މޯލްޑިވިއަން އައިޑޮލް ފެށުނީއްސުރެ އެންމެ ގަޑިއަށް ހުރުމަތްތެރިކޮށް ނުހިތޭ މީހާވެސް ހުކުރު އަދި ހޮނިހިރު ދުވަހުގެ ރޭގަނޑު 10:30 ވާއިރު އިންނަނީ ޓީވީ ދޮށުގަ އެވެ. ހުރިހާ ގެއެއްގެ ސިޓިން ރޫމްތައް ފުރާލާއިރު އިތުރު އެއްވެސް ކަމަކާ ދޭތެރޭ ވިސްނޭވަަރަށްވުރެ ބޮޑަށް މިތިބެނީ އައިޑޮލްގެ ތެރެއަށް ވަދެވިފަ އެވެ. ބައިވެރިންގެ ހުނަރުގައި ޖެހި އެހެން ދިމާލަކަށް ކަޅިއެއް ނުއެއްލިފަ އެވެ.
ހުރިހާ އެންމެންނަށްވުރެ ވެސް ބޮޑަށް ކެތްތެރިކަން ކުޑަވެ ޝޯއަށް އެންމެ އިސްކަމެއްދޭ ބަޔަކަށް އައިޑޮލްގެ ބައިވެރިންގެ އާއިލާތައް ވާނެ އެވެ. މިރޭގެ ޝޯއަށް ބައިވެރިންގެ އާއިލާތަކުން ތައްޔާރުވެފައިވާ މިންވަރު ބަލައިލަމާ ހިނގާށެެވެ.
ކޮންމެ ކުއްޖަކުވެސް އެންމެ އިންސްޕަޔާވި ލަވަ މިރޭ ހުށަހަޅައިދޭއިރު ޝޯއަށް އެންމެ ކެތްތެރިކަމެއް ނެތި އިންތިޒާރުކުރާ އާއިލާ އަކަށް އަހްމަދު ނަބީލްގެ އާއިލާ ވާނެ އެވެ. މުޅި އާއިލާ އެއް ތަނަކަށް އެއްވެގެން ޝޯ ބަލަން މިހާރު ތިބީ ނިންމައިގެންނެވެ. ޕިއާނޯ ރައުންޑުގައިވެސް ކަންތައްކުރީ އެގޮތަށެވެ. ޝޯއަށް ފަހު ނަބީލް އަށް އެސްއެމްއެސްކޮށް ވޯޓު ހޯދަން މަސައްކަތް ފެށުނީ އެވެ. ނަބީލްގެ ދައްތަ އައިޝަތު ނިޔާޝާ ބުނީ ވަރަށް "އެކްސައިޓް"ވާ ކަމަށާއި މިހާރުވެސް ޝޯ ބަލަން ކެތްތެރިކަން ކުޑަވެފައިވާ ކަމަށެވެ.
"ވަރަށް އެކްސައިޓެޑް. މިހާރުވެސް ޝޯ ބަލާހިތުން ހުރެވެނީކީ ނޫން. ހީ ވުޑް ގިވް ހިޒް ބެސްޓް. މީގެ ކުރިންވެސް އޭނާގެ ބެސްޓް ދައްކާފަ ހުރީ. އައިޑޮލް ކަހަލަ ބޮޑު ޕްލެޓްފޯމް އެއްގައި ކޮއްކޮއަށް ޕާފޯމް ކުރަން ލިބުނީމަ ވަރަށް އުފާވޭ" ނިޔާޝާ ބުންޏެވެ.
އައިޑޮލްގެ ސަބަބުން ނަބީލް އަށް ހިންހަމަޖެހޭ ކަހަލަ ބަދަލުތަކެއް އަތުވެއްޖެ ކަމަށް އާއިލާއިން ބުންޏެވެ.
"ވަރަށް ޗޭންޖް މިހާރު. ލުކްސް އާ ހުރިހާ އެއްޗެއް ވަރަށް ޗޭންޖްވެއްޖެ. އޮޑިޝަން އަށް ދިޔައިރު ހުރި ގޮތަކަށް ނޫން މިހާރު ފެންނަނީކީވެސް" ނިޔާޝާ ބުންޏެވެ.
