ކުޅިވަރު

ޝަރަފުވެރިކަމުގައި އިމްރާން ރިޓަޔާ ކުރަން ހާއްސަ މެޗެއް

Feb 26, 2017

ސަތާރަ އަހަރު ވަންދެން، ގައުމީ ޓީމުގެ ގޯލް ބެލެހެއްޓުމަށްފަހު، ގައުމީ ޓީމުން ރިޓަޔާ ކުރި، ރާއްޖޭގެ އެއް ވަނަ ކީޕަރު އިމްރާން މުހައްމަދު ޝަރަފުވެރި ކަމުގައި ރިޓަޔާ ކުރުމަށް ހާއްސަ މެޗެއް ރާވަމުންދާ ކަމަށް އެފްއޭއެމްގެ ރައިސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

އުމުރުން 36 އަހަރުގައި އިމްރާން ގައުމީ ޓީމަށް ކުޅުން ހުއްޓާލިއިރު އޭނާ ވަނީ ގައުމީ ޓީމަށް 100 ވުރެ ގިނަ މެޗު ކުޅެފަ އެވެ. އަދި އޭނާ އަކީ ރާއްޖޭގެ ފުޓްބޯޅަ ހަޔާތުގައި ގައުމީ ޓީމަށް އެންމެ ގިނަ ދުވަހު ކުޅުނު ކުޅުންތެރިޔާ އެވެ.

ވަކިވަކި ކުޅުންތެރިންގެ ތެރެއިން ގައުމީ ޓީމު ގައި، އެންމެ ގިނަ މެޑަލް ކަރުގައި އަޅި ކުޅުންތެރިޔަކީ އިމްރާން އެވެ. އޭނާ ވަނީ ސީނިއާ ގައުމީ ޓީމަށް، ފަސް މެޑަލް ހޯދައިދީފަ އެވެ. އޭގެ ތެރޭގައި އެއް ޗެމްޕިއަން މެޑަލްވެސް ހިމެނެ އެވެ. ދެހާސް އަށް ވަަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން، ރާއްޖެއިން ހޯދިއިރު، އިމްރާން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.

އަވަސްއާ ވާހަކަ ދައްކަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، އިމްރާންގެ ރިޓަޔަމެންޓް މެޗު ރާވަމުން ދާ ކަމަށެވެ.

"އެމެޗުގެ އިންތިޒާމްތައް ރާވަނީ، އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީން އަދި ސީދާ އަޅުގަނޑުގެ ބެލުމުގެ ދަށުން،" ބައްސާމް ވިދާޅުވި އެވެ.

އިމްރާން ގައުމީ ޓީމަށް ކުޅުން ހުއްޓާލީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު، ލާއޯސްއާ ދެކޮޅަށް ކުޅުނު މެޗުގައި، އޭޝިއަން ކަޕް ކޮލިފައިން ބުރަށް ރާއްޖެ ގެންގޮސް ދިނުމަށް ފަހު އެވެ.

ގައުމީ ޓީމުގައި އިމްރާން ހޯދައިފައިވާ ބައެއް ކާމިޔާބުތައް

  • ދެހާސް ވަނަ އަހަރު ކުޅުނު ރަން ޔޫބީލް މުބާރާތުން ރިހި މެޑަލް
  • ދެހާސް ތިން ވަނަ އަހަރު ސަފް ޗެމްޕިއަންޝިޕުން ރިހި މެޑަލް
  • ދެހާސް އަށް ވަނަ އަހަރު ސާފް ޗެމްޕއިަންޝިޕުން ރަން މެޑަލް
  • ދެހާސް ނުވަ އަހަރު ސާފް ޗެމްޕިއަންޝިޕުން ރިހި މެޑަލް
  • ދެހާސް ސާދަ ވަނަ އަހަރު އޭއެފްސީ ޗެލެންޖް ކަޕުގައި ލޯ މެޑަލް
-
-
-
-