ރިޕޯޓް

ފ ގެ ބިޔަ މަޝްރޫއުން އޮތީ ކޮން ފައިދާއެއް؟

  • މަޝްރޫއު ހިންގާނީ ސައުދީ ސަރުކާރަކުން ނޫން
  • ވިއްކާލުމަކީ އަދި ކުރެވެން އޮތްކަމެއް ނޫން
  • ރާއްޖޭގެ އިގްތިސާދުގެ މިސްރާބު ބަދަލުކޮށްލާނެ

ރާއްޖޭގައި މިވީ ތާރީހުގެ ތެރެއިން ދެކެފައިނުވާވަރުގެ ބިޔަ މަޝްރޫއެއް ފ. އަތޮޅާ ދިމާލަށް މިވަނީ މިޝްރާބު ޖަހާފަ އެވެ. އެ މަޝްރޫއުގެ ތަސްވީރު ފެނިގެން ދަނީ ބޭރު ގައުމުތަކުގެ އެންމެ ތަރައްގީ ސިޓީއެއް އޮންނަ ފަދަ ގޮތަށެވެ. އެހާ އުއްމީދީ ތަސްވީރެއް ފެންނަމުން ދިޔަ ނަމަވެސް އެ މަޝްރޫއާ ގުޅޭ ގޮތުން އެތައް ސުވާލެއް ދަނީ ކުރެވެމުންނެވެ. އެތައް ތުހުމަތުތަކެއް ވަނީ ކޮށްފަ އެވެ. އެކި އަޑުތައް ވަނީ އިވިފަ އެވެ.

އެންމެ ގަދައަށް އިވޭ އަޑަކީ ރާއްޖޭގެ ބައެއްގެ ގޮތުގައި ކުރިއަށް އޮތްތާ ފ. އަތޮޅު ނޯންނާނެ ވާހަކަ އެވެ. ފ. އަތޮޅު ސައުދި އަރަބިއްޔާއަށް ވިއްކާލާ ވާހަކަ އެވެ. މުޅި އަތޮޅަކީ ސައުދީގެ ޝާހީ އާއިލާގެ މިލްކަކަށްވާކަމުގެ ވާހަކަ އެވެ. އެކަމަކު މިއީ ވެދާނެ ކަމެއް ހެއްޔެވެ؟ އެ ފުރުސަތު ރާއްޖޭގެ ގާނޫނުތަކުން ލިބޭ ހެއްޔެވެ؟

ނުލިބެ އެވެ. ރާއްޖޭގެ ގާނޫނު އަސާސީއަށް މިވެރިކަމުގައި އިދިކޮޅު ފަރާތްތަކުގެ ވެސް ތާއިދާއެކު ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން ވެސް ރާއްޖޭގެ އަތޮޅެއް ކީއްކުރަން ބިމެއް ވެސް ވިއްކައިނުލެވޭނެކަން އެނގެން އޮވެ އެވެ. ގާނޫނު އަސާސީގައިވާ ގޮތުން ރާއްޖޭގެ އެއްވެސް ބިމެއް ކުއްޔަށް ނުވަތަ އެ ނޫން ގޮތަކަށް ވެސް ދޫކުރެވެނީ 99 އަހަރަށެވެ. މިހާރު ވެސް އެގޮތަށް ރާއްޖޭގެ އެތައް ބިމެއް ކުއްޔަށް ދޫކޮށްފައިވެ އެވެ.

