އެމްޓީސީސީ

700 ވަޒީފާއާއެކު ފެށި "ޖޮއިން ޓީމް އެމްޓީސީސީ" އަށް ބޮޑު ތަރުހީބެއް!

މޯލްޑިވްސް ޓްރާންސްޕޯޓް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ގާތްގަނޑަކަށް 700 ވަޒީފާގެ ފުރުސަތުތަކާ މިއަދު ފެށި ޖޮބް ފެއާއަށް އާންމުންގެ ބޮޑު ތަރުހީބެއް ދީފި އެވެ.

"ޖޮއިން ޓީމް އެމްޓީސީސީ" ގެ ނަމުގައި ސޯޝަލް ސެންޓަރުގައި މިއަދު ހަވީރު 4:00 ޖެހި އިރު ފެއާ ހުޅުވާދެއްވީ އެ ކުންފުނީގެ ޗެއާމަން އަހުމަދު ނިޔާޒު އާއި ޔޫތް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އަލީ ޒަކީ އެވެ.

ފެއާއާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީނިއާ މެނޭޖާ ފާތިމަތު ޖަބީން މިއަދު ވިދާޅުވީ ޖޮއިން ޓީމް އެމްޓީސީސީ ފެށިތާ ގަޑިއިރެއް ތެރޭގައި 800 އެއްހާ މީހުން އެ ފެއާއަށް ޒިޔާރަތް ކުރި ކަމަށާއި އޭގެ ތެރެއިން ދެބައި ކުޅަ އެއްބައި މީހުން ވަޒީފާތަކަށް ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ވަޒީފާއަށް އިންޓަވިއު ކުރުންވެސް ފެއާގައި ކުރިޔަށް ދާނެ ކަމަށާއި ބައިވެރިވެވޭނީ ސީވީއާއެކު ތައްޔާރުވެގެން ފެއާއަށް ދާ ފަރާތްތަކަށް ކަމަށެވެ.

"މިއީ ހަމައެކަނި ވަޒީފާ ހޯދައިދޭ ފެއާއެއް ނޫން. މި ފެއާއަކީ އެމްޓީސީސީގައި މި ވަގުތު ހުރި ފުރުސަތުތައް ތައާރަފުކޮށްދީ އެ ކުންފުނި ދަސްކޮށްދީ އެތަނުގައި ވަޒީފާ އަދާ ކުރަންވީ ސަބަބުތައް ކިޔާދިނުންވެސް ހިމެނޭ ފެއާއެއް. އެގޮތުން ވަޒީފާއަށް އެޕްލިކޭޝަން ހުށަހެޅުމުގެ އިންތިޒާމްވެސް ވަރަށް ފަސޭހަ ގޮތަކަށް ރާވާފައި ވާނެ. އެހެންވެ ގިނަ އަދަދަކަށް މީހުން މިއަދުވެސް އައި،" ޖަބީން ވިދާޅުވި އެވެ.

ޖަބީން ވިދާޅުވީ އެ ޖޮބް ފެއާ މެދުވެރިކޮަށް ގިނަ ދާއިރާތަކަށް ވަޒީފާއަށް ހުށަހެޅުމުގެ ފުރުސަތު އޮތް ކަމަށާއި ނަމަވެސް އެންމެ ބޮޑަށް އިސްކަން ދޭނީ ފަންނީ ދާއިރާތަކަށް ކުރިމަތިލާ ފަރާތްތަކަށް ކަމަށެވެ. އެ ދާއިރާއިން ވެސް 100 އެއްހާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ހޯދައިދޭނެ ކަމަށް ޖަބީން ވިދާޅުވި އެވެ.

"ޖޮއިން ޓީމް އެމްޓީސީސީ" ފެއާ ކުރިޔަށް ދާނީ މިރޭ 10:00 އާ ހަމައަށެވެ. ފެއާގައި އެމްޓީސީސީއިން މަޝްރޫއުތަކުގައި ބޭނުންކުރާ ތަކެތި ދައްކާލުމާއެކު ކުޑަކުދިންނަށް ހަވީރެއް ވެސް ވަނީ ބާއްވާފަ އެވެ. އަދި އެ ކުންފުންޏާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަންތައް ވެސް ކުރިޔަށް ދިޔައެވެ.