މުހައްމަދު ހަމްދާން މޯލްޑިވިއަން އައިޑޮލް ސީޒަންދެ އެއްގެ ގާލާ ރައުންޑުގެ ފުރަތަމަ ބުރާ ހަމައިން މުބާރާތާއި ވަކިވެއްޖެ އެވެ.
ހަމްދާން ޝޯއާ ވަކިވާން ޖެހުނީ ޖަޖުންގެ މާކުސް އާއި ބެލުންތެރިންގެ ވޯޓު އެއްކޮށްލުމުން އެންމެ މަދުން މާކްސް ލިބުމުންނެވެ.
މުހައްމަދު ހަމްދާން ރޭ ހުށަހަޅައި ދިނީ ފަލާހުގެ "ކަލާވީ ބޭވަފާ" އެވެ. އުނޫޝާ މީގެ ކުރިން އެ ލަވަ އަޑުއަހާފައި ނުވި ނަމަވެސް ހަމްދާންގެ ހުށަހެޅުންވަނީ ވަރަށް ބޮޑަށް ކަމުގޮސްފަ އެވެ. އައްފާން އަދި ކުޑައިއްބެއަށް ވެސް މި ލަވަ ކަމުދިޔަ އިރު ރަނގަޅު ކޮށްލަންޖެހޭ ކުދިކުދި ކަންކަން ފާހަގަކޮށް ބުނެދިނެވެ.
ހަމްދާންގެ އެހެން ހުށަހެޅުންތަކަށް ޖަޖުންގެ ފަރާތުން މީގެ ކުރިން ވަނީ ރަނގަޅު ކޮމެންޓްތަކެއް ލިބިފަ އެވެ.
މޯލްޑިވިއަން އައިޑޮލްގެ މި ސީޒަންގެ ޓޮޕް 11 އަށް ދަތުރުކޮށްފައި މިވަނީ މުހައްމަދު ރީހާން، މުހައްމަދު ތަސްނީމް (ބޮބް)، ޝަޒާ އަބްދުﷲ ރަޝީދު، އިބްރާހީމް ވަހީދު އަދި ޝަމްވީލް މުހައްމަދު އެވެ. އަދި، އަހްމަދު ނަބީލް، ހަމޫދު އަހްމަދު، ހަސަން އިރުފާން، އަހްމަދު ފަރަޝް، އައިޝަތު ޖައިޝާ، އަބްދުﷲ ހިޝާން އެވެ.