ކުޅިވަރު

ބާސާއަށް ހަތަރު ގަޑިއިރު، ރެއާލް އަލުން އެކަކަށް

Feb 27, 2017

އެތުލެޓިކޯ މެޑްރިޑް އަތުން 2-1 ނަތީޖާއަކުން ކާމިޔާބު ހޯދައި ތާވަލުގެ އެއް ވަނައިގައި، ބާސާ ހަތަރު ގަޑިއިރު ހޭދަ ކުރި އެވެ. ވިޔަ ރެއާލް އަތުން މޮޅުވެ ރެއާލް މެޑްރިޑު 3-2 ގެ ނަތީޖާއިން މޮޅުވެ، ރެއާލް އަލުން ތާވަލުގެ އެއް ވަނަ މަގާމު އަތުލައިފި އެވެ.

ރާއްޖޭ ގަޑިން ރޭ 8:15 ގެ ފެށި މެޗުގައި، ބާސާގެ ފުރަތަމަ ލަނޑު މެޗުގެ 64 ވަނަ މިނެޓްގައި ކާމިޔަބު ކުރީ، ލުއިސް ސުއަރޭޒް ތަނަވަސް ކޮށްދިން ފުރުސަތަކުން ރަފީނިއާ އެވެ.

އެތުލެޓިކޯ އަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު، ހިލޭ ޖެހުމަކުން ތަނަސްވި ބޯޅައިން ކަމިޔާބު ކުރީ ޑިއޭގޯ ގޮޑިން އެވެ.
ނަމަވެސް، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށް ވެފައި ވަނިކޮށް، މެސީ ވަނީ ބާސާ މޮޅު ކޮށްދިން ލަނޑު ކާމިޔާބު ކޮށްފަ އެވެ.

މެޗުން މޮޅުވުމުން، ލިބުނު ތިން ޕޮއިންޓާއެކު، ބާސާ އެއް ވަނަ އަށް ޖެހިލީ ދެ ޕެ ޕޮއިންޓްގެ ލީޑަކާ އެކު އެވެ. ނަމަވެސް ބާސާ އަށް އެއް ވަނައިގައި އޮވެވުނީ ރެއާލްއާ ވިޔަ ރެއާލް މެޗު ނިމެންދެން، އެ ހޭ ދަވި ހަތަރު ގަޑިއިރަށެވެ.

ވެލެންސިއާ އަތުން ބަލިވުމުގެ ހިތްދަތި ތަޖުރިބާ އާ އެކު، ވިޔަ ރެއާލްގެ މެޗަށް، ކޯޗް ޒައިނުއްދީން ޒިދާން ވަނީ، "ބީބީސީ" ގެނަމުން މަޝްހޫރު ވެފައިވާ ގެރެތު ބޭލް އާއި ކަރީމް ބެންޒެމާ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ހިމެނޭ ތިން ކުޅުންތެރިންގެ ކޮމްބިނޭޝަނަށް، ތިން މަހަށް ފަހު ފުރަތަމަ ފަހަރަށް، ފުރަތަމަ އެގާރައިން ފުރުސަތު ދީފަ އެވެ.

ވެލެންސިއާ އަތުން ރެއާލް ބަލިވީ، މެޗުގެ ފުރަތަމަ ދިހަ މިނެޓް ތެރޭގައި، ވެލެންސިއާ އިން ކާމިޔާބު ކުރި ދެ ލަނޑުން ނެވެ.

ވެލެންސިއާ މެޗުގައި ކުރިމަތިވި ސިޓްއޭޝަނެއް ވިޔަ ރެއާލްއާ ދެކޮޅަށް ވެސް ކުރިމަތިވެދާނެ ހެން ހީވި އެވެ. އެއީ ވިޔަ ރެއާލުން ވަނީ، ދެ ވަނަ ހަފު ފެށިގެން 10 މިނެޓް ތެރޭގައި ރެއާލް ކޮޅަށް ދެ ލަނޑު ޖަހާފަ އެވެ.

އެޓީމުގެ ފުރަތަމަ ލަނޑު، 50 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މެނައުލް ޓްރިގޭރޯސް އެވެ.

އެޓީމުގެ ދެ ވަނަ ލަނޑު 56 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ސެޑްރިކް ބަކަމްބޫ އެވެ.

އެ ލަނޑަށް ފަހު، ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ވަނީ ރެއާލްގެ މެދުތެރެއަށް ބަދަލެއް ގެނެސްފަ އެވެ. ކެސެމީރޯގެ ބަދަލުގައި އިސްކޯ ކުޅެން އެރުވުމުން، އޭނާ ވަނި ރެއާލްގެ ހަމަލާ ތަކުގައި މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ.

ރެއާލްގެ ފުރަތަމަ ލަނޑު، ކާމިޔާބު ކުރީ ގެރެތު ބޭލް އެވެ. އޭނާ ލަނޑު ކާމިޔަބު ކުރީ 64 ވަނަ މިނެޓްގައި، ޑެނީ ކަރަވަހާލް ދިން ފުރުސަތަކުން ނެވެ.

އޭގެ 10 މިނެޓް ފަހުން ރެއާލް އަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީ އަކުން ނެވެ. އެ ޕެނަލްޓީއާ އެކު، ރޮނާލްޑޯ ވެފައި ވަނީ ލަލީގާގެ ތާރީހްގައި އެންމެ ގިނަ ޕެނަލްޓީ ކާމިޔާބު ކުރި ކުޅުންތެރިޔާ އަށެވެ.

ރެއާލް މެޗުން މޮޅު ކޮށްދިން ލަނޑު އަލްވާރޯ މޮރާޓާ ކާމިޔާބު ކުރީ، 84 ވަނަ މިނެޓް ގައެވެ.

މެޗުން މޮޅުވެ ރެއާލް ހޯދި، ތިން ޕޮއިންޓާއެކު އެޓީމަށް އެއް ވަަނަ ލިބެނީ، 55 ޕޮއިންޓް ހޯދައިގެން ނެވެ. ނަމަވެސް ބާސާއިން އެޓީމުގެ ފަހަތުގައި އެއް ޕޮއިންޓްގައި ވިއްދާފައި އޮތުމުން އެޓީމަށް އަދިވެސް ހަމަ ނޭވާ އެއް ލެވޭކަށް ނެތެވެ. ނަމަވެސް ބަސާ ވަނީ ރެއާލް އަށް ވުރެ، އެއް މެޗު އިތުރަށް ކުޅެފަ އެވެ.