އެމްޓީސީސީ

އެމްޓީސީސީގެ ޖޮބްފެއާ އަންނަ ހޮނިހިރު ދުވަހު

އެމްޓީސީސީއިން މިހާރު ކުރަމުންދާ މަސައްކަތްތަކާއި އެ ކުންފުނީގައި މިވަގުތު ހުރި ވަޒީފާގެ ފުރުސަތުތަކާބެހޭ މައުލޫމާތު ދިނުމަށް އަންނަ ހޮނިހިރު ދުވަހު ޖޮބް ފެއާ އެއް ބާއްވަން ނިންމައފި އެވެ.

އެމްޓީސީސީގެ ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޓިވް ޑިޕާޓްމަންޓްގެ އެގްޒެކެޓިވް އަބްދުﷲ ފާއިދު ވިދާޅުވީ މި ފެއާއަކީ މިހާރު އެމްޓީސީސީގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި ވަޒީފާގެ މައިދާނަށް ޒުވާނުން އަހުލުވެރިކުރުމުގެ އިތުރުން އެމްޓީސީސީގައިހުރި ކެރިއާ ޑިވެލޮޕްމަންޓްގެ ފުރުސަތުތަކަކީ ކޮބައިކަން ޒުވާނުންނަށް އަންގައިދިނުމާއި ވަޒީފާތަކަށް ގާބިލް ޒުވާނުން ބިނާކުރާނެ ޕްލެޓްފޯމެއް ގާއިމްކުުރުމުގެ ފެއާއެއް ކަމަށެވެ.

"ޖޮއިން ޓީމް އެމްޓީސީސީ" ގެ ނަން ދީފައިވާ މި ފެއާ ކުރިޔަށް ގެންދަން ހަމަޖައްސާފައި ވަނީ ހޮނިހިރު ދުވަހުގެ ހަވީރު ހަތަރަކުން ހަޔަކަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް ކަމަށެވެ.

ފާއިދު ވިދާޅުވީ މުވައްޒަފުން ތަމްރީން ކުރުމުގެ ސިޔާސަތުގެ ދަށުން މިއަހަރު 33 ސްކޮލަޝިޕް ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އޭގެ ތެރޭގައި މާސްޓާޒް، ބެޗްލާ ޑިގްރީ އަދި ޕްރޮފެޝަނަލް ސެޓްފިކެޓް ލެވެލް ގެ ސްކޮލަޝިޕްތައް ހިމެނޭނެ ކަމަށެވެ.

"ފާހަގަކޮށްލަންޖެހޭ ކަމަކީ މިފުރުސަތުތަކަށް، ކުންފުނީގެ ތެރެއިން އެކަށީގެންވާ ފަރާތްތައް ހޯދުމަށް ދަތިވާނަމަ، މި ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލެވިގެންދާނެކަން" ފާއިދު ވިދާޅުވި އެވެ.