ފިނިޕޭޖް

އެންމެ ގަޔާވި ލަވަތަކާ އެކު ގާލާ ރައުންޑުގެ ވާދަވެރިކަން މާ ބޮޑު

ބައިވެރިން ލަވައިގެ ދުނިޔެއަށް ތައާރަފްވެ އެންމެ އިންސްޕަޔާވީ ކޮންކޮން ލަވަތަކަކުން މިހާރު އެންގިއްޖެ ދޯ އެވެ؟ ގާލާ ރައުންޑުގެ 12 ބައިވެރިން ލަވަ ހުށަހަޅައިދިން އިރު ފެނިގެންދިޔަ ކަމަކީ ޖޭމު ދޮން ކަމަނަ އިން ފެށިގެން ޖަޖު އިސްމާއީލް އައްފާންގެ ލަވަތަކުން ބައިވެރިން ވަނީ އިންސްޕަޔާވެފަ އެވެ.

ރޭގެ ހުށަހެޅުންތަކަށް ބަލާއިރު ޖަޖުންގެ އުންމީދާއި ހަމައަށް ލަވަ ހުށަހަޅަ ނުދެވުނު ބައިވެރިއެއް ނެތެވެ. ޖަޖުންގެ ހިތްތަކާއި ހަމައަށް ވާސިލް ވުމުގައި ހުރިހާ ބައިވެރިންވެސް ކާމިޔާބު ހޯދި އެވެ. ނަމަވެސް އެއީ ރަނގަޅު ކުރަންޖެހޭ ކުދި ކުދިން ކަންތައްތަކާއި އެކީގަ އެވެ.

ރޭގެ ޝޯ ފަށައިދިނީ ބައިވެރިންގެ ގްރޫޕް ލަވައެއްގެ ބަދަލުގައި ޖަޖު އައްފާންގެ ލަވައަކުންނެވެ. އައްފާންވަނީ އޭނާގެ ބައިވަރު ލަވަތައް އެއްކޮށްލައި ލަވަ ކިޔާލާފަ އެވެ.

ބައިވެރިންގެ ތެރެއިން ރޭ އެންމެ ފުރަތަމަ ލަވަ ހުށަހަޅައިދިނީ ދެ މާމައަށް ހާއްސަކޮށްގެން ޝަމްވީލް މުހައްމަދު އެވެ. ޝަމްވީލް ހުށަހަޅައިދިނީ ކުޑައިރު އަބަދުވެސް މާމަމެން ޖަހާތީ އިވޭ ޖޭމް ދޮންކަމަނައިގެ "ދިން މިހިތެއް" އެވެ. ޝަމްވީލްގެ ހުށަހެޅުމަށް ޖަޖު އައްފާން ބުނީ ޝަމްވީލް އެ ލަވަ މިރޭ ހުށަަހަޅައިދިނީ އައްފާން އެލަވަ ކީ ނަމަވެސް ކިޔާނެހާ ފުރިހަމަކޮށް ކަމަށެވެ. މީގެއިތުރުން ޖަޖު އުނޫޝާ ބުނީ ޝަމްވީލްގެ އަމިއްލަ ސްޓައިލްއެއް އިންނަ އިރު އެ ލަވަ އެ ސްޓައިލްގަ ކީ ނަމަ މާ ފުރިހަމަވާނެ ކަމަށެވެ. ޖަޖު ކުޑައިއްބެވެސް ޝަމްވީލް އަށް ދޫކޮށްލީ ޕޮޒިޓިވް ކޮމެންޓް ތަކެކެެވެ.

ލަވައިގެ ވޭރިއަޝަން ހުންނަކަށް މުހައްމަދު ރިހާން އަށް އެނގުނީ "ފިނި ފިނި ވާރެޔާ" އަޑުއިވުމަށްފަހު އެވެ. އެހެން ކަމުން އެ ލަވަ ކިޔާލަން އޭނާ ހުރީ ބޭނުންވެފަ އެވެ. ނަމަވެސް ލިބުނު ފުރުސަތުގައި ރީހާން އެންމެ ހިންހަމަޖެހޭ ވަރަކަށް އެ ލަވަ ހުށަހަޅައެއް ނުދެވުނެވެ. ރީހާންއަށްވެސް ޖަޖުންގެ ފަރާތުން ޕޮޒިޓިވް ކޮމެންޓްތަކެއް ލިބުނެވެ. އަދި ރަނގަޅުކޮށްލަންޖެހޭ ކުދި ކުދި ކަންކަން ބުނެދިނެވެ.

