- އާ އިންވެސްޓްމަންޓްތައް އިއުލާން ކުރައްވާނެ
- އާ އިގްތިސާދީ ސިޔާސަތަށް އޭޝިޔާ މުހިންމު
- ތެލުގެ އެކްސްޕޯޓް އިތުރުކުރުމަށް މަސައްކަތް ކުރައްވާނެ
ޗައިނާ އާއި ޖަޕާނަކީ އޭޝިއާގެ އިގުތިސޯދީ ވަރުގަދަ ބާރުތަކެވެ. މެލޭޝިއާ އާއި އިންޑޮނޭޝިއާ އަކީ ކުރިއަރަމުން އަންނަ ގައުމުތަކެވެ. ދިވެހި ރާއްޖެއަކީ އިންޑިއާ ކަނޑުގައިވާ އެންމެ މުހިއްމު އެއް ސަރަހައްދެވެ. އިރުމަތިން ހުޅަނގަށް މުދާ އުފުލާ މައި މަގުގައި އޮތް ގައުމެވެ. މިގައުމުތަކަކީ ދުނިޔޭގައި އެންމެ ގިނަ ތެޔޮ އުފައްދާ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބުދުލް އަޒީރު އަލް ސައުދު ފައްޓަވާފައިވާ ދިގު ދަތުރުފުޅުގައި ވަޑައިގަންނަވާ ގައުމުތަކެވެ. މި ދަތުރުފުޅަކީ ޖުމްލަ 1500 އޮފިޝަލުންނާއި ގިނަ އަދެއްގެ މަތިންދާބޯޓާއި ހެލިކޮޕްޓަރުތަކާއި އަގު ބޮޑު ކާރުތަކާއި 100 އަށް ވުރެ ގިނަ ބޮޑީގާޑުންނާއި އެކު ކުރައްވާ އެއް މަސް ދުވަހުގެ ދަތުރުފުޅެކެވެ. ރަސްގެފާނުގެ އަރިހުގައި ވަޑައިގަންނަވާ އޮފިޝަލުންގެ ތެރޭގައި 10 ވަޒީރަކު ވެސް ހިމެނި ވަޑައިގަންނަވަ އެވެ.
ރަސްގެފާނުގެ ހައިބަތު ބޮޑު، ދިގު ދަތުރުފުޅުން ކަށަވަރުވާ ކަމަކީ އެގައުމުން އޭޝިއާއަށް މިހާރު ދީފައިވާ އަހައްމިއްޔަތެވެ.
ރޮއިޓާސް އިން ސިފަކޮށްފައިވާ ގޮތުގައި ރަސްގެފާނުގެ އެ ދަތުރުފުޅަކީ ސައުދީ އަރަބިއްޔާއިން ތެޔޮ އެތެރެކުރާ ގައުމުތަކުގެ ތެރެއިން ދުނިޔޭގައި އެންމެ ބާރަަށް ކުރިއަރަމުން އަންނަ ގައުމުތަކާ ގުޅުން ބަދަހި ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ސަލްމާން 2015 ވަނަ އަހަރު ސައުދީ ތަހުތަށް އިސްވެވަޑައިގެންނެވުމަށް ފަހު އެގައުމުގައި ވަނީ އިގުތިސޯދީ އިސްލާހީ ޕްލޭނެއް އިއުލާން ކުރައްވައި ކުރިއަށް ގެންދަވަން ފައްޓަވާފަ އެވެ. އެގޮތުން އެ ގައުމަކީ ހަމަ އެކަނި ތެލަށް ބަރޯސާ ކުރާ ގައުމެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި އިގުތިސޯދީ އެހެން މަސައްކަތްތައް ފުޅާ ކުރެއްވުމަށް ރަސްގެފާނު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.
ތެލުގެ ސިނާއަތް ނޫން އެހެން ސިނާއަތްތައް ކުރިއެރުވުމަށް ސައުދީން ހިންގާ މަޝްރޫއު ތަކުގައި އިސް ދައުރެއް އަދާކުރާނީ އޭޝިއާގެ ކުންފުނިތަކާއި ބޭންކްތަކުންނެވެ. އެފަދަ 15 އެއްބަސްވުމެއްގައި މިދިޔަ އަހަރުގެ އޮގަސްޓްމަހު ސައުދީ އަރަބިއްޔާއިން ވަނީ ޗައިނާއާއެކު ސޮއިކޮށްފަ އެވެ. އެ އެއްބަސްވުންތަކުގެ ތެރޭގައި ގެދޮރު ބިނާކުރުމާއި ފެނުގެ މަޝްރޫއުތަކާއި ތެޔޮ ރައްކާކުރާ ތަންތަން ބިނާ ކުރުމުގެ މަޝްރޫއުތައް ހިމެނެއެވެ. އެ އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ ރަސްގެފާނުގެ އިގުތިސޯދީ އިސްލާހީ ޕްލޭން ކުރިއަށް ގެންދެވުމުގައި އިސްކޮށް އުޅުއްވާ ދަރިކަލުން އަދި ޑިފެންސް މިނިސްޓަރު މުޙައްމަދު ބިން ސަލްމާނެވެ.
