އަވަސް އެހީ

ވަރަށް ލޯބި ނަމަވެސް މިވާހަކަ ވަރަށް ހިތްދަތި!

މި ދެމަފިރިންނަކީ ދިރިއުޅުމުގައި އެމީހުންނަށް ކުރިމަތިލާން ޖެހިފައިވާ ބޮޑު ހަނގުރާމައާއެކު ވެސް ވަރަށް ހިތްވަރާއި ކެތްތެރިކަމުގައި ދުވަސްތައް ގުނަމުންދާ ދެމަފިރިންނެވެ. ރ. ދުވާފަރަށް ނިސްބަތްވާ އަހުމަދު ގާސިމާއި ހަދީޖާ އަލީ، އުދަނގޫ ދަތި ދިރިއުޅެއްގެ އުޅުމެން އަންނަތާ 18 އަހަރުވެއްޖެ އެވެ.

ދެމަފިރިންގެ ތިން ފިރިހެން ދަރިން ތިބިފައިވާއިރު އެންމެ ދޮށީ ދަރިފުޅަށް 20 އަހަރެވެ. ދެން ތިބީ 18 އަހަރާއި 15 އަހަރުގެ ދެ ކުދިންނެވެ. ހަމަޖެހިލައިގެން އެ ދެމަފިރިންނަށް ހަޔާތުގެ ދުވަސްތައް ވޭތުކުރެވޭ ވަރަށް ދަރިންގެ އުމުރު ގޮސްފައިވީ ނަމަވެސް އެ ދެމަރިފިންނަށް މިންވަރު ކުރައްވާފައިވަނީ އެހެން ގޮތެކެވެ.

އުމުރުން 18 އަހަރު ވެފައިވީ ނަމަވެސް ދަރިފުޅު، އިބްރާހިމް އާސިރަކީ ކުޑަ ކުއްޖެކެވެ. އުމުރާ އެއްވަރަށް އޭނާ ސިކުނޑި ބޮޑެއް ނުވެ އެވެ. މިހާރު ވެސް އުޅެނީ ކުޑަ ކުއްޖަކު އުޅޭ ގޮތަށެވެ. ކޮންމެފަދަ ގަޑިއެއްގައި ކޮންމެފަދަ ކަމެއް ވެސް ކޮށްފާނެ އެވެ. އަބަދުވެސް އެ ދަރިފުޅާއެކު މަންމަ ނޫނީ ބައްޕަ ފެންނަ ހިސާބުގައި ހުންނަން ޖެހެ އެވެ.

އޭނާ އެއްކޮށް ރަނގަޅުވާނެ ކަމުގެ ވަކި ފަރުވާއެއްގެ ލަފާ ޑޮކްޓަރުން ދީފައެއް ނުވެ އެވެ. ނަމަވެސް ބައެއް ބޭސްތައް މިހާރު ވެސް ޑޮކްޓަރުން ވަނީ ދީފަ އެވެ. އެ ބޭސްތައް ދިނުމުން ބައެއް ފަހަރަށް އާސިރު އިތުރަށް ގޯސްވާ ކަމަށް އޭނާގެ މަންމަ ބުނެ އެވެ. އޭނާއަށް އޮތް ފަރުވާއަކީ ތެރެޕީތައް ދިނުމެވެ.

އެ ދަރިފުޅުގެ އިތުރުން މުޅިން ތަފާތު އެހެން ދަރިއެއްގެ މަސްއޫލިއްޔަތު ވެސް އެ ދެ މަރިން ދަނީ އުފުލަމުންނެވެ. އަރުޝަމް އަހުމަދަކީ އުފުދުމުގައި ވެސް ނުކުޅެދުންތެރިކަން ހުރި ކުއްޖެކެވެ. އެގާރަ މަހުގައި އޭނާ ހިނގަން ފެށި ނަމަވެސް މިހާރު އޭނާއަކަށް ނުހިނގެ އެވެ. އިށީނދެއެއް ނީނދެވެ އެވެ. ކޮޅަށް ނުހުރެވެ އެވެ. ކަނދުރާ ހަރުލަނީ އަދިވެސް ވަރަށް ކުޑަކޮށެވެ.