ދެން އޮތީ މިލްކުރެވޭ ގޮތެވެ. ރާއްޖޭގެ ބިމެއް މިލްކުކުރެވޭނީ އެއް ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރުމަށް ދޫކުރެވޭ ބިމެއް ކަމަށްވާނަމަ އެވެ. އަދި އެ މަޝްރޫއެއް ނިމޭއިރު މަޝްރޫއު ހިންގާ ސަރަހައްދުގައި މެދުދިޔައިގައި ކަނޑުގެ ސަތަހުން މައްޗަށް ހިކިފައި އޮންނަ ޖުމްލަ ބިމުގެ މަދުވެގެން 70 އިންސައްތަ ބިމަކީ އެ މަޝްރޫއަށް ހިއްކާފައިވާ ބިން ކަމަށްވާން ޖެހޭނެ އެވެ. މިފަދަ ގޮތަކަށް ދޫކުރެވޭ ބިމަކީ ރާއްޖޭގެ މުޅި ސަރަހައްދުގައި ހުރި އުފެދިފައިވާ ބިމުގެ ޖުމްލައިގެ ދިހައެއް އިންސައްތައަށްވުރެ އިތުރުވެގެން ވެސް ނުވާނެ އެވެ. އަދި، އެފަދަ ބިމެއް އަލުން ދައުލަތަށް ނެގޭނެ ގޮތަށް ވެސް ގާނޫނުގައިވެ އެވެ. ހަމައެހެންމެ ރާއްޖޭގެ ބިމެއް މިލްކުކުރެވުނު ނަމަވެސް އެ ސަރަހައްދުގައި ރާއްޖޭގެ ގާނޫނު އަސާސީ އާއި ދިވެހި ދައުލަތުގެ ސިޔާދަތީ ބާރުތައް ފުރިހަމައަށް ހިންގާނެ އެވެ.

"ރާއްޖޭގެ ފަސްގަނޑެއް ވިއްކާލަނީއެއް ނޫން، ކޮންމެ އިންވެސްޓްމެންޓަކަށް ވެސް ބިން ދޫމިކުރަނީ، ފ. އަތޮޅު އެއްކޮށް ވިއްކާލާ ވާހަކަ ދެއްކިޔަސް އެއީ ގާނޫނުން ކުރެވެން އޮތް ކަމެއް ނޫން، މި ދެކެވެނީ ފ. އަތޮޅަށް ވެސް އަންނާނެ ކަމަށް ލަފާކުރެވޭ އިންވެސްޓްމެންޓެއްގެ ވާހަކަ، އެ އިންވެސްޓްމެންޓެއްގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ފައިދާވެގެން ދާނެ އިންވެސްޓްމެންޓެއްގެ ވާހަކަ،" ރައީސް އޮފީހުގެ މިނިސްޓަރު އަދި އީވައިސީގެ ޗެއާ އަހުމަދު ޒުހޫރު ވިދާޅުވި އެވެ.

ސައުދީ ސަރުކާރަކުން ނޫން، މަހުޖަނުން

ފ. އަތޮޅު މަޝްރޫއަކީ ސައުދީ ސަރުކާރުން ހިންގާ މަޝްރޫއެއް ނޫނެވެ. އެ މަޝްރޫއަކީ ސައުދީ މަހުޖަނުންތަކެއް އިންވެސްޓްކުރާނެ މަޝްރޫއެކެވެ. އެހެން ނަމަވެސް މަޝްރޫއާ ގުޅޭ ގޮތުން އެންމެ ބޮޑަށް އަމާޒުވަމުން އަންނަ ފާޑުކިޔުމަކީ މިއީ އެވެ. މި މަޝްރޫއަކީ ގައުމު މިނިވަންކަމާއި އިސްތިގުލާލަށް ބެހެމަށް ފުރުސަތު ހުޅުވިގެންދާނެ ކަމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެހެން ގައުމެއްގެ އަތް ދަށަށް ރާއްޖެ ގޮސްދާނެ ކަމަށް ދަނީ ބުނަމުންނެވެ. ހަގީގަތުގައި ވެސް އެހެންވެއްޖެނަމަ އެއީ ވަރަށް ބޮޑު ގެއްލުމެކެވެ. ނަމަވެސް އެހެން ވެދާނެ ހެއްޔެވެ؟ އެ ފުރުސަތު ވެސް އެބަ އޮތް ހެއްޔެވެ؟

