކުރާކަށް ލާހިކެއް ނޫން ކަމަށެވެ. ނަމަވެސް އޭނާގެ ނަން ފާހަގަނުކޮށް ދޫކޮށްނުލެވޭ ވަރުގެ ލިސްޓެއް ވެސް އެބައޮތެވެ.

އެއީ ސިޔާސީ މައިދާނުން އެންމެ ގިނައިން ހައްޔަރުކުރި މީހުންގެ ލިސްޓެވެ.

މުޒާހަރާތަކުގައި ބައިވެރިވެގެން 44 ފަހަރެއްގެ މަތިން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.

"އަބްދުﷲ ގާޒީ މިނިވަންކުރުމަށް ގޮވާލި މުޒާހަރާތަކުގައި ވެސް ހުންނާނެ 11-12 ފަހަރު ހައްޔަރުކޮށްފައި. ހައްޔަރުކޮށްފައޭ މި ބުނަނީ ހަ ގަޑިއިރަށް ވުރެ ގިނަ އިރުވެފައި ހުރި ހައްޔަރުތަކަށް. ހައްޔަރުކޮށްފަ ދެ ތިން ގަޑިއިރު ފަހުން ދޫކޮށްލާފައި ވެސް ހުންނާނެ ވަރަށް ގިނަ ފަހަރު،" ޝަރީފު ކިޔައިދިނެވެ.

"އަޅުގަނޑު ހައްޔަރުވަނީ ރައްޔިތުންނަށްޓަކައި"

"އަޅުގަނޑު އެންމެފަހުން ހައްޔަރުކުރީ ހިލާލީގެ ކައިރިން (ރައީސް މުހައްމަދު) ނަޝީދުގެ ޝަރީއަތް ފެށި ދުވަހާ ދިމާކޮށް މުޒާހަރާކުރުމުން. އެއް ނުވެވޭ ހިސާބަކަށް އެއްވެގެންނޯ ކިޔާފައި. އެކަމަކު އަޅުގަނޑު މުޒާހަރާކުރީ ފޫޓް ވެސް އަޅައިގެން ގޮސް އިނގޭތޯ."

ސިޔާސީ މިހަލަބޮލިކަމުގެ ތެރެއަށް އޭނާ އެންމެ ފުރަތަމަ ނުކުމެ މަޝްހޫރުވީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގައި އެމްޑީޕީ އިން ގެނައި 12-13ގެ ބޮޑު މުޒާހަރާގެ ތެރެއިންނެވެ. އެފަހަރުގެ ބޮޑު އެއްވުން ޖުމްހޫރީ މައިދާނުގައި ކުރިއަށް ދަނިކޮށް ޝަރީފު އެ އޮތްހާ މީހުންގަނޑުގެ ތެރެއަށް ވަދެ އެމީހުންނާ ދެކޮޅަށް އަޑުއުފުލަން ފެށީ ގާތްގަނޑަކަށް އެކަނި މާ އެކަންޏެވެ.

"އެއީ ބޮޑު ކްރައުޑަކާ ދެކޮޅަށް އަޅުގަނޑު ނުކުތް ފުރަތަމަ ދުވަސް. އެ ދުވަހު ނުކުތީ އާއިލާގެ މީހުން ވެސް ދޫކޮށްލާފައި އައިސް. އިރުއަރަން ދެން އުޅުނީ އެކަމުގައި،" ޝަރީފު ބުންޏެވެ.

ޝަރީފުގެ މި ފޯރި އަދިވެސް ނުކެނޑެ އެވެ. ބޮލަށް ކުލަ ފާޓާއެއް އޮއްސާލައިގެން އެކަނި މާ އެކަނި ސިޔާސީ ޕިކަޕު ބުރު ޖެހުމާއި އެކަނި މާ އެކަނި މުޒާހަރާތަކުގައި ފުލުހުންގެ ބޮޑެތި ޕްލެޓޫންތަކަށް ނަގޫރޯޅި އެރުވުމަކީ ވެސް ޝަރީފުގެ ހާއްސަ ސިފައެކެވެ.

ސިޔާސީ މައިދާނުން ހައްޔަރުކުރާ މީހުންގެ ތެރެއިން ކޮންޓްރޯލް ކުރަން ފުލުހުންނަށް އެންމެ އުނދަގޫ މީހަކީ ޔަގީނަށް ވެސް އީގަލް ޝަރީފެވެ. ފުލުހުން ވެސް މި ވާހަކަ އަށް ދެބަސްވާނެ ހެނެއް ހީއެއް ނުވެ އެވެ.

ކޮންމެއަކަސް ސިޔާސީ ގޮތުން "މާ ބޮޑު ބާރެއް ނެތް" މީހެއް އަދި "ސިޔާސީ ޖޯކަރެއް" ގެ ގޮތުގައި ބައެއް މީހުން އީގަލް ޝަރީފު ސިފަކުރިޔަސް އޭނާ އަކީ ސިޔާސީ ހަލަބޮލި މައިދާނުގެ ރަހަތަފާތުކޮށް ފޯރި ނެގުމަށް ވަރަށް މުހިންމު ނަމެވެ. އޭނާގެ "ފުރުގާން މިސްކިތް އަދިވެސް ނުނިމޭ" ކެމްޕޭނާއި އެފަހަރުގެ ކެމްޕޭނުގައި، މިހާރުގެ މެމްބަރު އަހުމަދު މަހްލޫފާ ދެކޮޅަށް ދެއްކި ވާހަކަ އަކީ ވެސް އޭނާ ފަހުރުވެރިވާނެ ވާހަކަތަކެވެ.

"އަޅުގަނޑަކީ ރީލޯޑް ކުރަން ނުޖެހޭނެ މީހެއް ކަމަށް ވިދާޅުވިން އޭރު ވެސް. އަޅުގަނޑު އޭރު ވެސް ދެންނެވިން އެމްޑީޕީއާ ގުޅިގެން ސަރުކާރު ވައްޓާލަން (މަހުލޫފު) ނުކުންނާނެއޭ ވެސް. އެ ވަރަށް އަޅުގަނޑު ކިޔައި ދިނިން،" ޝަރީފު ބުންޏެވެ.

ނަމަވެސް ހިތާމަ އަކީ އެވަރަށް ކިޔައިދީގެން ވެސް ޝަރީފުގެ ބަސް ރައްޔިތުން ނޭހީމަ އެވެ.

އެހެންވީމަ ދެން، އީގަލް ޝަރީފު އުދުއްސައިގަންނާނީ ކޮން އިރަކުންތޯ އެވެ؟

"އަޅުގަނޑު މި ހުންނަނީ ޕާޓީ އިން ވަކި ގޮތެއް ނިންމަން ދެން. އަދި ވަކި ކޮޅެއް ނެތް."