ހޮލީވުޑް

އީތަން ހަންޓްގެ އެނބުރި އައުން: މިޝަން އިމްޕޮސިބްލްގެ އާ ފިލްމު

ހޮލީވުޑްގެ ހިޔާލީ ދުނިޔޭގެ އެންމެ މަޝްހޫރު ސިއްރު އެޖެންޓް، އީތަން ހަންޓްގެ ވާހަކަ ނިމޭކަށެއް ނޫޅެ އެވެ. ހަންޓްގެ ގޮތުގައި އެނބުރި އައުމަށް ޓޮމް ކްރޫޒް ތައްޔާރުވަމުން އަންނައިރު މި ފިލްމު ސިލްސިލާގެ ފަސް ވަނަ ފިލްމުގެ ފުރަތަމަ ޓްރެއިލާ މި ވަނީ އިއްޔެ ދައްކާލައިފަ އެވެ.

މިފަހަރުގެ ފިލްމަކީ ވެސް އާދައިގެ މަތިން ޓޮމް ކްރޫޒުގެ އާދަޔާހިލާފު އެތައް ސްޓަންޓެއް ފިލްމުން ފެނިގެންދާނެ ފަހަރެއް ކަމުގެ ޔަގީންކަން މި ޓްރެއިލާ ވެސް ދެ އެވެ. ޓްރެއިލާގައި ވެސް އޭގެ ނިކަން ވަރުގަދަ އެއް ސްޓަންޓް ހިމަނާލާފައިވެ އެވެ. އެއީ އަސްކަރީ ބިޔަ މަތިންދާބޯޓެއްގައި އެލިގަނެގެން ޓޮމް ކްރޫޒު އޮންނަ މަންޒަރެކެވެ.

މި ސިލްސިލާގެ ފިލްމުތަކުގައި ހަދާ މިފަދަ ނުރައްކާތެރި ސްޓަންޓްތަކުގައި "ސްޓަންޓް ޑަބަލް" އެއް ބޭނުންކުރުމުގެ ބަދަލުގައި ސްޓަންޓް ހަދަނީ ސީދާ ޓޮމް ކްރޫޒު އަމިއްލަ އަށެވެ.

މިފަހަރުގެ ފިލްމަށް ދީފައިވާ ނަމަކީ "މިޝަން އިމްޕޮސިބްލް: ރަފް ނޭޝަން" އެވެ. މި ފިލްމުގައި ދައްކުވައި ދޭނީ ކޮންޓްރެކްޓް އުސޫލުން މީހުން މެރުމުގައި ހައްދުފަހަނަޅައި ގޮސްފައިވާ ގްރޫޕެއް ކަމަށްވާ ދަ ސިންޑިކޭޓްއާ ދެކޮޅަށް އީތަން ހަންޓް އާއި އޭނާގެ އެކުވެރިން ހަރަކާތްތެރިވާ ގޮތެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ ޓޮމް ކްރޫޒުގެ ފަހުގެ ފިލްމުތައް ކަމުގައިވާ "އެޖު އޮފް ޓްމޯރޯ" އާއި "ވަލްކައިރީ" އަދި "ޖެކް ރީޗާ" ވެސް ގެނެސްދިން ކްރިސްޓޮފާ މެކްކްއރީ އެވެ.

ޓޮމް ކްރޫޒުގެ މި ފިލްމު ސިލްސިލާ އަށް ބަލާއިރު އެންމެ ބޮޑު ތަރުހީބެއް ލިބުނީ 2011 ވަނަ އަހަރު ގެނެސްދިން މީގެ ހަތަރު ވަނަ ފިލްމު "ގޯސްޓް ޕްރޮޓޮކޯލް" އެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި 694 މިލިއަން ޑޮލަރު ލިބުނުއިރު މިއީ ޓޮމް ކްރޫޒުގެ ފިލްމީ ހަޔާތުގައި ވެސް އޭނާ އަށް ކުޅެވުނު އެންމެ ވިޔަފާރި ރަނގަޅު ފިލްމެވެ.