ކުޅިވަރު

ރަނިއޭރީގެ ނިމުން، ލެސްޓާއަށް އަހަރުގެ ފުރަތަމަ މޮޅު

Feb 28, 2017

މިދިޔަ ހަފުތާ، އިނގިރޭސި ފުޓްބޯޅަ ކައްކާލީ، ޕްރިމިއާ ލީގްގެ އެންމެ ފަހުގެ ޗެމްޕިއަން، ލެސްޓާ ސިޓީގެ ކޯޗް ކަމުން، ކްލައުޑިއޯ ރަނިއޭރީ ވަކި ކުރުމުންނެވެ. އެކަން އެންމެންނަށްވެސް ވީ ޝޮކަކަށެވެ. އަނެއްކާވެސް އާ ޝޮކެއް ލެސްޓާއިން އިނގިރޭސި ފުޓްބޯޅަ އަށް ރޭ ވަނީ ދީފަ އެވެ. ތާވަލުގެ ހަތަރު ވަނަ މަގާމުގައި އޮތް ލިވަޕޫލުގެ މައްޗަށް، 3-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ލެސްޓާއިން ވަނީ ޕްރިމިއާ ލީގްގައި މިއަހަރު ފުރަތަމަ މޮޅު ހޯދާފަ އެވެ. އަދި ރޭ އެ ޓީމުން ޖެހި ފުރަތަމަ ލަނޑަކީ، މިއަހަރު ލީގްގައި ކާމިޔާބު ކުރި ފުރަތަމަ ލަނޑުވެސް މެ އެވެ.

ލެސްޓާގެ އޯނަރު ތައިލެންޑްގެ ވިޗައި ސްރީވާދަންޕްރަބާގެ އެންގުމަށް، ކޯޗުކަމުން ރަނިއޭރީ ވަކިކުރުމުން، ކޯޗުގެ ގޮތުގައި ގޯލްކީޕިން ކޯޗް ކްރެއިގް ޝޭކްސްފިއާ، ޓީމު ލިސްޓްގައި ޖަހައިގެން ނިކުތް ލެސްޓާ ސިޓީ އަށް މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ، މިއަހަރު ކުޅުނު އެހެން މެޗުތަކަށް ވުރެ ތަފާތު މޮޅު ކުޅުމެއް ރޭ ދެއްކި، ޖޭމްސް ވާޑީ އެވެ.

ވާޑީގެ ތަފާތު ފެނިގެން ދިޔައީ އޭނަ ދެ ވަނަ ގޯލު ޖަހައި، ލެސްޓާ އަށް ތިން ލަނޑު ހަމަ ކޮށްދިނުމުން ނެވެ. އޭނާގެ ކުރިން ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ޑެނީ ޑްރިންކްވޯޓާ އެވެ.

ޕްރިމިއާ ލީގްގެ ޗެމްޕިއަންގެ ގޮތުގައި، ޗެމްޕިއަންޝިޕަށް ވެއްޓިދާނެ ހެން ހީވި ނަމަވެސް، ޓީމަށް އައި ކުއްލި ބަދަލާ އެކު ފާހަގަ ކުރެވުނީ، މިދިޔަ ސީޒަންގައި އެޓީމުގައި އޮތް ރޫހް އަލުން ދިރިއްޖެ ކަމަށެވެ. އެޓީމު މިހާރު އޮތީ ތާވަލުގެ 15 ވަނައިގައި، ރެލިގޭޝަން ޒޯނަށް ވުރެ ދެ ޕޮއިންޓް ދުރުގަ އެވެ.

ލެސްޓާގެ ދަނޑުގައި ކުޅެމުން ދިޔަ މެޗުގައި، ދެން ފާހަގަ ވެގެން ދިޔައީ، އެހެން މަންޒަރެކެވެ. މެޗުގެ 65 ވަނަ މިނެޓްގައި، އިވިގެން ދިޔައީ، ލެސްޓާގެ ސައުންޑް ސިސްޓަމުތަކުން، ރަނިއޭރީގެ ނަން އަޑުއިވިގެން ދިޔަ ލަވަ އެކެވެ. އެއަޑާއެކު ލެސްޓާގެ ސަޕޯޓަރުން، ވަނީ މޯބައިލް ފޯންތަކުގެ ލައިޓު ޖައްސައި، ރަނިއޭރީ އަށް އިހްތިރާމު ކުރުމުގެ ގޮތުން، މޯބައިލް ފޯނުގެ ފަނޑު އަލިން ސަޕޯޓަރުންގެ ސަރަހައްދު ދައްކާލާފަ އެވެ. އެއީ ރަނިއޭރީ، ލެސްޓާ އަށް ހޯދައިދިން ކާމިޔާބު ސަޕޯޓަރުން ހަނދާން ނުނެތޭނެކަން ހާމަ ކޮށްދިން ރަމްޒެކެވެ.

އޭގެ ތިން މިނެޓް ފަހުން، ފިލިޕޭ ކުޓީނިއޯ ވަނީ، ލިވަޕޫލަށް މެޗުގެ ހަމައެކަނި ލަނޑު ޖަހައިދީފަ އެވެ. ނަމަވެސް ރޭ ގެ މެޗަކީ ލިވަޕޫލުގެ ރެއެއް ނޫނެވެ. އެހެންވެ، ލަނޑެއް ޖަހައި ލައިގެން އެޓީމަށް ލިބޭނު ހިނިތުން ވުމެއް ނެތެވެ.