އައިޑޮލްގެ ސަބަބުން މުހައްމަދު ރިހާން އަށްވެސް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ އެވެ. ބަރާބަރަށް ނަމާދު ކުރުމުގެ އާދަ އަށަގަނެ ގަޑިއަށް ފަރުވާތެރިވެ ވާހަކަ ދެއްކުމަށްވެސް ބޮޑު ބަދަލުތަކެއް އަތުވެއްޖެ އެވެ. މިއީ ރީހާންގެ ބައްޕަ އަހްމަދު އިހްސާން އަށް ރީހާންގެ ފަރާތުން ފެނުނު ކަންކަމެވެ. މިކަންކަމަށް ރީހާންގެ ބައްޕަ ޕީއެސްއެމްއަށް ހިތުގެ އެންމެ އަޑިން ޝުކުރު އަދާކުރަން ބޭނުންވެ އެވެ. ބަދަލުނުވެ އެއް ގޮތެއްގައި ހުރީ އާއިލާއިން އުންމީދުކުރާ މިންވަރަށް ކޮންމެ ހަފްތާއަކުވެސް ރީހާން ހުށަހަޅައިދޭ ހުށަހަޅައިދިނުމެވެ.
ރީހާންގެ އާއިލާ މިރޭ ޝޯ ބަލަން ނިންމައިގެން ތިބީ ގޭގައި ހަމައެކަނި އާއިލާ އެންމެނާ އެކީގަ އެވެ. އެކަމަކު ރީހާންގެ އެކުވެރިންނާއެކު ކުޑަކަމެއް ރޭވުުގެ ވިސްނުން އޭނާގެ ބައްޕަ އެބަ ގެންގުޅެ އެވެ. ގޭގައިވެސް އަބަދު ލަވަ ކިޔާލަ ކިޔާލަ ހުންނަ ރީހާން މުބާރާތުގައި އެންމެ ދެވޭ އެންމެ ކުރިއަކަށް ދާތަން ބަލަން އާއިލާއިން ތިބީ ކެތްތެރިކަން ކުޑަވެފަ އެވެ.
ޝަމްވީލް މުހައްމަދު ހުށަހެޅުމާއެކު މޯލްޑިވިއަން އައިޑޮލް ޝޯ ބަލަން އޭނާގެ އާއިލާ އާއި ރައްޓެހިން އަދި ސަޕޯޓަރުން ނިންމައިގެން ތިބީ ޓީމް ބަރޯގެ ޖަގަހައިގަ އެވެ. ހުޅުމާލެ ފެރީ ޓާމިނަލް ކުރިމަތީ ހުންނަ އެ ޖަގަހައިގައި އައިޑޮލް އޮންނަ ކޮންމެ ރެއަކުވެސް ޝޯ ބެލުން ކުރިއަށް ދާނެ އެވެ. ޝަމްވީލްގެ ހުށަހެޅުން ފުރިހަމަވާނެ ކަމާމެދު އާއިލާއިން ޝައްކެއް ނުކުރެ އެވެ. އެއީ މިހާތަނަށް ހުށަހަޅައިދިން ހުށަހެޅުންތަކުންވެސް އެންމެ އެކަށީގެންވާ ހުށަހެޅުންތައް ދައްކާލާފައިވާތީ އެވެ.
ވޯޓު ހޯދުމުގައިވެސް އާއިލާ އަދި ރައްޓެހިން ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. ނަތީޖާވެސް އަދި ވަރަށް ރަނގަޅު ކަމަށް އާއިލާއިން ބުނެ އެވެ.
އެންމެ ފޯރީގައި ޝޯ ބެލުމުގެ ކަންތައްތައް ކުރިއަށް ގެންދާ ޓީމަކަށް މުހައްމަދު ތަސްނީމްގެ ޓީމްވާނެ އެވެ. އެސްއެމްއެސްކޮށް ވޯޓު ހޯދުމުގެ ހާއްސަ ހަރަކާތްތަކެއް އާއިލާ އާއި ރައްޓެހިން ދަނީ ބާރަށް ކުރިއަށް ގެންދަމުންނެވެ. ޓީމް ބޮބްމެ ހާއްސަ ޓީޝާޓުގައި ޝޯ ބަލާއިރު ތަސްނީމްގެ ހުށަހެޅުމަށް ޝައްކެއް ނެތެވެ. މިރޭވެސް ސަޅި ލަވައެއް ބޮބް ހުށަހަޅައިދޭނެ ކަމަށް ބޭބެ ހުސެން ޝަހުމާދު ބުންޏެވެ.