މޫނު އުޖާލާވެފައި އުމުރުން 15 އަހަރުވެފައިވީ ނަމަވެސް ބަލާބެލުމަށް އޭނާ ހީވަނީ އުމުރުން އަށެއްކަ އަހަރުގެ ކުއްޖެއް ހެނެވެ. އަރުޝަމްއަކީ ވަރަށް ރީތި އެހާ ލޯބި ކުއްޖެކެވެ. ފެންނަ ކޮންމެ މީހަކަށް ވެސް އޭނާއާ ގަޔާވެވޭނެ އެވެ. ހިނިތުންވެފައި އޮތްވާ ނުފެނު ނަމަވެސް އެ މޫނަށް ބަލާލުމުން ހިތްހަމަޖެހުން ލިބެ އެވެ.

މީހުން ދައްކާ ވާހަކަތައް ނަގައިގަންނަން އޭނާއަށް ނޭނގުނު ނަމަވެސް އޭނާއަށް އިހުސާސްކުރެވެ އެވެ. އަތްލުމުން އިޝާރާތެއް ކޮށްލަ އެވެ. ވާހަކަ ދައްކަން ބޭނުންވާ ކަހަލަ އެވެ. އަރުޝަމް އުރާލާ ލޯބިކޮށްލުމުން އޭނާއަށް ހިތްހަމަޖެހުން ލިބޭކަން މޫނު ހާމަވެ އެވެ. ގިނަ ވާހަކަތަކެއް ބުނަން ބޭނުންވެގެން އުޅޭ ފަދަ ގޮތް އޭނާގެ ހަރަކާތުން ދައްކަ އެވެ.

ނަމަވެސް މިހާތަނަށް އޭނާ އެއްވެސް ވާހަކައެއް ދައްކާފައިނުވާއިރު ފިޓް ޖެހުމަކީ ވެސް އޭނާއަށް ކުރިމަތިލާން ޖެހިފައިވާ ކަމެކެވެ.

ދެމަފިރިންގެ އެ ކުދިންނާއެކު ދިރިއުޅެމުން ދިޔައީ ވަރަށް އުނދަގޫ އަދި އެހާމެ ހިތްދަތި ދިރިއުޅުމެކެވެ. ތިން ދަރިންގެ ކަންކަން ބެލެހެއްޓުމަށް އަހުމަދު ގާސިމް ގަވައިދުން މަހަށްދެ އެވެ. ދަރިން ގާތުގައި ހުންނަނީ ހަދީޖާ އެވެ. ނުކުޅުދެންތެރިކަން ހުންނަ، ތަފާތު މިޒާޖެއްގެ ދެ ކުދިންގެ ގޮވައިގެން އެކަނި ގޭގެ ކަންކަން ބަލަހައްޓަމުން އެ މައިމީހާ އުޅޭނެ ހާލު ވިސްނާލަން އުނދަގޫވާނެ އެވެ. ތަސައްވަރު ކޮށްލަން ވެސް ނޭނގޭނެ އެވެ.

ސިކުނޑީގެ އުނި ކަމެއް ހުރި 18 އަހަރުގެ ދަރިފުޅު އެދޭ ކޮންމެ ކަމެއް އެ ވަގުތަކު އެ ދެމަރިފިން ފުއްދައިދެ އެވެ. އެ ދަރިފުޅުގެ ކޮންމެ ގޮވާލުމަކަށް ކޮންމެ އިޝާރާތަކަށް އެ މަންމަ އާއި ބައްޕަ ތިބެނީ ބަލަބަލަ އެވެ.

އަނގައިން އަޑެއް ލައްވާލުން ނޫން އިތުރު ކަމެއް ނުކުރެވޭ އަރުޝަމަށްޓަކައި ވެސް އެ މަންމަ އާއި ބައްޕަ ދަނީ ބޮޑެތި ގުރުބާނީތަކެއްވަމުންނެވެ. ދަރިފުޅަށް 15 އަހަރުވެފައިވާއިރު އެ ދަރިފުޅަށް އެކަށީގެންވާ އެއްވެސް ފަރުވާއެއް ކުރެވިފައި ނެތުމަކީ އެމީހުންގެ އެންމެ ބޮޑު ހިތްދަތިކަމެވެ. މިވީހާ ދުވަހު ރާއްޖެއިން ބޭރަށް އެންމެ ފަހަރަކު ދެވިފައިނުވާއިރު ދޭތެރެ ދޭތެރެއިން މާލެ އައިސް އައިޖީއެމްއެޗަށް ދައްކާ ފަރުވާއެއް ދިނުން ނޫން ކަމެއް ކުރެވިފައެއް ނުވެ އެވެ. މާލެއަށް އައިސް ބޮޑު ކުއްޔަށް ގިނަ ދުވަސްތަކެއްގައި ތިބުން ވެސް ވަނީ ދަތިވެފަ އެވެ.