ޖަޕާނުގެ ސޮފްޓް ބޭންކް ގްރޫޕުން އަލަށް އުފައްދާފައިވާ ޓެކްނޮލޮޖީ ފަންޑަކަށް 45 ބިލިޔަން ޑޮލަރު އިންވެސްޓްކުރުމަށް ވެސް ސައުދީން ވަނީ އެއްބަސްވެފަ އެވެ.
އިގުތިސޯދު ފުޅާ ކުރުމަށް ކުރާ މަސައްކަތާއެކު ތެލުގެ ވިޔަފާރީގައި އެންމެ ނުފޫޒު ގަދަ ގައުމުގެ ގޮތުގައި އޮންނަ އޮތުން ދެމެހެއްޓުމުގައި ވެސް ސައުދީ އަރަބިއްޔާއަށް އޭޝިއާ ވަނީ ވަރަށް ބޮޑަށް މުހިންމުވެފަ އެވެ. އެ ގައުމުން ބޭނުންވަނީ އޭޝިއާގެ ކުރިއަރަމުން އަންނަ ބާޒާރަށް އެންމެ ގިނަ ތެޔޮ އެކްސްޕޯޓްކުރާ ގައުމަށް ވުމަށެވެ.
ދުނިޔޭގައި އެންމެ ގިނައިން ތެޔޮ ބޭނުންކުރާ ގައުމުގެ ގޮތުގައި އޮތް އެމެރިކާ އަތުން އެ މަގާމު އަތުލަން ތައްޔާރުވެފައިވާ ޗައިނާ އަށް ތެޔޮ އެކްސްޕޯޓް ކުރުމުގައި ރަޝިޔާއިން ވަނީ ސައުދީ އަރަބިއްޔާ ފަހަތަށް ޖައްސާފަ އެވެ. އެމަގާމު ސައުދީން ހޯދަން ޖެހެ އެވެ.
ސައުދީ އަރަބިއްޔާގެ ތެލުގެ ވިޔަފާރިއަށް ވެސް ބޮޑު ބަދަލެއް ގެންނަން ރަސްގެފާނު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ގައުމީ ތެޔޮ ކުންފުނި ސައުދީ އަރަމްކޯގެ ހިއްސާ އަންނަ އަހަރު ފުރަތަމަ ފަހަރަށް އެހެން ގައުމުތަކުގެ އިންވެސްޓަރުންނަށް ވިއްކަން ވަނީ ނިންމަވާފަ އެވެ. އެގޮތުން ވިއްކަން ހަމަޖައްސާފައި ވަނީ އެކުންފުނީގެ ފަސް ޕަސެންޓް ހިއްސާ އެވެ. އެކަން ވެގެން ދާނީ ދުނިޔޭގެ ތާރީހުގައި ވެސް ކުރާ އެފަދަ އެންމެ އަގު ބޮޑު މުއާމަލާތަށެވެ. ފޯބްސް އިން ލަފާކުރާ ގޮތުގައި އެ މުއާމަލާތުގެ އަގު 100 ބިލިޔަން ޑޮލަރަށް އަރާނެ އެވެ.
އެ އަގު ބޮޑު މުއާމަލާތް ކުރަން ސައުދީ އަރަބިއްޔާއިން ޝައުގުވެރިވަނީ އޭޝިއާގެ އިންވެސްޓަރުންނާއެކު ކަމަށް ރޮއިޓާސްގެ ރިޕޯޓްގައި ވެއެވެ. އެކަމުގައި ޗައިނާ އާއި ގުޅުން އޮންނަ ބޭންކަކުން މާލީ އިރުޝާދު ވެސް ވަނީ ހޯދާފަ އެވެ. ރާއްޖެއަށް ވެސް އިންވެސްޓްމަންޓްތަކެއް ކުރުމަށް އިއުލާން ކުރައްވާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް އޭގެ ތަފްސީލްތަކެއް ނޭނގެ އެވެ. އެހެން ނަމަވެސް ފ އަތޮޅުގެ ބޮޑު ސަރަހަދެއް ތަރައްގީ ކުރުމަށް ސައުދީ އިން އިންވެސްޓް ކުރުމަށް އިއުލާން ކުރާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. އެހެން ނަމަވެސް އޭގެ ތަފްސީލްތަކެއް އަދި ނޭނގެ އެވެ. އެ އިންވެސްޓްމަންޓް ވެސް ހަގީގަތަކަށް ވެއްޖެ ނަމަ، ސައުދީއަށް މިއީ ބޮޑު ސްޓްރެޓެޖިކް އިންވެސްޓްމަންޓަކަށް ވެގެންދާނެ އެވެ. މިހުރިހާ ސަބަބުތަކާއި ހެދި ސައުދީ އަރަބިއްޔާއަށާއި ރަސްގެފާނު ސަލްމާނަށް އޭޝިއާ ވަރަށް މުހިއްމެވެ.