"ނުރުހުން ވާތީއޭ" އަކީ އެލަވަ އެންމެ ފުރަތަަމަ އައިޝަތު އިނާޔާ ކީ ފަހުން އިތުރު އެއްވެސް މިހާކު ކިޔާފައި ނުވާ ލަވަ އެކެވެ. އެހެން ކަމުން ޝަޒާ އަބްދުﷲ އަބަދުވެސް އެ ލަވަ އިތުރު މީހެއްގެ އަޑުން ހުށަހަޅައިދޭ އިރު އެމީހަކީ ޝަޒާއަށް ވާން ހުރީ ބޭނުންވެފަ އެވެ. އެހެންކަމުން ޝަޒާ ރޭގައި ހުށަހަޅައިދިނީ އެ ލަވަ އެވެ. ޝަޒާއަށް އައްފާން ބުނީ މުބާރާތުގައި އިތުރަށް ކުރިއަށް ދެވިއްޖެނަމަ އެހެން ސްޓައިލްއެއްގެ ލަވައެއް ކިޔާތަން ދެކިލަން ބޭނުންވާ ކަމަށެވެ. އުނޫޝާ އަދި ކުޑައިއްބެއަށް އެލަވަ ވަނީ ވަރަށް ބޮޑަށް ކަމުގޮސްފަ އެވެ.

އަހްމަދު ނަބީލް އަބަދުވެސް ބޭނުންވަނީ ލަތާ މަންގޭޝްކަރުގެ ލަވަޔަކަށް ދިވެހިން ހަދާފައި އިންނަ "ތިޔަ ކަޅިރަވައިން ޒަހަމް ނުވި ހިތަކީ" އެ ލަވަ އެންމެ ފުރަތަމަ މުމްތާޒް މޫސާ ކިޔާފައި އިންނަ ގޮތަށް އެލެވެލް އަށް ކިޔާލާށެވެ. އެހެން ކަމުން ނަބީލް ރޭގައި ކިޔާފައިވަނީ އެ ލަވަ އެވެ. ނަބީލްގެ ހުށަހެޅުމަށް އުނޫޝާގެ "ސާބަހޭ ދަރިޔާ" އެވެ.

ރޭ ހިޝާން ބޭނުންވީ އެ ލަވައެއް އަޑުއިވުމުން އަބްދުﷲ ހިޝާން އަށް ހިންހަމަ ޖެހުން ލިބޭ ލަވަ އޭނާގެ އަޑުން ކިޔާ އެހެން މީހުންނަށް އެ ހިންހަމަޖެހުން ފޯރުކޮށްދޭށޭ އެވެ. ހިޝާން ރޭ ހުށަހަޅައިދިނީ "ދޮން ކަނބުލޮ ނިދާލާށޭ" އެވެ. މި ލަވައަށް އުނޫޝާ ބުނީ މިއީ މިހާތަނަށް ރީހާން ހުށަހަޅައިދިން އެންމެ ފުރިހަމަ ހުށަހެޅުން ކަމަށެވެމ އަދި އައްފަން ވަނީ އަމިއްލަ ސްޓައިލަށް ރީހާން ކިޔާފައިވާތީ އެކަން ފާހަގަކޮށް ހިތްވަރު ދީފަ އެވެ. އަދި ކުޑައިއްބެ ވަނީ ލަވަޔަކަށް ތައްޔާރުވާނަމަ އެލަވަ އަށް ހިޝާން ތައްޔާރުވެފައި ހުރި މިންވަރަށް ތައްޔާރުވާން އެދިފަ އެވެ.

އަބަދުވެސް އަމިއްލަ ރާގަށް ލޯބިކުރާ އައިޝަތު ޖައިޝާ ރޭ ހުށަހަޅައިދިނީ ޖަޖު އައްފާންގެ "ބިންދާލީ ރާޅެއް" އެވެ. އައްފާންގެ އެންމެ ފުރިހަމަ ހުށަހެޅުންތަކުގެ ތެރޭގައި އުނޫޝާ އަދި ކުޑަ އިއްްބެ ފާހަގަކުރާ އެ ލަވަ ޖައިޝާ ހުށަހެޅުމުން ކުޑައިއްބެ ބުނީ އެފެންވަރުގެ ލަވައެއް ކިޔާލަން ކެރުނީތީވެސް ހައިރާންވާ ކަމަށެވެ. އައްފާން، އުނޫޝާ އަދި އިއްބެގެ ފަރާތުން ޕޮޒިޓިވް ކޮމެންޓްތަކެއް ޖައިޝާއަށް ލިބުނެވެ. އަދި ރަނގަޅުކޮށްލަން ޖެހޭ ކުދިކުދި ތަންތަންކޮޅުވެސް ފާހަގަކޮށްލަ ދީ ބުނެދިނެވެ.

