ކުޅިވަރު

އަޑިއަޅާލުން އެއީ ޒިދާންގެ ރަދީފުގައި ހިމެނޭ ބަހެއް ނޫން

Mar 4, 2017
1

ތާވަލުގެ އެއް ވަނައިގައި ހިފެހެޓުމަށްފަހު، މިދިޔަ ހަފުތާގައި، ރެއާލް ވެއްޓުނީ ދެ ވަނަ އަށެވެ. މިދިޔަ މަހު، ސްޕެނިޝް ކަޕުން ކެޓީ އެވެ. ސްޕެނިޝް ލީގްގައި ވެލެންސިއާ އަތުން، ބަލިވީ، ކަން ހިނގީ ރެއާލްގެ ކުޅުންތެރިންނާއި ސަޕޯޓަރުން ހީކޮށްގެން ތިބި ގޮތަކަށް ނޫނެވެ. ލަސްޕަލަމްސް އަތުން ބަލި ނުވެ ސަލާމަތްވީ ހަމަ ކިރިޔާ އެވެ. މިހާ ހިސާބުން އުފައްދަން ޖެހޭ ސުވާލަކީ ރެއާލް މެޑްރިޑް އަޑި އަލާލީ ހެއްޔެވެ.

ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނީ، އަޑިއަޅާލުން އެއީ އޭނާގެ ރަދީފު ގައި ހިމެނޭ ބަހެއް ނޫން ކަމަށެވެ. އަދި ރެއާލް އަޑިއަޅާލަން ޖެހޭ، އެއްވެސް ސަބަބެއް އޮތް ކަމަކަށް ޒިދާން ގަބޫލެއް ނުކުރެ އެވެ. ރެއާލް އަޑި އަޅާލީތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން، ޒިދާން ބުނީ މިހެން ނެވެ.

"ވަރަށް ގިނަ ނެގެޓިވް ކަންކަން އެބަހުރި، ނަަމަވެސް، ރަނގަޅު ނަތީޖާ ނުލިބިއްޖެއްޔާ، ތި ސުވާލު އުފައްދާނެ،" ޒިދާން ބުންޏެވެ.

ޒިދާން އަށް އޮތް ޔަގީން ކަމަކީ، ރެއާލް އޭނާ ބަދަލު ކޮށްލެވޭނެ ކަމެވެ. މިދިޔަ އަހަރު ޒިދާން ވަނީ އެކަން ސާބިތު ކޮށްދީފަ އެވެ. ރެއާލްއާ އޭނާ ހަވާލުވިއިރު، ތާވަލުގެ އެއް ވަނައިގައި އޮތް ބާސެލޯނާ އާ ދެމެދު 13 ޕޮއިންޓްގެ ބޮޑު ފަރަގެއް ހުއްޓެވެ. އަދި ރެއާލް އޮތީ ތާވަލުގެ ތިން ވަނައިގަ އެވެ. ނަމަވެސް ލީގް ނިންމާލީ ބާސާގެ ފަހަތުން ދެ ވަނައިގައި އޮވެ، އެންމެ ޕޮއިންޓެއްގެ ފަރަގާކާ އެކު އެވެ.

އަލުން އެއް ވަނަ އަށް އެރުމަށް ރެއާލް އަށް އޮތީ ޕޮޒިޓިވް ވިސްނުމެއްގައި މަސައްކަތް ކުރުމެވެ.

"އަހަރެމެން ޖެހޭނީ ޕޮސެޓިވް ވާން، އަދި އަހަރެމެންނަށް ކުރެވޭ ކަންތައްތަކަށް ވަރަށް ރަނގަޅަށް ފޯކަސް ކުރަން، އަހަރެމެންނަށް އެނގޭ އަހަރެމެން ކުރަން ޖެހޭ ކަމަކީ ކޮބައިކަން، އަދި އަހަރުމެންގެ ކިބައިގައި އެކަން ކުރުމުގެ ފެންވަރުވެސް އެބަހުރި،" ޒިދާން ބުންޏެވެ. "އަހަރެންގެ ޑިކްޝަނަރީގައި އަޑިއަޅާލުން އެއީ ހިމެނޭ ބަހެއް ނޫން، ކޮންމެ ތިން ދުވަހަކުން އެއަށްވުރެ މާ ރަނގަޅަށް ކަންކަން ކުރުމުގެ ފުރުސަތު އަހަރެމެންނަށް ލިބޭ،"

ރެއާލް އަށް މިރޭ އޮތީ އެއިބާއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗަށް ޒިދާން ވަނީ، ޓީމަށް ބައެއް ބަދަލުތައް ގެންނަން ނިންމާފަ އެވެ. އެގޮތުން ކޮންމެ މެޗެއްގައި ފުލުކޮށް ކުޅޭ، ކްރިސްޓިއާނޯ ރޮނާލްޑޯ އަށް މިރޭގެ މެޗުގައި ރެސްޓް ދޭނެ އެވެ. ސަސްޕެންޝަންގެ ސަބަބުން، ގެރެތު ބޭލް އަށް ވެސް ނުކުޅެވޭނެ އެވެ. އެހެންވެ މިރޭގެ މެޗުގައި ފުރަތަމަ އެގާރައިން ލޫކަސް ވަޒްކޭޒް އަށް ފުރުސަތު ދޭނެ ކަމަށް ބެލެވެ އެވެ.