"އެފަދަ ކަމެއް ނެތް ވާކަށް، އެއީ މިއަދުގެ ދުނިޔެއަކީ ހުޅުވާލެވިފައިވާ ދުނިޔެއެއް، ޔޫއެން ބޮޑީއެއްގެ ތެރޭގައި މެންބާސްގެ ގޮތުގައި އެންމެން ވެސް މަސައްކަތް ކުރަނީ، އެއްވެސް ބަޔަކަށް ކިތަންމެ ކުޑަ ނަމަވެސް އެއްވެސް ސްވޮރެންޓީއެއްގެ މައްޗަށް ބާރެއް ނުފޯރުވޭނެ، ފޯރުވޭނަމަ މިއަދު އަޅުގަނޑުމެންގެ މައްޗަށް ބާރު ފޯރުވައި އޮންނާނީ ކޮންމެ ވެސް އެއް ބަޔަކަށް ކޮލަނައިޒަކަށް ހަދާފަ، އެހެންވީމަ އެފަދަ އިންވެސްޓްމެންޓްތައް މިތާ ހުރިއްޔާ އަޅުގަނޑުމެންގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރު ބާރެއް އެ ލިބިދަނީ، އެއީ އޭރަށް އެފަދަ އިންވެސްޓްމެންޓްތައް ވެސް މަސައްކަތް ކުރާނެ ބައިނަލްއަގްވާމީ މުޖުތަމައުގައި ރާއްޖެ ރާއްޖޭގެ ގޮތުގައި ދެމެހެއްޓުމަށް،" ޒުހޫރު ވިދާޅުވި އެވެ.

"އެހެންވީމަ ރާއްޖޭގައި ސަލާމަތާއި ރައްކާތެރިކަން އެފަދަ އިންވެސްޓްމެންޓްތަކުން ބެލެންސް ވަނީ، ރާއްޖޭގައި އިންވެސްޓްކުރަނީ އެއް ގައުމަކުން ނޫން، މިހާރު ވެސް އެކި ގައުމުތަކުން ބޮޑެތި މަހުޖަނުން އެކި ފެންވަރުގައި ރާއްޖޭގައި އިންވެސްޓްކޮށްފައި އެބަހުރި، ޔޫރަޕް ވިޔަސް އެފްރިކާ ވިޔަސް،"

ފ. އަތޮޅު މަޝްރޫއަކީ ސައުދީ ސަރުކާރުން ހިންގާ މަޝްރޫއެއް ނޫން ކަމާއި އެ މަޝްރޫއަކީ ސައުދީގެ މަހުޖަނުންތަކެއް ޝައުގުވެރިވެފައިވާ މަޝްރޫއެއްކަން އަންގައިދޭ އެންމެ ބޮޑު ކަމަކީ ރަސްގެފާނު ސަލްމާން ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ އެޖެންޑާގައި އެ މަޝްރޫއާ ގުޅޭ އެއްވެސް ކަމެއް އަދި ހިމެނިފައިނުވުމެވެ.

"ސައުދީގެ މުއްސަނދިންގެ ފަރާތުން އަންނަ މަޝްރޫއެއް މިއީ، އެ ގައުމުގެ ސަރުކާރުން ހިންގާ މަޝްރޫއެއް ނޫން، އެހެންވީމަ އެހެން ގައުމަކަށް ވިއްކާލަނީއޭ ބުނެވޭނީ ވެސް އެހެން ގައުމެއްގެ ސަރުކާރުން މަޝްރޫއެއް އެތާ ހިންގާނަމަ، ސައުދި އަރަބިއްޔާގެ ޝާހީ އާއިލާއަކީ ވެސް މުއްސަނދި ބައެއް، އެހެންވީމަ އެ މަޝްރޫއުގެ ތެރޭގައި އެ އާއިލާއިން ވެސް އިންވެސްޓްކޮށްފާނެ، އެ ބޭފުޅުންގެ އިންވެސްޓްމެންތައް މުޅި ދުނިޔޭގައި އެބަހުރި، އެހެންވެގެން ނަމަވެސް ދުނިޔޭގައި މި އެނބުރޭ ފައިސާ ޖަމާވާ ތަނަކަށް ރާއްޖެ ވެއްޖެނަމަ މާ އުފާވާނެ،" ޒުހޫރު ވިދާޅުވި އެވެ.