މުހައްމަދު ހަމްދާން ރޭ ހުށަހަޅައިދިނީ ފަލާހުގެ "ކަލާވީ ބޭވަފާ" އެވެ. އުނޫޝާ މީގެކުރިން އެ ލަވަ އަޑުއަހާފައި ނުވި ނަމަވެސް ހަމްދާންގެ ހުށަހެޅުންވަނީ ވަރަށް ބޮޑަށް ކަމުގޮސްފަ އެވެ. އައްފާން އަދި ކުޑައިއްބެއަށްވެސް މި ލަވަ ކަމުދިޔަ އިރު ރަނގަޅު ކޮށްލަންޖެހޭ ކުދިކުދި ކަންކަން ފާހަގަކޮށް ބުނެދިނެވެ.

ސްކޫލް ދައުރުގައި ވަރަށް ބޮޑަށް ބުލީކޮށް ޓީޗަރުންނާއި އެކުވެރިންވެސް ބުނީ ބަރު އަޑަކުން ނޫނީ ރީތިކޮށް ލަވައެއް ނުކިޔޭނެ ކަމަށެވެ. ހާއްސަކޮށް ޓްރިއޯގެ "ޝަކުވާ" އެވެ. ނަމަވެސް އާއިލާއިން ލިބުނު ހިތްވަރާއެކު އަދި އެލަވައިގެ އޮރޖިނަލް ލަަވައިން ހަމޫދު އަހުމަދު ވަނީ އެލަ ރޭ ހުށަހަޅައިދީފަ އެވެ. ޖަޖުންނަށް އެލަވަ ވަނީ ވަރަށް ބޮޑަށް ކަމުގޮސްފަ އެވެ. ޖަޖު އައްފާނު ބުނީ ރޭ އެންމެ ސެލްފް ކޮންފިޑެންސް އާއެކު ލަވަ ކީ ބައިވެރިއަކަށް ހަމޫދުވާނެ ކަމަށެވެ. މުޅި އެއްޗަށް އައްފާން ވަނީ 100 ދީފަ އެވެ.

އަބަދުވެސް ގޭތެރެއިން އިވުނު އެއް ލަވައަށް "ސާދާ މިޒާޖް" ވާނެ އެވެ. ހާއްސަކޮށް ކުޑޭގެ ފަރާތުންނެވެ. މުހައްމަދު ތަސްނީމް (ބޮބް) އިންސްޕަޔާވީ އޭނާގެ ކުޑޭ އާންމުކޮށް އެލަވަ ކިޔާތީ އެވެ. މި ލަވައިންވެސް ޖަޖުން އުފާކޮށްދީ ޖަޖުންގެ ހިތްތަކަށް ބޮބް ވަނީ ވާސިލްވެފަ އެވެ. ޖަޖުންގެ ފަރާތުން ބޮބަށްވަނީ ޕޮޒިޓިވް ކޮމެންޓްތަކެއް ލިބިފަ އެވެ.

އެ ލަވަ އެންމެ ފުރަތަމަ އަހްމަދު ފަރަޝް އަށް އިވުނީ އޭނާގެ މަންމަ ޖަހާތީ އެވެ. ގޭގައި ވަރަށް ގިނައިން ޖަހާ ލަވައަކަށް އެލަވަ ވި އެވެ. މަންމަ އަށް އެންމެ ރީތި އެ ލަވަ ފަރަޝްއަށްވެސް ރީތި ވީ އެވެ. މި ލަވައަށްވެސް ތިން ޖަޖުންގެ ފަރާތުން ލިބުނީ ވަރަށް ޕޮޒިޓިވް ކޮމެންޓުތަކެކެވެ.

ރޭ އެންމެ ފަހުން ލަވަ ހުށަހަޅައިދިނީ އިބްރާހީމް ވަހީދު (ބޮޑުބެ) އެވެ. އޭނާ ރޭ ހުށަހަޅއިދިނީ ދޮހޮއްކޮބޭގެ "ހިތުން ފިލުވޭކަށެއް" އެވެ. މި ލަވައަށް ކޮމެންޓް ކުރަމުން އުނޫޝާ ބުނީ ލަވަ ކިޔާއިރު ލަވައަށް ސަމާލުކަންދޭން ޖެހޭ ކަމަށެވެ. އަދި ނެށުމުގެ ހަރަކާތްތައް ފުރިހަމަކަން ފާހަގަކުރި އެވެ. އިއްބެ އަދި އައްފާންގެ ފަރާތުންވެސް އިތުރު ޕޮޒިޓިވް ކޮމެންޓްތައް ލިބުނެވެ.