ފިޓް ޖެހުމަށާއި އަރުޝަމްގެ ހާލަތަށް އޮޕަރޭޝަނަކާއި އިތުރު ޓެސްޓްތަކަކަށްފަހު ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދިދާނެ ކަމުގެ އުއްމީދު އައިޖީއެމްއެޗްގެ ޑޮކްޓަރުން ވަނީ ދީފަ އެވެ. ނަމަވެސް އެ އޮޕަރޭޝަން ރާއްޖޭގައި ކުރެވެން ނެތެވެ. އެކަން ކުރެން އޮތީ އިންޑިއާއަށް ގޮސްގެންނެވެ. އެހެނަސް މަސްވެރިކަމުން ލިބޭ އެއްޗަކުން ބޭރަށް ދަރިން ގޮވައިގެން ބޭސް ފަރުވާއަށް ދިޔުމުގެ ތަނަވަސްކަމެއް އަހުމަދު ގާސިމަކަށް ނުލިބެ އެވެ. އާސަންދައިގެ އެހީގައި ބޭރަށް ދިޔުމުގެ ފުރުސަތު އަދި ވަނީ ނުލިބި އެވެ.

އަރުޝަމަށް ބޭސްފަރުވާ ކުރުމަށް އިންޑިއާއަށް ދިޔުމަށް އެ ދެމަފަރިން ކެތްމަދުވެފައި ތިބިއިރު އެކަމަށް އެ ދެ މީހުން ވެސް ބޭނުން ވަނީ އެހީއެކެވެ. ހެޔޮއެދޭ ފަރާތްތަކުގެ އެހީއަކީ އެ ހާލުގައި ދިރިއުޅެމުންދާ އެ އާއިލާގެ ހިތަށް ލިބޭނެ އެންމެ ބޮޑު ފިނި ކަމެވެ. އެ އޮޕަރޭޝަނަށްފަހު ފިޓް ޖެހުން އެއްކޮށް ރަނގަޅުވާނެ ކަމުގެ އުއްމީދު އޮތްއިރު އޭގެ ސަބަބުން އޭނާގެ ހާލަތަށް ބޮޑު ބަދަލެއް އައިސް، ގޭގައި ދެވޭ ފަރުވާތަކުން އަރުޝަމަށް އަމިއްލަ ހާލައިގެން އުޅެވޭނެ ވަރުވުމުގެ އުއްމީދު ވެސް އެބަ އޮތެވެ.

ދަރިފުޅަށްޓަކައި އެހީވެ ދިނުމަށް އަހުމަދާއި ހަދީޖާ އެދޭއިރު، އެމީހުންގެ އަނެއް ބޮޑު ކަންބޮޑުވުމަކީ އެފަދަ ކުދިން ބަލަހައްޓާނެ ގޮތެއް ނުވަތަ ގޭގައި ވެސް ދެވޭނެ ފަރުވާއެއް އެމީހުންނަށް އަންގައިދޭނެ ބަޔަކު ނެތުމެވެ. މިފަދަ ކުދިންނަކީ ތަފާތު ތެރަޕީތަކާއި ތަފާތު ފަރުވާތަކެއް ދޭން ޖެހޭ ކުދިންތަކެއް ނަމަވެސް އެކަމުގެ އެއްވެސް މައުލޫމާތެއް އެ ދެމަފިރިންގެ ނެތެވެ. ދަރިންނަށް ރަނގަޅު ގޮތެއްވޭތޯ އެފަދަ ކަންކަން އެމީހުންނަށް ދަސްކޮށްދޭނެ ފަރާތެއް ލިބުމަކީ ވެސް އެމީހުންގެ ވަރަށް ބޮޑު އެދުމެކެވެ.

އަރުޝަމަށް އެހީއެއް ދޭން ބޭނުންނަމަ:

ފޯނު ނަންބަރު: 7848217
އެކައުންޓް ނަންބަރު: 7730000069243 (Mohamed Areej)