އެއް ފަސްކުރުމަކީ އަމާޒެއް، މަޝްރޫއާ ގުޅުމެއް ނެތް

ފ. އަތޮޅުގައި ސައުދީން ހިންގަން ބޭނުންވާ މަޝްރޫއަށް އެ އަތޮޅުގެ ބައެއް ރަށްރަށުން މީހުން ހުސްކޮށް، އެހެން ރަށްތަކަށް ބަދަލުކުރާ ވާހަކައަކީ ވެސް މިހާރު ވަރަށް ބާރަށް ދެކެވޭ ވާހަކައެކެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންގެ ހިތްތަކަށް ނުތަނަވަސްކަން ވެސް ވެރިވެފައިވާ ކަމެކެވެ.

ސައުދީއަށް މުޅި އަތޮޅުދޭ ވާހަކަ ދެއްކި ނަމަވެސް އެކަން ވާން ނެތްކަން އެނގޭއިރު، އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތައް މަޝްރޫއަށް ދޫކުރުމަށް ނިންމާފައެއް ނުވެ އެވެ. ނަމަވެސް މިނިސްޓަރު ޒުހޫރު ވިދާޅުވީ، އެއް ފަސްކުރުމަކީ އަބަދުވެސް ސަރުކާރުން ގެންގުޅޭ ސިޔާސަތެއް ކަމަށެވެ. އެހެންކަމުން ފ. އަތޮޅުގެ މީހުން މަދު ރަށްރަށް އެއް ފަސްކުރުމުގެ ސިޔާސަތުގެ ދަށުން ހުސްކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

"ސަރުކާރުގެ އަބަދުވެސް ޕްލޭނެއް އެއް ފަސްކުރުމަކީ، ތަނަކު ބަޔަކު އިންވެސްޓްކުރާތީ ރަށަކުން މީހުން ބޭލުމަކީ ސަރުކާރުގެ ވިސްނުމެއް ނޫން،"

ފައިނޭންޝަލް ހަބަކަށް ރާއްޖެ

ރާއްޖޭގައި މިފަދަ ގޮތަކަށް ހިންގޭ މިއީ ފުރަތަމަ މަޝްރޫއު ނަމަވެސް މިއީ ދުނިޔޭގެ އެހެން ގައުމުތަކުން އަޖުމަކޮށްފައިވާ ފަދަ މަޝްރޫއުތަކެކެވެ. މި މަޝްރޫއަކީ ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓެއް ކަމަށްވީ ނަމަވެސް މީގެން ދިވެހިންނަށް އޮތް ފައިދާ ވަރަށް ވެސް ބޮޑެވެ. މަޝްރޫއަށް ބިން ދޫކުރަނީ ރިސޯޓް ތަރައްގީކުރުމަށް ބިން ދޫކުރާ އުސޫލުން ކަމަށްވީ ނަމަވެސް މި މަޝްރޫއުގެ ތެރޭގައި ދިވެހިންނަށް ޝާމިލުވެވޭ މިންވަރު ރިސޯޓްތަކަށްވުރެ ބޮޑުވާނެ އެވެ.

"ފ. އަތޮޅު ފަދަ މަޝްރޫއުއަކީ ދިވެހިންނަށް އެންމެ ފައިދާކުރާނެ އިންވެސްޓްމެންޓް، އެއީ ރިސޯޓެއް ވެއްޖަ ކަމަށްވާނަމަ ދިވެއްސަކަށް ނުދެވޭނެ ދެއްތޯ އެތާކަށް އޭގެ ބޭނުން ކުރާކަށް، އެކަމަކު މިފަދަ އިންވެސްޓްމެންޓަތަކީ އޭގެ އެކްސެސް ކޮންމެ ދިވެއްސަކަށް ވެސް އޮތް އިންވެސްޓްމެންޓްތައް، އެކަމަކު ރިސޯޓަަށް ބިން ދޫކުރާ އުސޫލަށް މި މަޝްރޫއަށް ވެސް ބިން މި ދޫކުރަނީ، ތަފާތަކީ މިފަދަ ބިންތައް ނަގަން ބޭނުންވެއްޖެނަމަ ބަދަލުދީފަ ނެގޭނެ ކަމަށް ވެސް ގާނޫނުގައި ބުނެފައިވުން،" ޒުހޫރު ވިދާޅުވި އެވެ.

