މޯލްޑިވިއަން އައިޑޮލް

އައިޑޮލްގެ އަހުލާގުން އާއިލާތައް ވެސް ސިއްސުވާލައިފި

މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއް ފެށިގެން ގޮސް ގާލާ ރައުންޑުގެ ސޯލޯ ހުށަހެޅުންތައް ރޭގައި ވަނީ ފެނިގެން ގޮސްފަ އެވެ. އެންމެ ރަނގަޅު ހުށަހެޅުމެއް ދައްކައިދިނީ މިވެނި ބައިވެރިއެކޭ ބުނަން ނޭނގެ ވަަރަށް ބައިވެރިންގެ ހުށަހެޅުންތައް ރޭގައި ފުރިހަމަ އެވެ. ޖަޖުންނަށް ވެސް މިރޭ ވެގެންދާނީ މިފަހަރުގެ އެންމެ ޓަފު ރެއަށްކަން ޔަގީނެވެ.

ބައިވެރިންގެ ހުށަހެޅުމަށް ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރި އާއިލާތަކަށް ވެސް ރޭ ވަނީ ހުށަހެޅުންތައް ފެނިގެންގޮސްފަ އެވެ. އެހެންވީމަ ރޭގެ ޝޯއަށް އައިޑޮލްގެ މިފަހަރުގެ ބައިވެރިން ތައްޔާރުވެފައި ތިބި މިންވަރު ބަލައިލަމާ ހިނގާށެވެ.

އައިޝަތު ޖައިޝާގެ މަންމަ އިއްޔެ އެއްކޮށް އުޅުނީ ޖައިޝާގެ ހުށަހެޅުން ފެންނަންވާއިރަށް އާއިލާ އެންމެނާ ރައްޓެހިން އެކީގައި އުފަލާއެކު ޝޯ ބެލޭނެ އިންތިޒާމެއް ހަމަޖެއްސޭތޯ އެވެ. މިހާތަނަށް ވެސް އެ އާއިލާއިން ޖައިޝާގެ ފަރާތުން ފެންނާނެ ކަމަށް އުންމީދުކުރި ފެންވަރަށް ޖައިޝާގެ ހުށަހެޅުން ފެނިފައިވާތީ ރޭގެ ހުށަހެޅުން ވެސް ފުރިހަމަވާނެ ކަމާމެދު އާއިލާއިން ޝައްކެއް ނުކުރެ އެވެ. މުޅި އާއިލާ އަދި ރައްޓެހިންގެ ފަރާތުން 100 ޕަސަންޓު ސަޕޯޓު އެބައޮތް ކަމަށް ޖައިޝާގެ މަންމަ ފާތިމަތު ސައީދާ ބުންޏެވެ.

މިއީ ޖައިޝާ މިފަދަ މުބާރާތެއްގައި ލަވަ ކިޔާ ފުރަަތަމަ ފަހަރު ކަމަށާއި އަބަދުވެސް ލަވަ ކިޔަން ބޭނުންވެގެން ޖައިޝާ އުޅޭތީ އޭނާގެ އާއިލާއިން އެ ފުރުސަތު ދިނީ އެވެ. އައިޑޮލް ޓީމުން ބައިވެރިންނަށްދޭ ތައުލީމާއި ތަރުބިއްޔަތު ޖައިޝާގެ މަންމަ ފާހަގަކުރި އެވެ. އަދި އެކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރި އެވެ.

ކުރިން ގަޑިއަށް މާބޮޑު ސަމާލުކަމެއް ނުދެވޭ ހަމޫދު އަހްމަދަށް މި ޝޯ އިން ދަސްވި އެއް ކަންތަކަށް ގަޑިއަށް ހުރުމަތްތެރިކޮށް ހިތުންވާނެ އެވެ. ހަމޫދުގެ އާއިލާއިން އޭނާއަށް އައިސްފަހުރި އެފަދަ އެތައް ބަދަލެއް ފާހަގަކުރި އެވެ. ހަމޫދުގެ އާއިލާ އަދި ސަޕޯޓަރުން ވެސް ރޭގެ ޝޯ ބެލީ ވަރަށް ފޯރިއާ އެކުގަ އެވެ. ހުޅުމާލޭގައި ދިރިއުޅޭ ހަމޫދުގެ އާއިލާ ހަމޫދު މެންގެއަށް އައިސް ޝޯ ބެލިއިރު މާލޭގައި ދިރިއުޅޭ އެންމެންވެސް ޝޯ ބެލީ އެންމެން އެއް ގެއެއްގަ އެވެ. ޝޯ ބެލުމަށްފަހު އޮތީ ވޯޓުލުމާއި ވޯޓު ހޯދުމުގެ މަސައްކަތެވެ.

"ހަމޫދު މީ އަބަދު ވެސް ތަނަކަށް ދިޔަސް އެއާޕޯޓަށް ދިޔައަސް އަދި ޓެކްސީ އަކަށް އެރިޔަސް އެންމެ ފަހުން އެރޭނީ. ކިރިޔަ ކިރިޔާ. އެކަމަކު މިހާރު ބުނޭ ގަޑިއަކަށް ތަނަކަށް ދާން ވެއްޖެޔާ 15 މިނެޓު ކުރިން ތައްޔާރުވެގެން ދާނެޔޭ. ވަރަށް ބޮޑަށް ސެލްޕް ޑިސިޕްލިން ވެސް ރަނގަޅު ވެއްޖެ މި މުބާރާތާއި ގުޅުނު ފަހުން،" ހަމޫދުގެ މަންމަ ހައްވާ ނާސިހާ ބުންޏެވެ.

