ލައިފްސްޓައިލް

ގުދުރަތީ ތާސީރުގެ ރަހަ އިސްތަށިގަނޑަށް

Mar 7, 2017
1

ބޮލުން އިސްތަށި ފޭބުމުގެ މައްސަލައަކީ އެންމެ ގިނަ މީހުންނަށް ދިމާވާ މައްސަލަ އެވެ. ނަމަވެެސް އަހެރެމެން ކޮންމެ މީހެއްގެ ބޮލުން ދުވާލަކު 100 އާ ގާތްކުރާ އަދަދަކަށް އިސްތަށިފައިބާ ކަމަށްވެ އެވެ. މިއީ އެވްރެޖްކޮށް ކޮންމެ މީހެއްގެ ވެސް ބޮލުން ދުވާލަކު ފައިބާ ވަރެވެ.

ނަމަވެސް އާދަޔާ ޚިލާފަށް ގިނައިން އިސްތަށިފައިބާ މީހުން އުޅެ އެވެ. މިއީ ހޯމޯންއަށް އަންނަ ބަދަލުގެ ސަބަބުން ނުވަތަ ދިރިއުޅުމުގެ އާދަކާދައިގެ ސަބަބުން ވެސް ދިމާވެދާނެ މައްސަލަ އެކެވެ.

އިސްތަށިގަނޑަށް ދިމާވާ ތަފާތު މައްސަލަތައް ހައްލު ކުރުމަށް ތަފާތު ވައްތަރުގެ ކެމިކަލް ޓްރީޓްމަންޓްތައް ނެގުމަކީ އާންމު ކަމެކެވެ. ނަމަވެސް ގުދުރަތީ އެއްޗެއް ބޭނުންކޮށްގެން ވެސް އިސްތަށިގަނޑަށް ރަނގަޅު ފަރުވާއެއް ދެވިދާނެ އެވެ. މިއީ ޖީބަށް ވެސް އެންމެ ލުއިވާނެ ގޮތްކަން ޔަގީނެވެ.

ފިޔާ

ފިޔާގައި ހިމެނޭ ގުދުރަތީ މާއްދާތަކުގެ ސަބަބުން އިސްތަށިގަނޑު ވަރުގަދަކޮށް ދިގު ކުރުމުގެ އިތުރުން އިސްތަށިފޭބުމުގެ މައްސަލައަށް ހައްލު ހޯދުމަށް އެންމެ އިހުން ފެށިގެން ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ އެކައްޗެކެވެ. ބޮލުގަ އުނގުޅަން ބޭނުންވާ ވަރަށް ފިޔާނެގުމަށްފަހު ބްލެންޑާއަކުން ރަނގަޅަށް ހިމުން ކޮށްލާށާވެ. ފިޔާގެ ދިޔަތައް ރަނގަޅަށް ނުކުންނަވަރަށް ބްލެންޑް ކޮށްލުމަށްފަހު، އިސްތަށިތަކުގެ ބުޑުގައި އުނގުޅާލާށެވެ. އަދި 15-10 މިނެޓް ބެހެއްޓުމަށްފަހު އިސްތަށިގަނޑު ދޮވެލާށެވެ. ފިޔާގެ ވަސް އިސްތަށިގަނޑުގައި ހުރެދާނެތީ ހާސްވާނެ ކަމެއް ނެތެވެ. ރަނގަޅަށް އެއްފަހަރު ބޯ ދޮވެލުމުން ފިޔާގެ ވަސް ކެނޑިގެންދާނެ އެވެ.

އަލުވި

އަލުވީގެ ތޮށީގައި އިސްތަށިގަނޑަށް ފައިދާ ހުރި އެތަށް ނިއުޓްރިއަންޓްސް އެއް ހިމެނެ އެވެ. އަދި މިއީ އިސްތަށިގަނޑު ދިގުކޮށް ވަރުގަދަކޮށް އަދި އިސްތަށި ފޭބުމުގެ މައްސަލަ އަށް ވެސް ހައްލު ހޯދަދޭނެ އެއްޗެކެވެ. އަލުވީގެ ބޭރު ދޮވެލުމަށްފަހު ތޮށްޓާއެކު ރަނގަޅަށް އަލުވީގެ ދިޔަ ނުކުންނަ ވަރަށް ބްލެންޑް ކޮށްލާށެވެ. އަދި އެ ދިޔަތައް އިސްތަށިތަކުގެ ބޮޑުގައި ރަނގަޅަށް އުނގުޅާލާށެވެ. އަދި 30 މިނެޓް ފަހުން ބޯ ދޮވެލާށެވެ.

