ކުޅިވަރު

ދިވެހި ފުޓްބޯޅައިގެ އެންމެ ފައްކާ ކޮމްބިނޭޝަން!

Feb 26, 2017
2

ދަނޑު މަތީގައި، ދެ ކުޅުންތެރިޔެއްގެ ކޮމްބިނޭޝަން އަކީ އެ ޓީމަކަށް އޮތް ވަރަށް ބޮޑު އެސެޓެކެވެ. ރާއްޖޭގެ ފުޓްބޯޅައިގައި އެތައް ކޮމްބިނޭޝަންއެއް ފެނިގެން ހިނގައްޖެ އެވެ. ކުލަބު ވެލެންސިއާގައި، މަޝްހޫރޫ ތިން އައްޔަ އަކީ، މިހާތަނަށް ރާއްޖޭގެ ފުޓްބޯޅައިގައި ފެނިގެން ދިޔަ އެންމެ ތޫނު ކޮމްބިނޭޝަން އެވެ. ދެހާސް އެއްވަނަ އަހަރު ތިން އައްޔަ ގެ ކޮމިބިނޭޝަނުން ކުރި ފެޅި ކާމިޔާބުތައް ބޮޑެވެ. އެ ތިން އައްޔަ އަކީ، ހުރާގެ އަލީ ޝިހާމް (ހުރާ އައްޔަ) އާއި އަލީ އުމަރާއި އަލީ އަޝްފާގް (ދަގަނޑޭ) އެވެ. އެ ތިން އައްޔަ ވަނީ ވެލެންސިއާ އަށް އެއްކޮށް ކުޅެފަ އެވެ.

އެ ތިން އައްޔަގެ ތެރެއިން، ދެ އައްޔަ ދިވެހި ފުޓްބޯޅަ ދަނޑުން ދެން ނުފެންނާނެ އެވެ. މިއީ ދިވެހި ފުޓްބޯޅަ ކުޅޭ ސްޓައިލްވެސް ބަދަލު ވުމުގެ ކޮޅު މައްޗެވެ. އާ ކޮމްބިނޭޝަނެއް ދިވެހި ފުޓްބޯޅައިގައި ފެނިއްޖެ އެވެ. މުހައްމަދު އުމޭރު އާއި އަސަދުﷲ އަބްދުﷲ (އަސައްކޮ) އެވެ. މިއީ ގައުމީ ޓީމުގައި ވެސް އެންމެ މުހިންމު ދެ ކުޅުންތެރިން ނެވެ. މި ދެކުޅުންތެރިންގެ ކޮމްބިނޭޝަން ފައްކާވާން ފެށި ހިސާބަކީ، ދެހާސް ފަނަރަ ވަަނަ އަހަރު ޕީޕަލްސް ކަޕަށް ފަހު، ނިއުރޭޑިއަންޓް ދޫކޮށް އުމޭރު މާޒިޔާ އަށް ބަދަލުވި ހިސާބުން ނެވެ.

ނިއު ދޫކޮށްލަން އޭނާ ނިންމުމުން، ބައެއް ސަޕޯޓަރުންގެ ކަންބޮޑުވުންތައްވެސް ހުއްޓެވެ. ނަމަވެސް، މާޒިޔާ އަށް ބަދަލުވެ، އެ ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އާއެކު އޭނާ ފައްކާ ކުރި ކޮމްބިނޭޝަންގެ ފައިދާ ފެނި އެންމެންގެ ހިތްވެސް އެުފަލުން ފޮޅިއްޖެ އެވެ. އެ ފައިދާ ފެންނަނީ ހަމައެކަނި މާޒިޔާ އަކުން ނޫނެވެ. ދިވެހި ގައުމީ ޓިމުގައިވެސް ހަމަލާ ތަކުގައި އެ ދެ ކުޅުންތެރިންގެ ކޮމްބިނޭޝަންގައި ބޮޑު ހިއްސާ އެއް އެބައޮތެވެ.

މާލޭ، ލީގް ފުރަތަމަ މެޗުގައި، އުމޭރު އާއި އަސައްކޮގެ ކޮމްބިނޭޝަން ވަރަށް ބޮޑަށް ފެނިގެން ދިޔަ އެވެ. އަސައްކޮ ލަނޑު ޖެހީ އެ ދެކުޅުންތެރިން އެކުއެކީގައި އުފެއްދި ހަމަލާ އަކުން ނެވެ. މީގެ އިތުރުން، އެ މެޗުގައި އެ ދެ ކުޅުންތެރިން ގެ ކޮމިބިނޭޝަން މެދުވެރިކޮށް ގިނަ ހަމަލާ ތަކެއް އުފައްދަން މަގު ފަހިވެގެން ދިޔަ އެވެ.

އެ ކުޅުންތެރިންގެ ކޮމްބިނޭޝަން އަށް ތައުރީފް އެއްސީ ހަމައެކަނި މާޒިޔާގެ ކޯޗު ސްކޮލަސްކީ އެކަންޏެއް ނޫނެވެ. އީގަލްސްގެ ކޯޗް އިހްސާން އަބްދުލް ގަނީ (ސާންތީ) ވެސް ވަނީ އުމޭރު އާއި އާއި އަސައްކޮގެ ކޮމްބިނޭޝަން އަށް ތައުރީފް ކޮށްފަ އެވެ.

މާޒިޔާއިން ފެނިގެން އެދިޔައީ އަސަދުﷲ އަދި އުމޭރުގެ ކުޅުމުގެ ސިއްރު، އެ ދެ ކުޅުންތެރިން ވަރަށް ބޮޑަށް ތަފާތު،" މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ވާހަކަ ދައްކަމުން ސާންތީ ބުންޏެވެ.