ރިޕޯޓް

އިގްތިސާދު ހިންދެމިލަން ފުރުސަތު ދޭކަށް ނުވޭތަ؟

Mar 1, 2017
4
  • ސިޔާސީ ހަލަބޮލިކަން އެންމެ ބޮޑު ހުރަހަކަށް
  • އިގްތިސާދު ގުރުބާންކޮށްލަން ޖެހިލުމެއް ނުވޭ
  • ޒިންމާދާރު ސިޔާސީ ހަރަކާތްތައް ބޭނުންވޭ

"ޓޫރިޒަމަކީ ވަރަށް ނާޒުކު އެއްޗެއް. ގައުމެއްގައި އަލިފާން ފަރުބަނދައެއް ގޮވީމާ ފްލައިޓްތަކަށް ނާދެވުނަސް އޭގެ އަސަރު ޓޫރިޒަމަށް ކުރޭ. އެހާ ވެސް ނާޒުކު އެއްޗެއް މިއީ. އެހެން ވާއިރު ގައުމެއްގެ ހަލަބޮލިކަމުގެ ސަބަބުން ޓޫރިސްޓުން އަންނަން ޖެހިލުންވާ ހިސާބުން އޭގެ އަސަރު އިގްތިސާދަށް ކުރާނެ. އެހެން ވިޔަފާރިތައް ވެސް ޓޫރިޒަމަށް ބަރޯސާވާ އިރު އެ ސިނާއަތަށް އަންނަ އަސަރު ޓޫރިޒަމަށް ވެސް ކުރަމުން އަންނާނެ،" އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވީ މިހެންނެވެ.

ހުރިހާ ކަމެއް ޓޫރިޒަމާ ދިމާލަށް އެނބުރިފައިވާ އިރު އެއީ ރާއްޖޭގެ އުފެއްދުންތެރި ކަން ނޫނީ ޖީޑީޕީ ވެސް ފަހަތަށް ހިނގައިދާނެ ސަބަބެކެވެ. އިންވެސްޓަރުން ރާއްޖެއާ ދުރަށް ދާން ޖެހުމުގެ މައިގަނޑު ސަބަބަކީ ވެސް ގައުމެއްގެ ހަލަބޮލިކަމެވެ. އޭގެ ސަބަބުން އެ މީހުންގެ އިންވެސްޓްމަންޓްތަކާ މެދު އިތުބާރެއް ނެތުމެވެ. ހަމަޖެހުމެއް ނެތް ތަނަކަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރުމަކީ އިންވެސްޓަރުން ބޭނުންވާ ގޮތެއް ނޫނެވެ. މަޝްހޫރު ވިޔަފާރިވެރިޔަކު ވިދާޅުވި ގޮތުގައި ރާއްޖޭގައި ހަމަނުޖެހުންތައް އުފެދި މަސްރަހު ހަލަބޮލިވުމުގެ އަސަރު ޓޫރިޒަމަށް ނޫނަސް އެހެން ވިޔަފާރިތަކަށް ވެސް ކުރެ އެވެ. ހާއްސަކޮށް ރާއްޖެ އަށް އިންވެސްޓް ކުރަން އަންނަ ބޮޑެތި އިންވެސްޓަރުން އެ އެކަންކަމާ މެދު ސުވާލު އުފައްދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމުން އެ މީހުންގެ ހާސްކަން ބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވެ އެވެ.

"ހަމަޖެހުމެއް ނެތް ތަނަކަށް އިންވެސްޓް ކުރާނެތޯ؟ މިއީ މިޖެހޭ މައްސަލައަކީ. މިސާލަކަށް ބައްލަވާ ސުވެނިއާ ޝޮޕްތަކުގެ މީހުން ވެސް މި ޝަކުވާ ކުރަނީ އެ ސަރަހައްދު ހަލަބޮލި ވީމާ ވިޔަފާރިތައް ނުވެޔޭ. ބަންދު ކުރަން ޖެހެނިއްޔޭ. މިހިރީ އެންމެ ކުދި ވިޔަފާރިތަކަށް ކުރާ ގެއްލުން. އެހެންވީމާ ބޮޑެތި އިންވެސްޓްމަންތަކެއް ކޮށްފައި ހުންނަ ވިޔަފާރިވެރިޔަކަށް އަދި ކުރާ އަސަރާއި އެ މީހުން ރާއްޖެ އަށް އޮންނަ އިތުބާރަށް މާބޮޑަށް އަސަރު ކުރާނެ،" އޭނާގެ ކަންބޮޑުވުން ހިއްސާ ކުރި އެވެ.

ގައުމުގައި ހަމަޖެހުމަކީ އިންވެސްޓަރުން އެންމެ ފުރަތަމަ ވެސް ބަލާނެ ކަންތައްތަކެވެ. ވޯލްޑް ބޭންކްގެ "ޑްއިން ބިޒްނަސް އިންޑެކްސް" ނޫނީ ވިޔަފާރިތައް ހިންގަން ފަސޭހަ މާހައުލެއް ވަޒަން ކުރާ އިންޑެކްސްގައި ރާއްޖެ އަށް އިންވެސްޓަރުންގެ ކޮންފިޑެންސް އޮތްވަރާ ދޭތެރޭ ބުނެފައި ވަނީ އިންވެސްޓަރުން ހިމާޔަތް ކުރުމުގައި ރާއްޖެ އޮތީ އަދި އެހާ ހިތްހަމަ ޖެހޭ ހިސާބެއްގައި ނޫން ކަމަށެވެ. ނަމަވެސް ސަރުކާރުން އަންނަނީ އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް ބޮޑެތި ބަދަލުތައް ގެންނަމުންނެވެ. އެގޮތުން ބޮޑެތި ލޯނުތަކަށް ސޮވަރިން ގެރެންޓީ ދިނުމާއި، އިންވެސްޓަރުންނަށް ހާއްސަކޮށް ބޮޑެތި އިނާޔަތްތަކެއް ލިބޭ ރެސިޑެންސް ވިސާ ތައާރަފް ކުރުން އަދި އިންވެސްޓްމަންޓްގެ ގާނޫނު ފަސޭހަ ކުރުމާއި ބޭރު މީހުންނަށް ވެސް ރާއްޖެއިން ބިން މިލްކް ކުރެވޭ ގޮތް ހެދުން ވެސް ހިމެނެ އެވެ. ނަމަވެސް އެ ފިޔަވަޅުތަކުގެ ފައިދާއެއް ކުރާނީ ހިމޭންކަމެއް އިގްތިސާދުގައި އޮވެގެންނެވެ. އެކަމަކު މި ފެންނަނީ ހަލަބޮލި ސިޔާސީ މަސްރަހަކާއި ހަލަބޮލި މަޝްރަހެކެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ވިދާޅުވާ ގޮތުން ރާއްޖޭގެ އިގްތިސާދުގެ ނާޒުކު ކަމާ ހުރެ ރާއްޖޭގެ އިގްތިސާދަށް ކުރާ އަސަރު އެކި ގޮތްގޮތުން ބޮޑުވާނެ އެވެ. އެއީ އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން އޭގެ އަސަރު ރާއްޖެ އަށް ފޯރާނެ ކަމެކެވެ. އިންވެސްޓަރުންގެ އިތުބާރު ރާއްޖެއާ މެދު އިތުރު ކުރެވޭނީ ސިޔާސީ ހަލަބޮލިކަން ވީހާ ވެސް ކުޑަކޮށްގެން ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.

"އިގްތިސާދީ ގޮތުން ރާއްޖޭގެ ހާލަތާ މެދު ވިސްނައިގެން އަޅުގަނޑުމެން ކޮންމެ ފިޔަވަޅެއް ވެސް އަޅަން ޖެހެނީ. އިގްތިސާދާ މި ހުރިހާ ކަމެއް މި ހުންނަނީ ގުޅިފައި،" ސައީދު ވިދާޅުވެފައިވެ އެވެ.

އިގްތިސާދާ މެދު އެންމެން ވެސް ފަރުވާތެރިވާން ޖެހެ އެވެ. ހަލަބޮލިކަމެއްގެ ސަބަބުން އިގްތިސާދަށް ކުރިމަތި ވެދާނެ އަސަރު އެންމެ އާދައިގެ މީހާ އަށް ވެސް ކުރާނެ އެވެ. އެއީ އެންމެ ނިކަމެތި މީހާގެ ޖީބަށް ވެސް ކުރާނެ އަސަރެކެވެ. ކޮންމެ މީހަކު އަޅާ ކޮންމެ ފިޔަވަޅަކީ އިގްތިސާދަށް ގެއްލުން ނުވާނެ ފިޔަވަޅަކަށް ވާން ޖެހެ އެވެ. އެކަމަކު ރާއްޖޭގައި ކަންވަނީ އެހެނެއް ނޫނެވެ. ސިޔާސީ ހިޔާލު ތަފާތު ވުމުގައި އިގްތިސާދު ފަނާކޮށްލަން ކޮންމެ ފިކުރެއްގެ ބަޔަކު ވެސް ފަރުވާލެއް ނުބަހައްޓަ އެވެ.

ރާއްޖޭގެ ރިސޯޓްތަކުގެ ވެރިންނަކީ، ސަރުކާރުގެ ސިޔާސީ ކަންކަމަށް އެހީވާ ބަޔެއް ކަމަށް ބުނެ ރާއްޖޭގެ ގިނަ ރިސޯޓްތަކަށް ނައުމަށް ޔޫރަޕްގައި ޓޫރިސްޓުންގެ މެދުގައި ލީފްލެޓްތައް ވެސް ބެހި އެވެ. ރާއްޖެ ބައިވެރިވާ ފެއާތަކުގައި ރާއްޖެއާ ދެކޮޅަށް އަޑުއުފުލުމަށް ދިވެހިން އިސް އެއްވުންތައް ވެސް ބޭއްވި އެވެ. މި ހުރިހާ ކަމަކަކުން ހަގީގަތުގައި ނިކުންނަ ނަތީޖާ އަކީ ކޮބައި ހެއްޔެވެ؟ ވެރިކަމަށް އަންނަ ދުވަހަކުވެސް ކޮޅަށް ޖަހަން އޮންނަ އިގްތިސާދު އަމިއްލައަށް ފުޑާލަނީ އެވެ. އޭގެ ހިތި އާހިރުގައި ލިބޭނީ އެކަން ކުރާ ބަޔަކަށެވެ. ޓޫރިޒަމް ބޮއިކޮޓްގެ ވާހަކަ ބާއްވާފައި، ރާއްޖޭގައި ޓެރަރިސްޓުންގެ ހަރަކާތްތައް އިތުރުވެފައިވާ ކަމަށް ބުނެ އުފުލޭ އަޑުތަކާއި ރާއްޖެއަކީ ނާމާންތަނެއް ކަމަށް ސިފަކޮށްދޭ ކުރިއަށް ގެންދާ ކެމްޕޭން ތަކުގެ އަޑުވެސް ވަކި މަދެއް ނޫނެވެ. ބޭނުމަކީ ކޮންމެ ގޮތެއް ހަދައިގެން ވެސް ވެރިކަމަށް އަންނަން މަގު ކޮށުމެވެ. އެކަމަކު މި ކަންކަމަށް ނިމުމެއް އަންނަން ވެއްޖެ އެވެ.

ސައުދީ އިން ފ އަތޮޅުގައި ހިންގަން އުޅޭ ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްގެ މައުލޫމާތެއް ވެސް ނެތި، އެފަދަ އިންވެސްޓްމަންޓެއް ހުއްޓުވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނުމަކީ ވެސް ހަގީގަތުގައި ޖޯކެކެވެ. އާ އެކެވެ. އެ މަޝްރޫއުގެ މައުލޫމާތު ހާމަވެސް ކުރަން ޖެހެ އެވެ. އެކަމަކު އޭގެ މައުލޫމާތެއް ވެސް ނޭނގި އިވޭ ތޯތޯ ވާހަކަތަކަކަށް ބަލައި މަޝްރޫއު ހުއްޓުވާނެ ކަމަށް ބުނުމަކީ ސިޔާސީ ގޮތުން ޒިންމާދާރުވުން ކަމާ މެދު ސުވާލު އުފެދެ އެވެ. މިފަދަ ކޮންމެ ކަމެއްގެ ސަބަބުން، ރާއްޖެއާ މެދު އޮންނަ އިތުބާރު އިންވެސްޓަރުންނަށް ގެއްލޭނެ އެވެ. ކޮންމެ ގައުމެއްގައި ވެސް މައްސަލަތައް ހުންނާނެ އެވެ. ދުނިޔޭގައި މައްސަލަ ނެތް ގައުމެއް ނެތެވެ. އެކަމަކު އެ ހުރިހާ ކަމެއްގެ ހައްލަކީ މުޅި ގައުމު ގުރުބާންކޮށް ވެރިކަމަށް އައުމަށް މަގުފަހި ކުރުވުމުގެ ބަހަނާއަކަށް ހަދާ ނަމަ ގައުމަށް ކުރިއެރުން އަންނާނެ ދުވަހެއް ވެސް ނެތެވެ.