ދުނިޔޭގެ އެކި ގައުމުތަކުގައި ތަފާތު ބަސް ބަހުން ނެރެމުން އަންނަ މަޝްހޫރު އެމެރިކަން ފެޝަން އެންޑް ސްޓައިލް މެގަޒިންގެ 22 ވަނަ އެޑިޝަން އަކީ ވޯގް އަރަބިއާ އެވެ.
މި އެޑިޝަންގެ ފުރަތަމަ މޫނަކީ ފަލަސްތީން އަދި ނެދަލެންޑަށް ނިސްބަތްވާ މޮޑެލް ޖީޖީ ހަދީދް 21، އެވެ.
ވޯގް އަރަބިއާގެ ފުރަތަމަ ނެރެފައިވަނީ އަރަބި ބަހާއި އިނގިރޭސި ބަހުން ދެ މެގަޒިން އެއް ގޮތަށެވެ.
ކަޅާއި ހުދުން ފެންނަ ޖީޖީގެ ފުރަތަމަ ކަވާ ފޮޓޯގައި ފެންނަނީ އެމްބްރޮއިޑަރީ ތުނި ފޮތިކޮޅަކުން މޫނުގެ އެއްފަޅި ނިވާކޮށްފަ އެވެ. އަދި ދަނބާއި ފިޔާތޮށި ކުލައިގެ ފޮތިކޮޅަކުން ބޯ ނިވާކޮށްފައިވާ ދެ ފޮޓޯ އެއް ވެސް ޝާއިއު ކޮށްފައިވާ ފޮޓޯ އެކެވެ.
ވޯގް އަރަބިއާގެ ޗީފް އެޑިޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަނީ ސައުދީ ޕްރިންސަންސް ދީނާ އަލްޖުހާނީ އަބުދުލް އަޒީޒް އެވެ.
މިދިޔަ 2016 ވަނަ އަހަރު މޮޑެލް އޮފް ދަ އިޔާ ވެސް ލިބުނު ޖީޖީ ހަދީދް ބުނެފައިވަނީ ފަލަސްތީނަށް ނިސްބަތްވުމަކީ އޭނާ އަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
މިހާރު އެމެރިކަން ސިޓިޒަންޝިޕް އޮންނަ މޮޑެލް ޖީޖީ ބުނެފައިވަނީ ވޯގް އިންޓަނޭޝަނަލްގެ އެންމެ ރީތި ކަމަކީ ފެޝަންގެ ދުނިޔޭގައި އެކި ގައުމުތަކުގެ ތަފާތު ސަގާފަތް ހިއްސާ ކުރުމަށް ފުރުސަތު ލިބިގެން ދިއުން ކަމަށެވެ. އަދި ވޯގް އަރަބިއާ އަކީ ފެޝަން އިންޑަންސްޓްރީ އަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ.
ވޯގް ގެ ފުރަތަމަ އަދަދު އެމެރިކާގައި ނެރެފައިވަނީ 1892 އަހެރެވެ. އަދި ވޯގް ގެ ފުރަތަމަ އިންޓަނޭޗަނަލް އެޑިޝަން ނެރެފައިވަނީ 1916 ވަނަ އަހަރެވެ. ވޯގް އަރަބިއާ 22 ވަނަ އަދަދު ނެރެފައިމިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އެވެ.