ކުޅިވަރު

ޑޯޓްމަންޑަށް ހިތްވަރު ލިބުނީ ބާސާ އާއި އާސެނަލްއިން

Mar 4, 2017

ބްރޫޝިއާ ޑޯޓަމަންޑްގެ މަސައްކަތުގައި، އޭނާ އަށް އެންމެ ބޮޑު ހިތްވަރެއް ލިބެނީ ބާސެލޯނާ އާއި އާސެނަލްގެ ކުޅުމުގެ ސްޓައިލުން ކަމަށް، ޑޯޓަމަންޑްގެ ކޯޗް، ތޯމަސް ޓޫހެލް ބުނެފި އެވެ.

މި ސީޒަނަށް ފަހު، ލުއިސް އެންރީކޭ ބާސާގެ ކޯޗް ކަން ދޫކޮށްލާތީ، ބާސާއިން ދަނީ އާ ކޯޗަކު ހޯދަމުން ނެވެ.

އާސެނަލްގެ ކޯޗް، އާސެން ވެންގާ ވެސް، އޭނާ އާސެނަލްއާ އެކު ހަދާފައިވާ، ކޮންޓްރެކްޓް މި ސީޒަންގެ ނިޔަލަށް ހަމަ ވާނެ އެވެ. މިދިޔަ 20 އަހަރު ވަންދެން އާސެނަލްގެ ކޯޗް ކަން ކުރި ވެންގާ އަލުން ކޮންޓެރެކްޓް އާ ކުރާނެ ކަމުގެ އެއްވެސް އިޝާރާތެއް އާސެނަލްގެ މެނޭޖްމެންޓުން މިހާތަނަށް ދީފައެއް ނުވެއެވެ. އެ ދެ ކޯޗުންގެ މަގާމު ހުސްވާނެ ކަމަށް ބެލެވެމުން އަންނައިރު، އެ ދެ މާގަމު ފުރާނެ ކަމަށް ބެލެވޭ ކޯޗުންގެ ލިސްޓްގައި ޓޫހެލްގެ ނަން ވެސް ހިމެނެ އެވެ.

އެކަމާ ބެހޭގޮތުން ސުވާލު ކުރުމުން، އޭނާ ވަނީ، އޭނާގެ ކުރިމަގާ ބެހޭގޮތުން ވާހަކަ ދައްކަން ދެކޮޅު ހަދާފަ އެވެ.

"ހަމަލާ އުފައްދައިގެން ކުޅުމުގައި އާސެނަލް އާއި ބާސެލޯނާ ކުޅެނީ އާދަޔާ ހިލާފު މޮޅަށް، އެހެންވެ އެ ދެ ޓީމަކީ އަހަންނަށް ވަރަށް ބޮޑު ހިތްވަރެއް ވަނީ ލިބިފަ، އަދި އެކަމުން އަހަރެންގެ މަސައްކަތަށް ބޮޑު ނުފޫޒެއް އެބައޮތް،" ޖަރުމަން ލީގްގައި، މިރޭ ބަޔާން ލެވަކޫސަންއާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން ޓޫހެލް ބުންޏެވެ.

ލެވަކޫސަންއާ ދެކޮޅަށް، މިރޭ ކުޅޭ މެޗުގައި، މާރިއޯ ގޮޓޭޒް އަށް ފުރުސަތު ދޭނެ އެވެ. އެއީ އަނިޔާގެ ސަބަބުން، އެންމެ ފަހުން ކުޅުނު ހަ މެޗުގައި ކުޅެފަ އެއް ނުވެއެވެ.