ކަނޑުމަތީގެ ހާދިސާ

ތުރާކުނު ދޯނި ހޯދަން އިންޑިއާ އާއި ލަންކާގެ އެހީއަށް އެދިއްޖެ

ބާރަ މީހުންނާއެކު ކަންނެލި މަސްވެރިކަމަށް ނުކުމެ އުޅުނިކޮށް ގެއްލިފައިވާ ދޯނި ހޯދަން އަވަށްޓެރި އިންޑިއާ އަދި ސްރީލަންކާގެ އެހީތެރިކަމަށް ދިވެހި ސިފައިން އެދިއްޖެ އެވެ.

"ބުލޫ ފިޝް 1" ނަމަކަށް ކިޔާ މި ދޯންޏާ އެންމެ ފަހުން ގުޅިފައި ވަނީ މިދިޔަ ހޯމަ ދުވަހު ކ. އަތޮޅު ދިއްފުށީ ބޭރުގައި އޮއްވާ އެވެ. ގެއްލިފައި ވަނީ ހއ. ތުރާކުނުގެ ދޯންޏެކެވެ. އެ ދޯނީގައި މަހަށް ގޮސްފައި ވަނީ މުޅިން ވެސް ދިވެހިންނެވެ.

އެމްއެންޑީއެފްގެ މީޑިއާ ހެޑް ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އެ ދޯންޏާއި މީހުން ހޯދުމުގައި ލަންކާ އާއި އިންޑިއާ ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގެ އެހީތެރިކަމަށް އެދިފައިވާނެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދޯނީގައި 12 ދުވަހުގެ ކޮއްތު ހުންނާނެ ކަމަށް އާޒިމް ވިދާޅުވި އެވެ. ދޯނީގެ ހަބަރެއް ނުވާތާ ވަނީ ހަ ދުވަސްވެފަ އެވެ.

ތުރާކުނުން މީހުނާއެކު ގެއްލިފައިވަނީ ދިގުމިނުގައި 87 ފޫޓް ހުންނަ ދޯންޏެކެވެ. އެ ދޯނީގައި ގަދަ ނޫކުލައިގެ ދަވާދު ލާފައި ހުރި އިރު ގެ ގަނޑުގައި ހުންނަނީ ހުދުކުލަ އެވެ.

އެ ދޯނި ހޯދުމުގައި އިންޑިއާ އަދި ލަންކާގެ އެހީއަށް އެދިފައިވާއިރު މީގެ ދުވަސްކޮޅެއް ކުރިން ލަންކާގެ ދެ މަސް ދޯންޏެއް ހޯދުމުގައި ދިވެހި ސިފައިން ވަނީ ކާމިޔާބު އޮޕަރޭޝަނެއް ހިންގާފަ އެވެ. ލަންކާއިން އެ ދެ ދޯނި ހޯދުމަށް ދިވެހި ސިފައިންގެ އެހީއަށް އެދުމުން ހިންގި އޮޕަރޭޝަން ނިންމާލީ ރައްކާތެރިކަމާއެކު އެ ދެ ދޯނީގެ ފަޅުވެރިން ލަންކާއަށް ގެންގޮސްދިނުމަށްފަހު އެވެ.