އެތައް ބިލިއަން ޑޮލަރެއްގެ މި މަޝްރޫއުގެ ސަބަބުން ދުނިޔޭގައި އެނބުރޭ ފައިސާތައް ޖަމާވާ، ފައިނޭންޝަލް ހަބަކަށް ރާއްޖެވުމަކީ ވެސް މި މަޝްރޫއާމެދު ކުރެވޭ އުއްމީދެކެވެ. އެ ފުރުސަތު އެބަ އޮތެވެ. އަނެއް ނިއުޔޯކަކަށް ރާއްޖެވުމުގެ ފުރުސަތު މި މަޝްރޫއުގެ ތެރެއިން އެބަ އޮތެވެ. ޒުހޫރު ވިދާޅުވީ، މަޝްރޫއުގެ ދަށުން ރާއްޖޭގައި އުފެދޭ ސިޓީގައި ބޮޑެތި ބޭންކްތައް ވެސް ހުންނާނެ ކަމަށެވެ. އަދި، ފައިނޭންޝަލް ސެންޓަރުތައް ވެސް ގާއިމުވެގެންދާނެ ކަމަށެވެ. އެހެންވެއްޖެ ކަމަށްވާނަމަ މުޅި އަރަބި ދުނިޔޭގެ ފައިސާގެ ސެންޓަރަކަށް ރާއްޖެ ވާނެ ކަމަށެވެ.

"އެހެންވެއްޖެ ކަމަށްވާނަމަ އޭގެން ލިބޭ ޓެކްސްއަކުން ވެސް އިތުރު ކަމެއް ނުކޮށް ކައިބޮއިގެން އުޅޭވަރު ދިވެހިންނަށް ވާނެ، އެހެންވީމަ މި ދައްކަނީ ކްރިއޭޝަނެއްގެ ވާހަކަ، އިކޮނޮމީއަކީ ވެސް ކްރިއޭޓްކުރަން ޖެހޭ އެއްޗެއް، ޑްރައިވް ކުރަން ޖެހޭ އެއްޗެއް، މި ސަރުކާރު ވިސްނުން ހުރީ އިކޮނޮމީ ރަނގަޅު މިސްރާބަކަށް ގެންދިޔުން، މިކުރަނީ އެ މަސައްކަތް،" ޒުހޫރު ވިދާޅުވި އެވެ.

ދެން ވެސް ހަމަ މި މަޝްރޫއުން އޮތީ ހަމަ އެތައް ގިނަ ފައިދާތަކެވެ. މި މަޝްރޫއުގެ ދަށުން ފ. އަތޮޅުގައި ބިޔަ ފެކްޓްރީތަކާއި ޕޯޓްތަކާއި އެއާޕޯޓްތައް ގާއިމުކުރެވިގެންދާނެ އެވެ. ވިޔަފާރީގެ މައި މަރުކަޒަކަށް އެ ސަރަހައްދު ވެގެން ދާނެ އެވެ. އެ ފެކްޓްރީތަކުން އުފައްދާ ތަކެތި ބޭރަށް އެކްސްޕޯޓް ވެސް ކުރާނެ އެވެ. އެހެންވެއްޖެނަމަ ރާއްޖޭގެ އެކްސްޕޯޓް ވެލިއު މައްޗަށް ދާނެ އެވެ. މިއީ ދިވެހި ފައިސާގެ އަގު ދުނިޔޭގެ މާކެޓްތަކުގައި މައްޗަށް ޖެހޭނެ ކަމެކެވެ. އޭރަށް ޑޮލަރު ގަންނަން ލިބޭ އަގު ހެޔޮ ވެގެން ދާނެ އެވެ.

"ދިވެހިރާއްޖެއަށް މިފަދަ މަޝްރޫއެއް އައިސްފިނަމަ ވާނެ ފައިދާއަކީ ހަމައެކަނި އިންވެސްޓަރުންގެ ފަރާތުން އަންނަ ފައިދާއެއް ނޫން، މިސާލަކަށް އެއް ބިލިއަން ޑޮލަރު އެންމެ ފުރަތަމަ އިންވެސްޓްވެގެން ދިޔައީ، އެއް ބިލިއަން ޑޮލަރު ރާއްޖޭގެ އެތެރެއަށް ވަނީ، އެ އެއް ބިލިއަން ޑޮލަރު އަޅުގަނޑުމެންގެ ސާކިއުލޭޝަންގެ ތެރޭގައި ހިނގާ ކަމަށްވާނަމަ ވިސްނާލައްވާ އަޅުގަނޑުމެންގެ މިހާރު މިއޮތް ޑޮލަރު ކްރިސިސް އަރައިގެން ދިޔައީ،" ޒުހޫރު ވިދާޅުވި އެވެ.

