ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަ ކުރައްވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން އެ ޕާޓީން ނިންމައިފި އެވެ. އެ ޕާޓީއިން އެގޮތަށް ނިންމެވީ ދާދި ދެންމެއަކު ބޭއްވި ކުއްލި ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.
އެ ބައްދަލުވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ތަރުޖަމާނު އަދި ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް ވިދާޅުވީ އެ ޕާޓީގެ ޓިކެޓުގައި ވާދަ ކުރާ ފަރާތްތަކަށް ކޮށްދެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށާއި އެގޮތުން ޕީޕީއެމްގެ މާލީ ކޮމިޓީގެ ފަރާތުން ހުށަހެޅުއްވި ކަންކަން ކުރުމަށް ފާސްކޮށްފައިވާ ކަމަށެވެ.
އެ ހުށަހެޅުވުމުގެ ތަފްސީލެއް އާރިފް ހާމައެއް ނުކުރެއެވެ. ނަމަވެސް ވިދާޅުވީ އެ ހުށަހެޅުމުގައި ކެންޑިޑޭޓުންނަށް ފައިސާގެ އެހީ ދިނުމާއި ޕޯސްޓަރާއި ފޮޓޯ ނަގައިދިނުން ފަދަ ކަންކަން ކުރުމަށް އެހީވުން ހިމެނޭ ކަމަށެވެ.
"ކެމްޕެއިންއަށް ވަރަށް ހަރަދު ހިނގާނެ ކޮންމެ ކެނޑިޑޭޓެއްގެ އަތުންވެސް. އެކަމަށް ކޮންމެވެސް އެހީއެއް ޕާޓީގެ ފަރާތުން ދިނުމަށް ނިންމީ. އަދި އެކަމަށް ބޭނުންވާ އުސޫލެއް މިއަދު މި ކަނޑަ އެޅީ. އެގޮތުން އަތޮޅު ކައުންސިލްތަކަށާއި ސިޓީ ކައުންސިލަށް އަދި ރަށު ކައުންސިލަށް ވަކި ވަރެއް މި ކަނޑައަޅަނީ. ދެން ބަލާނީ އެ ރަށެއްގެ އާބާދީއަކަށް،" އާރިފް ވިދާޅުވި އެވެ.
އާރިފް ވިދާޅުވީ މީގެ ކުރިން ވެސް ޕީޕީއެމްގެ ޓިކެޓުގައި ކައުންސިލަށް ވާދަ ކުރެއްވި ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށާއި ނަމަވެސް މި ފަހަރު މަސައްކަތް ކުރަނީ އެއަށްވުރެ ރަނގަޅު އެހީއެއް ދޭން ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން ކެނޑިޑޭޓުންނަށް އެހީވުމުގެ މަސައްކަތް ފަށާނެ ކަމަށް އާރިފް ވިދާޅުވި އެވެ.
އަންނަ މަހުގެ 15 ގައި ލޯކަލް ކައުންސިލް އިންތިހާބަށް ބާއްވާ އިރު ޕީޕީއެމްގެ ފަރާތުން 531 ކެނޑިޑޭޓުން ވާދަކުރެ އެވެ. އޭގެ އިތުރުން އެމްޑީއޭ އާއި ޑީއާރްޕީ ވެސް ޕީޕީއެމްއާއެކު ވާދަ ކުރެއެވެ.