ރިޕޯޓް

މިއަދަކީ ދުނިޔޭގެ ފެނުގެ ދުވަސް: ފެނުގެ ވާހަކަ އެނގޭތަ؟

މާލެ އަށް މިފަހުން ކުރިމަތިވި ފެނުގެ ބޮޑު ކާރިސާ އަކީ ފެނުގެ މުހިންމުކަމާއި ފެން ނުލިބިއްޖެ ނަމަ އުޅެން ޖެހޭނެ ދަތި ހާލަތު ދިވެހިންގެ ގިނަ ބަޔަކަށް ތަޖުރިބާކުރެވިގެން ދިޔަ ރަނގަޅު ފިލާވަޅެކެވެ.

ނަމަވެސް ދުނިޔޭގެ ފެނުގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، އިހަކަށް ދުވަހު މާލެ ފެނަށް ޖެހިގެން އެންމެން "މަރަށް ތެޅުނު" ގޮތް މާ ގިނަ ބަޔަކު ހަނދާންހުރިހެނެއް ހީއެއް ނުވެ އެވެ.

ކޮންމެއަކަސް މި ހާއްސަ ދުވަހާ ގުޅުވައިގެން ދުނިޔޭގެ ފެނުގެ ހާލަތަށް ބަލައިލަމާ ހިނގާށެވެ. ދުނިޔޭގެ ފެނުގެ ދުވަހުގެ ގޮތުގައި "މާޗް 22" ފާހަގަކުރުމަށް އދ. ގެ އާންމު މަޖިލީހުން ކަނޑައެޅީ 1993 ވަނަ އަހަރު އެވެ. ކޮންމެހެން ވެސް ފާހަގަކުރަން ޖެހޭ ދުވަހަކަށް ވާތީ އެވެ. 

ފެނާއި ނުލައި ދިރުމެއް ނުވެ އެވެ. އެހެންވީމަ، ފެނާއި ބެހޭ ފިލާވަޅަކަށް ތައްޔާރު ހެއްޔެވެ؟

- ދުނިޔޭގެ އާބާދީގެ 85 ޕަސެންޓް މީހުން ދިރިއުޅެނީ ފެނުގެ މައްސަލަ އެންމެ ދަތި ނުވަތަ އެންމެ ބޮޑު ސަރަހައްދުގަ އެވެ. އެންމެ ހާލުގައި އުޅެނީ އެފްރިކާގެ ސަބް-ސަހާރަންގައި ދިރިއުޅޭ 300 މިލިއަނާއި 800 މިލިއަނެއްހާ މީހުންގެ އާބާދީ އެވެ.

- އާބާދީގެ 783 މިލިއަން މީހުންނަށް ސާފު ބޯ ފެނެއް ނުލިބެ އެވެ. ފެނުގެ ޒަރިއްޔާ އިން ފެތުރޭ ބަލިތަކުން ރައްކާތެރިވާނެ ގޮތާއި ނަރުދަމާގެ ހިދުމަތާ ނުލައި ދިރިއުޅޭ މީހުންގެ އާބާދީ 2.5 ބިލިއަނަށް އަރަ އެވެ. ފާޚާނާއެއް ނެތަސް މޯބައިލް ފޯނެއް ނެތް މީހަކު މިއަދު ނެތެވެ.

- ޗައިނާގައި އެކަނި ވެސް ސާފު ބޯފެން ނުލިބޭ 320 މިލިއަން މީހުން ދިރިއުޅެ އެވެ.

- ފެނުގެ ޒަރިއްޔާ އިން ޖެހޭ ބަލިތަކާއި ކުރިމަތިވާ މުސީބާތްތަކުގައި ކޮންމެ އަހަރަކު ހަ މިލިއަނާއި އަށް މިލިއަނާ ދެމެދުގެ އަދަދަކަށް މީހުން މަރުވެ އެވެ. ފެނުގެ ޒަރިއްޔާ އިން ޖެހޭ ބަލިތަކުގައި ކޮންމެ 21 ސިކުންތަކު ކުއްޖަކު މަރުވާ ކަމަށް ދިރާސާތަކުން ދައްކަ އެވެ.