"އެއް ބިލިއަން ޑޮލަރު އިންވެސްޓްކުރާ ފަރާތަކުން އަދި އެތަނުގައި އެހެން އިންވެސްޓްތައް ވެސް ކުރާނެ، އެއީ ރިއަލް އެސްޓޭޓް ކަމަށްވީ ނަމަވެސް އިންޑަސްޓްރީތައް ކަމަށްވީ ނަމަވެސް އަދި އެއީ މުއްސަނދިންގެ ހޮލިޑޭ ހޯމެއްގެ ގޮތުގައި ތަރައްގީކުރި ނަމަވެސް އެތައް އިންވެސްޓްތަކެއް އަންނާނެ، ހޮލިޑޭ ހޯމަކުން އެޕާޓްމެންޓެއް ނަގާ ކޮންމެ މީހަކާއެކު ވެސް އެތައް އިންވެސްޓްމެންޓްތަކެއް އަންނާނެ، މިސާލަކަށް ރާއްޖެއިން އެޕާޓްމެންޓެއް ގަންނަނީ މުއްސަންޖެއް، އެހެންވެއްޖަނަމަ އޭނަ ގަންނާނެ ދެއްތޯ ލޯންޗުފަހަރު ވެސް، ސާވެންޓް ވެސް ހޯދާނެ، މެނޭޖްކުރާނެ ފަރާތްތައް ވެސް ހޯދާނެ، މި އުފެދެނީ އެތައް ވަޒީފާތަކެއް، އެ ވަޒީފާތަކުގެ އިތުރުން އެފަދަ މީހުންގެ ފަރާތުން ރާއްޖެ އިތުރަށް ޕްރޮމޯޓްވެގެން ދާނެ،"

ޒުހޫރު ވިދާޅުވީ، ބޭރުގެ މުއްސަނދިން ޗުއްޓީ ހޭދަކޮށްލުމަށް އަންނަން އެޕާޓްމެންޓަތަކެއް ގަނެ، ރާއްޖޭގައި އިންވެސްޓްކޮށްފިނަމަ އޭގެ ފައިދާ ދިވެހިންނަށް ނޫން އެހެން ބަޔަކަށް ނުކުރާނެ ކަމަށެވެ. އެފަދަ މީހުން އަހަރަކު އެއް ފަހަރު ނުވަތަ ދެފަހަރު ރާއްޖެ އައި ނަމަވެސް އެމީހުންގެ އިންވެސްޓްމެންތަކާއި އެމީހުން ހުޅުވާލައި ވަޒީފާގެ ފުރުސަތުތައް އަބަދުމެ އޮންނާނެ ކަމަށެވެ. އޭގެ އިތުރުން އެފަދަ ސިޓީއެއްގައި ދުނިޔޭގެ ފެންވަރުގެ ޔުނިވާސިޓީތަކާއި ހޮސްޕިޓަލްތައް ވެސް ގާއިމުވެގެންދާނެ އެވެ. އޭރަށް ރާއްޖެ މުއްސަނދި ގައުމަކަށްވެ، އެހެން ގައުމުތަކަށް ކުރަން ޖެހިފައިވާ ބާރޯސާ ކުޑަވެގެންދާނެ އެވެ. ރާއްޖޭގައި ތިބެ އެފަދަ ކަންކަން ހާސިލުވެގެން ދާނެ އެވެ. ހަމައެއާއެކު އެ ތަނުގައި އަޅާ އެޕާޓްމެންޓްތައް ގަތުމުގެ ފުރުސަތު ދިވެހިންނަށް ވެސް ހުޅުވިގެންދާނެ އެވެ.