ރޭގެ ޝޯގައި އަބްދުﷲ ހިޝާންގެ ހުށަހެޅުން މަންމަ ފާތިމަތު ރިޒުމާ އުންމީދުކުރި މިންވަރަށް ދާނެ ކަމަށް ރިޒްމާ ބުންޏެވެ. ރިޒުމާ ބުނީ ކުރިންވެސް ހިޝާން އަކީ އަހުލާގު ރަނގަޅު މަޑުމައިތިިރި ކުއްޖެއް ކަަމަށާއި މިހާރުވެސް އެކަން ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަށެވެ. ރޭގެ ޝޯއަށް ހިޝާންގެ އާއިލާވެސް އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ. ހުޝާން މޯލްޑިވިއަން އައިޑޮލް ސީޒަން ދެ އެއްގެ ޓޮޕް ތިނަކާއި ހަމައަށް ދަތުރު ކުރެވިއްޖެނަމަ މަންމަގެ އުންމީދާއި ހަމައަށް ހިޝާން އަށް ވާސިލް ވެވުނީ އެވެ.

ހަސަން އިރުފާންގެ ހުށަހެޅުން ރަނގަޅުވާނެ ކަމަށް ލަވަ ހުށަހަޅައިނުދެނީސް އޭނާގެ މަންމަ ފާތުމަތު ނާޒްނީނާ ހުރީ ޔަގީން ކޮށްގެންނެވެ. އޭނާގެ މުޅި އާއިލާ އޮތީ އިރުފާންގެ ފަހަތުގައި އޭނާއަށް ސަޕޯޓް ކުރުމުގަ އެވެ. ކުރިންވެސް އޭނާއަށް ދެމުން އައި ސަޕޯޓް ބަދަލުވުމެއް ނެތި އެވެ.

ލަވަ ކިޔުމުގެ ދާއިރާއިން ކުރިއަށް ދާން ޝަޒާ އަބްދުﷲ ރަޝީދުގެ އާއިލާއިން ފުރަތަމަ ހިތްހަމަ ނުޖެހުނެވެ. ނަމަވެސް ޝަޒާގެ ޝައުގުވެރިކަމާއި އޭނާގެ ހުނަރު މޯލްޑިވިއަން އައިޑޮލް އިން ފެންނަން ފެށުމުން މި ދާއިރާއިން ވެސް ކުރިއަށް ދިއުމުގެ ފުރުސަތު ޝަޒާއަށް ދޭން މިއަދު އޭނާގެ އާއިލާއިން ތިބީ މިހާރު ނިންމައިގެންނެވެ. އަދި އެ އާއިލާ މިއަދު ތިބީވެސް ޝަޒާ ބޭނުންވާ ކަހަލަ ފުލް ސަޕޯޓާ އެކުގަ އެވެ. ޝަޒާގެ ރޭގެ ހުށަހެޅުން އެންމެ ފުރިހަމަވާނެ ކަމަށް އާއިލާއިން އުންމީދު ކުރެ އެވެ. އާއިލާގެ އުންމީދަކީ މޯލްޑިވިއަން އައިޑޮލް ޓޮޕް 10 ގައި ޝަޒާ ހިމެނުމެވެ. މި މުބާާރާތުގެ ސަބަބުން ޝަޒާއަށްވެސް ރަނގަޅު އެތައް ބަދަލެއް އައިސްފައިވާކަން އާއިލާއިން ފާހަގަކުރި އެވެ.

މޯލްޑިވިއަން އައިޑޮލް ޓޮޕް 12 ގެ ޕާފޯމަންސް ރޭ މިވަނީ ފެނިގެން ގޮސްފަ އެވެ. ބައިވެރިންނަށް ވޯޓުލާން މިހާރު ވަނީ ހުޅުވާލާފަ އެވެ. ކޮންމެ ނަންބަރަކުން ވެސް ގިނަ ވެގެން 50 އެސްއެމްއެސް ކުރެވޭނެއިރު އެސްއެމްއެސްއަކަށް ތިން ރުފިޔާ ޗާޖްކުރާނެ އެވެ. މި ވޯޓްގެ ކަންކަން ބެލުމަށް ހަވާލުކޮށްފައިވަނީ ކްރޯވް ހޮވަތް އެލްއެލްފީ އޮޑިޓް ފާމާ އެވެ.

މިރޭގެ ހުށަހެޅުމަށް ޖަޖުންދޭ މާކުހާއި ބެލުންތެރިންގެ އެސްއެމްއެސް އެއްކޮށްލުމުން އެންމެ ދަށުން ލިބޭ ބައިވެރިޔާއަށް މުބާރާތާއި ވަކިވާން ޖެހޭނެ އެވެ. އެލިމިނޭޝަން އޮންނާނީ މިރޭ އެވެ.