- ލަފާކުރެވޭ ގޮތުގައި، 2030 ވަނަ އަހަރު އަންނައިރު، ކާބޯތަކެއްޗަށް އޮންނަ ޑިމާންޑް މިހާރަށް ވުރެ 50 ޕަސެންޓަށް ބޮޑުވެގެންދާނެ އެވެ. އަދި ހަކަތައިގެ ޑިމާންޑް ވެސް 60 ޕަސެންޓަށް މަތިވާނެ އެވެ. މީގެ ނަތީޖާއެއްގެ ގޮތުން ކާބޯތަކެތި އުފައްދާ މިންވަރު މަތިކުރަން ޖެހި އިންސާނުން ފެނަށް ބޭނުންވާ މިންވަރު ރިކޯޑް މައްޗަށް އުފުލިގެންދާނެ އެވެ.

- އެމެރިކާގައި އާންމުކޮށް މީހަކު ފެންވެރުމަށް ފަސް މިނެޓް ހޭދަކުރާއިރު އެ ވަގުތު ތެރޭގައި ބޭނުންކުރާ ފެނަކީ ތަރައްގީވަމުން އަންނަ ގައުމުތަކުގެ ފަގީރު މީހަކަށް ދުވާލެއްގެ މައްޗަށް ބޭނުންކުރަން ލިބޭ ފެނުގެ މިންވަރެވެ. އެއީ ގާތްގަނޑަކަށް 90 ލީޓަރުގެ ފެނެވެ.

- އިންސާނާގެ ހަށިގަނޑުގެ 50 ޕަސެންޓް ނުވަތަ 65 ޕަސެންޓަކީ ފެނެވެ. އުފަންވާ ތުއްތު ކުއްޖާގެ ހަށިގަނޑުގެ 80 ޕަސެންޓަކީ ފެނެވެ.

- ކޮންމެ ދުވަހަކު ބޭނުންކުރާ ފާހާނާއަކުން އާންމުގޮތެއްގައި 757 ލީޓަރުގެ ފެން ބޭކާރުވެ އެވެ.

- އެމެރިކާގައި ދުވާލެއްގެ މައްޗަށް މީހަކަށް 378 ލީޓަރުގެ ފެން ބޭނުންކުރެ އެވެ. ޔޫރަޕްގެ ގައުމުތަކުގައި މި އަދަދަކީ 189 ލީޓަރެވެ. އެފްރިކާގެ ސަބް-ސަހާރަންގެ ގައުމެއްގައި މީހަކަށް ދުވާލަކަށް ލިބެނީ ގާތްގަނޑަކަށް ހަތް ލީޓަރުގެ ފެނެވެ.

- ދުވާލެއްގެ މައްޗަށް ބޯން އެންމެ ރަނގަޅީ އަށް ތަށީގެ ފެނެވެ. ފެންބޮވައިގަންނަނީ ނުވަތަ ކަރުހިއްކާ ކަމުގެ އިހްސާސްކުރެވެން ފަށަނީ ހަށިގަނޑުގައި ހުންނަ ފެނުގެ ޖުމްލަ ނިސްބަތުން އެއް ޕަސެންޓް ހުސްވުމުންނެވެ.

- ސާފު ބޯ ފެން ހޯދުމަށް އެފްރިކާ އާއި އޭޝިއާގެ ގައުމުތަކުގައި އާންމުގޮތެއްގައި އަންހެނުންނާއި ކުޑަކުދިން ހަ ކިލޯ މީޓަރަށް ހިނގަ އެވެ.

- ބޯން ލިބޭ ފެނަކީ ދުނިޔޭގެ ފެނުގެ އެއް ޕަސެންޓެވެ. ދުނިޔޭގެ ސާފު ފެނުގެ 90 ޕަސެންޓަކީ އެންޓާޓިކާގެ ގަނޑުފެނެވެ.

- ފިނި ފެނަށް ވުރެ ބަރީ ހޫނު ފެނެވެ.

- ފެންފުޅިތަކުގައި ޖަހާފައިވާ "އެކްސްޕަޔަރީ ޑޭޓަކީ" ފެނުގެ މުއްދަތު ހަމަވާ ތާރީޚެއް ނޫނެވެ. ބަންދުކޮށްފައިވާ ފުޅީގެ މުއްދަތެވެ.