ފ އަކީ ފެށުމެއް

ރާއްޖެއަކީ ގުދުރަތީ ކަމުގެ އިތުރުން އެހެން ރިސޯސްތަކެއް ހުރި ގައުމެއް ނޫނެވެ. އެތައް ގިނަ ފަރަކާއި ގިރިތަކެއް ރާއްޖޭގައި އެބަ އޮތެވެ. އޭގެ ބޭނުމެއް ނުހިފަ އެވެ. ކަނޑުގެ ބޮޑު އިންސައްތައެއް ވެސް އެބަ އޮތެވެ. އެ ތަންތަނުގެ ބޭނުން ހިފައި އެއިން ނަފާ ހޯދުމަކީ ވެސް މިހާރު ވިސްނަންޖެހިފައިވާ ކަމަކަށް ވަނީ ވެފަ އެވެ. ރާއްޖޭގެ މުއްސަނދި ކަމަކީ އެފަދަ ފަޅުތަކާއި ގިރިތައް ކަމަށްވާއިރު އެ ތަންތަނުން ނަފާ ލިބޭނީ އިންވެސްޓްކުރުމަށް އެތަންތަން ދޫކޮށްގެންނެވެ.

ފ. އަތޮޅުގެ މަޝްރޫއު ކާމިޔާބުކަމާއެކު ކުރިއަށް ގޮސްފިނަމަ މިފަދަ އެހެން މަޝްރޫއުތައް ވެސް ރާއްޖެއާ ދިމާލަށް މިސްރާބު ޖަހާނެ އެވެ. އެހެން އަތޮޅުތަކުގައި ވެސް މިފަދަ މަޝްރޫއުތައް ހިންގަން ފަށާނެ އެވެ.

"ފ އަތޮޅު ފަދަ އެންމެ އިންވެސްޓްމެންޓެއް ނޫން ފެންނާނީ، އެފަދަ ބައިވަރު އިންވެސްޓްމެންޓްތައް ފެނިގެންދާނެ ކުރިއަށް އޮތްތާ، ރާއްޖޭގެ ސަރަހައްދު ވަރަށް ބޮޑު، އަތް ނުލާ އޮތް ސަރަހައްދު އަދި މާބޮޑު، މި އަތޮޅުތަކަށް ބަލާލާއިރު ގދ. ބަލާލާއިރަށް ވެސް 30، 40 މޭލްގެ ބޮޑެތި ފަޅުތައް އެބަހުރި، ތ. އަތޮޅަށް ބަލާލިޔަސް ބޮޑެތި ފަޅުތައް އެހުރީ،" ޒުހޫރު ވިދާޅުވި އެވެ.

ޒުހޫރު ވިދާޅުވީ، ސައުދީގެ މަޝްރޫއު ކާމިޔާބުވެއްޖެނަމަ އެހެން ގައުމުތަކުގެ މުއްސަނދިން ވެސް ރާއްޖޭގައި އެފަދަ މަޝްރޫއުތައް ހިންގަން ބޭނުންވެ، ރާއްޖެއަށް ބޮޑެތި ފައިދާތައް ވެގެންދާނެ ކަމަށެވެ. ރާއްޖެ ފައިނޭންޝަލް ހަބަކަށް ވެއްޖެނަމަ ރާއްޖެ ކައިރީގައި ތިބުމަށް ކޮންމެ މީހަކު ވެސް ބޭނުންވާނެ ކަމަށެވެ.

ފ. އަތޮޅު މަޝްރޫއުއަކީ އަދި މުޅިން ފައިނަލްވެ ފައްކާވެފައިވާ މަޝްރޫއަކަށްނުވީ ނަމަވެސް މަޝްރޫއުއިން ލިބޭނެ ފައިދާ އާއި ގެއްލުމުގެ ވާހަކައަކީ މިހާރު އެންމެ ގަދައަށް ދެއްކެވޭ ވާހަކަ އެވެ. ސަރުކާރުން މަޝްރޫއުގައި އެއްވެސް ގެއްލުމެއް ނެތްކަމަށް ބުނާއިރު އިދިކޮޅު ގެއްލުންތަކުގެ ވާހަކަ ދައްކަނީ ސިޔާސީ މަންފާއެއް ހޯދުމަށް ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.