އެމިރޭޓްސްގައި 2019 ވަނަ އަހަރު ބާއްވާ އޭޝިއަން ކަޕަށް ކޮލިފައިވުމުގެ ޓާގެޓާއެކު، ގައުމީ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވާ، އޮސްޓްރޭލިއާގެ ޑަރެން ސްޓްވާޓާއެކު، ދޮޅު އަހަރު ދުވަހުގެ އެއްބަސްވުމެއް ގައި އެފްއޭއެމުން ސޮއި ކޮށްފި އެވެ.
ކޯޗާ އެކު ސޮއި ކުރަން އެފްއޭއެމްގެ އިދާރާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ވިދާޅުވީ، ރާއްޖެ ހިމެނޭ، ގުރޫޕުގެ ޓީމުތަކަށް ބެލުމަށް ފަހު، ރާއްޖެއަށް އޭޝިއަން ކަޕަށް ކޮލިފައިވާން ބޮޑު ފުރުސަތެއް އޮތް ކަމަށް، ގައުމީ ޓީމުގެ ކޮމިޓީން ނިންމައި، އޭޝިއަން ކަޕް ޖާގަ ހޯދުމުގެ ޓާގެޓަށް މަސައްކަތް ކުރަން ކޯޗާ ހަވާލު ކޮށްފައި ވާނެ ކަމަށެވެ.
އަދި އޭގެ އިތުރަށް ޑިސެމްބަރު މަހު، ބަންގުލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމުގެ ޓަގެޓް ވެސް ހިމެނެ އެވެ.
"ގުރޫޕް ސްޓޭޖަށް އާދެވުނު އިރުގައި، ގުރޫޕްގައި ހިމެނޭ ޓީމުތަކާ ބަލާފައި، އަޅުގަނޑުމެންނަށް މިއީ ކުރެވިދާނެ ކަމަކަށް ވާތީ، ކޮލިފައިވުން އެއީ ހަމަ އެއީ އަޅުގަނޑުމެންގެ އެއް ޓާގެޓް، ދެ ވަނަ ޓާގެޓަކަށް މިއޮތީ ސާފް ޗެމްޕިއަންޝިޕް، ސާފް ޗެމްޕިއަންