މިއީ ބައެއް މީހުން މާބޮޑު ކަމެއް ކަމަށް ނުދެކޭނެ ކަމެކެވެ. ނަމަވެސް ބައެއް ފަހަރު ފުރިޖުގައި ބަހައްޓަން ނުޖެހޭ އެއްޗެހި ވެސް ފުރިޖަށްލާފައި ހުންނަތަން ފެނެ އެވެ. މީގެ ސަބަބުން ބައެއް ފަހަރު އެ އެއްޗެހި ކުނިވެ ފުރިޖުގައި ހުންނަ އެހެން އެއްޗިއްސަށް އޭގެ އަސަރު ކުރެ އެވެ.
މި ގޮތުން އެންމެ ގިނަ މީހުން ފުރިޖުން ޖާގަ ބޮޑު ކުރުމުގެ ގޮތުން ކުރާ އެއް ކަމަކީ ބޭނުން ކުރާ ޕެކެޓް ދޮރުފަތުގައި ބެހެއްޓުމެވެ. ނަމަވެސް ދޮރުފަތަކީ ފުރިޖުގެ ހުރިހާ ބައިތަކަކަށްވުރެ ޓެމްޕަރޭޗާ ދަށް އެހެން ގޮތަކަށް ބުނާނަމަ ފުރިޖުގެ ފިނި އެންމެ ދަށް ބައެެވެ.
ކިރު ޕެކެޓް އެއްޗިއްސަކީ ކެނޑުމަށްފަހު ފިނިކޮށް ބަހައްޓަން ޖެހޭ އެއްޗަކަށްވާއިރު، ފުރިޖުގެ ދޮރުފަތަށް ކިރު ޕެކެޓް ލުމަކީ ގޯހެކެވެ.
ކިރާއި ބިހުގެ ބާވަތްތައް އަބަދުވެސް ބަހައްޓަންވާނީ ފުރިޖުގެ ދެ ވަނަ ބައިގަ އެވެ. މިއީ އަބަދުވެސް ފިނިކޮށް ވަކި ޓެމްޕަރޭޗާއެއްގައި ހުންނަންޖެހޭ އެއްޗިއްސެވެ.
ފުރިޖުގެ މަތީ ބައިގައި ބަހައްޓަންވާނީ ކެއްކުމަށްފަހު ބާކީވާ ކާތަކެތި ނުވަތަ ކައްކަން ނުޖެހި އާންމުކޮށް ފިނިކޮށް ބަހައްޓާ ތަކެއްޗެވެ. މިއީ މިފަދަ އެއްޗެހި ހުންނަންޖެހޭ އެންމެ ރަނގަޅު ޓެމްޕަރޭޗާ ހުންނަ ބައެވެ.
ތަރުކާރީ އާއި މޭވާގެ ބާވަތްތައް ބެހެއްޓުމަށް އެންމެ ރަނގަޅީ ފުރިޖުގެ އެންމެ ތިރި އެވެ. ނުވަތަ މިއީ ގިނަ ފުރިޖު ތަކުގައި ފޮށިގަނޑެއް ގޮތަށް ދަމާލެވެން އިންނަ ބައެވެ. މިއީ ތަރުކާރީ އާއި މޭވާ އަށް އެންމެ ކަމުދާ ޓެމްޕަރޭޗާ ހުންނަ ބައެވެ.
ފުރިޖުގެ ދޮރުފަތަކީ އާންމުކޮށް އެންމެ ފަސޭހައިން އެއްޗެއްހި ބެހެއްޓޭ ތަނެވެ. ދޮރުފަތުގައި ހުންނަން ނުޖެހޭ އެއްޗެހި ވެސް ގިނަ ފަހަރު ހުންނާނީ ދޮރުފަތުގައި ބެހެއްޓިފަ އެވެ. ނަމަވެސް ދޮރުފަތުގެ ޓެމްޕަރޭޗާއާ އެންމެ ގުޅޭނީ ހުރިހާ ޖޫސް ތަކެވެ. ހަނދާންކޮށް ދޮރުފަތަށް ކިރު ޕެކެޓް ނުލައްޗެވެ. ދޮރުފަތުގެ ޓެމްޕަރޭޗާ އާއި ކިރު ޕެކެޓް ސްޓޯ ކޮށްފައި ބަހައްޓަންޖެހޭ ޓެމްޕަރޭޗާ އާއި ތަފާތު ވާނެތީ އެވެ. ނަމަވެސް ބަޓާ އާއި ސޮފްޓް ޗީޒް ދޮރުފަތުގައި ހުރުމުން މާބޮޑު މައްސަލަ އެއް ނުޖެހޭނެ އެވެ.
ގަނޑުކުރާ ބައި ނުވަތަ ފުރިޖުގެ އެންމެ މަތީބައިގައި ހުންނަން ވާނީ ތަފާތު ވައްތަރުގެ މަހެވެ. މިއީ މިފަދަ އެއްޗެހި ހުންނަން އެންމެ ރަނގަޅު ޓެމްޕަރޭޗާއި ހުންނަ ބައެވެ.
ފުރިޖުގެ ޓެމްޕަރޭޗާ އަބަ ދުވެސް ބަހައްޓަން ވާނީ އެއް ޑިގްރީ އާއި ހަތަރު ޑިގްރީ އާ ދެމެދުގަ އެވެ. ނޫންނަމަ ނޭންގި ނަމަވެސް ފުރިޖުގައި ހުންނަ އެއްޗެހީގެ ޓެމްޕަރޭޗާ އަށް އަންނަ ބަދަލާއި ގުޅިގެން ކާއެއްޗެހި ވިހަވުމުގެ ފުރުސަތު ބޮޑުވާނެތީ އެވެ.
ފުރިޖަށް ލާން ނުޖެހޭ އެއްޗެހި ތަކުގެ ތެރޭގައި ދޮންކެޔޮ، ޓޮމާޓޯ، ޕީޗް، އެވަކާޑޯ، ޕިއާސް، ޕްލަމް ހިމެނެ އެވެ. އަދި ޕާނަކީ ވެސް ފުރިޖަށް ލާން ނުޖެހޭ އެއްޗެހީގެ ތެރޭ ހިމެނޭ އެއްޗެކެވެ.