ކާށިކިރު

ކާށިތެލުގެ އިތުރުން ކާށި ކިރަކީ ވެސް އިސްތަށިގަނޑު ދިގުކޮށް ވަރުގަދަ ކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. މިގޮތުން ކާށިކިރުގެ ތެރެއަށް ލުނބޯ ފަޅި އަކާއި ލެވެންޑާ، ޒައިތޫނި ނުވަތަ ކާށިތެޔޮ ހަތަރު ތިކި ޖަހާށެވެ. އަދި ރަނގަޅަށް މިކްސް ކޮށްލުމަށްފަހު، އިސްތަށިތަކުގެ ބުޑުގައި އުނގުޅާލާށެވެ. އަދި 5-4 ގަޑިއިރު ވަންދެން ބެހެއްޓުމަށްފަހު ދޮވެލާށެވެ.

އެޕަލް ސިޑާ ވިނިގާ

މިއީ ބޮލުން އިސްތަށިފައިބާ ހަންފޮޅުމުގެ މައްސަލަ ދިމާވާނަމަ އެކަމަށް މިއީ ރަނގަޅު ހައްލެކެވެ. އެއްޖޯޑު ފެނުގެ ތެރެއަށް ކުޑަ އެޕަލް ސިޑާ ވިނިގާ ފޮދެއް އެޅުމަށްފަހު ރަނގަޅަށް މިކްސް ކޮށްލާށެވެ. އަދި އިސްތަށިގަނޑު ރަނގަޅަށް ދޮވެލުމަށްފަހު ފެނާއި އެއްކުރި ވިނިގާ ފޮދު އިސްތަށިތަކުގެ ބުޑުތައް ތެމޭގޮތަށް ރަނގަޅަށް އުނގުޅާލާށެވެ. އަދި ދިހަ ވަރަަކަށް މިނެޓް ފަހުން ރީތިފެންފޮދަކުން ބޯ ދޮވެލާށެވެ.

އެޕަލްސިޑާ ވިނިގާއަކީ ބޮލުގެ އެތެރެ ސާފުކޮށްދިނުމުގެ އިތުރުން އިސްތަށިގަނޑުގެ ޕީއެޗް ވެސް ބެލެންސް ކޮށްދޭ އެއްޗެކެވެ.

ބިސް

މިއީ ރީތި އިސްތަށިގަނޑެއް ހޯދުމަށް ކުރާ މަސައްކަތުގައި އެންމެ ގިނަ މީހުންނަަށް އެނގޭ އެކައްޗެކެވެ. ބިހުގައި ގިނަ އަދަދަކަށް ޕްރޮޓީން ހިމެނެ އެވެ. މީގެ އިތުރުން ވެސް އިސްތަށިގަނޑަށް ފައިދާ ހުރި އެތަށް މިނަރަލްސް އެއް ބިހުގައި ހިމެނެ އެވެ.

ބިސް މާސްކް ތައްޔާރު ކުރުމަށް، އެއްބިސް ތަށްޓަކަށް ތަޅާލުމަށްފަހު އެއްސަމްސާ ޒައިތޫނި ތެލާއި މާމުއި އެއްކުރާށެވެ. އަދި ރަނގަޅަށް ޕޭސްޓެއް ގޮތަށް މިކްސް ކޮށްލުމަށްފަހު އިސްތަށިތަކުގެ ބުޑަށް އަސަރު ކުރާވަރަށް އިސްތަށިގަނޑުގައި އުނގުޅާލާށވެ. އަދި 20 މިނެޓް ފަހުން ބޯ ދޮވެލާށެވެ.