"މިރޭވެސް ރައްޔިތުން ބަލައިގަންނާނެ ހުށަހެޅުމެއް ފެންނާނެ ކަމަށް ގަބޫލުކުރަނީ. ބޮބްގެ މި ލަވަވެސް ސަޅިވާނެ." ޝަހުމާދު ބުންޏެވެ.
މޯލްޑިވިއަން އައިޑޮލް އަކީ މިދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް އެންމެ އެކަށީގެންވާ ޕްލެޓްފޯމެއް ކަމަށް އެއާއިލާއިންވެސް ގަބޫލުކުރެ އެވެ. އަދި އެއީ ރައްޔިތުން ބަލައިގަންނަ ފެންވަރުގެ މުބާރާތެއް ކަމަށެވެ.
"އެންމެ ކުރިއަށް ދެވޭނެ ވަރުގެ ކޮލިޓީ އެބަހުރި ހަމްދާންގެ ކިބައިގައި. ހިތްވަރާއެކު މަސައްކަތް ކޮށްފިއްޔާ ކާމިޔާބުކުރެވިދާނެ" އަހްމަދު ހަމްދާންގެ ބޭބެ އަހްމަދު ހައްސާމް ބުންޏެވެ.
ގާލާ ރައުންޑުގެ ފުރަތަމަ ހުށަހެޅުމަށް ތައްޔާރުވާން ހަމްދާން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ހައްސާމް ބުންޏެވެ. އަދި ކުރީގެ ހުށަހެޅުންތަކެކޭ އެއްގޮތަށް މިރޭގެ ހުށަހެޅުންވެސް ރީތިވާނެ ކަމަށް އޭނާ ބުންޏެވެ. ހައްސާމްވެސް ބުނީ މި މުބާރާތަކީ ލަވަ ކިޔުމުގެ ދާއިރާއަށް ނުކުންނަށް ބޭނުންވެފައި ތިބި ޒުވާން ކުދިންނަށް އެކުދިންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ފުުރުސަތުތަކެއް ހޯދައިދޭ ޕްލެޓްފޯމެއް ކަމަށެވެ.
ދެން މިއޮތީ އިބްރާހީމް ވަހީދު (ބޮޑުބެ)ގެ އާއިލާ އާއި ރައްޓެހިން މިރޭގެ ޝޯއަށް ތައްޔާރުވެފައި އޮތް މިންވަރު ބަލާލުމެވެ. ބޮޑުބެގެ ދައްތަ މަރިޔަމް ނަސީމާ ބުނީ ބޮޑުބެގެ މިރޭގެ ހުށަހެޅުން ފުރިހަމަވާނެ ކަމާމެދު އުންމީދު އެބައޮތް ކަމަށެވެ. މި ޝޯއިން ގިނަ ތަންތައްތަކެއް ބޮޑުބެއަށް ދަސްވެފައިވާ ކަން ފާހަގަކުރި އެވެ.
"ޑިސިޕްލިން ވަރަށް ބޮޑަށް ރަނގަޅުވެއްޖެ ކުރިއާ ބަލާއިރު ޝޯ ފެށުނު ފަހުން. ވަރަށް ރަނގަޅުވެއްޖެ. ކުރިންވެސް ބަސްއަހާ ރަނގަޅު ކުއްޖެއް އެއީ. އެންމެ ފަހުން ދިމާވީ މިދިޔަ ހަފްތާގައި އޮތް ފެމެލީ މީޓިންގައި" ނަސީމާ ބުންޏެވެ.
ނަސީމާ ބުނީ އެންމެންގެ ފަރާތުންވެސް އެހީތެރިކަން ލިބެމުން އަންނަ ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް މި މުބާރާތުގައި ކުރިއަށްދާން އާއިލާ އިން އެއްބާރުލުމާއި ފުލް ސަޕޯޓު ދޭނެ ކަމަށެވެ.
މިރޭގެ ޝޯގައި ޓޮޕް 12 ގެ ހުރިހާ ބައިވެރިން ކޮންމެ ބައިވެރިޔަކުވެސް ސޯލޯ ލަވައެއް ހުށަހަޅައިދޭނެ އެވެ.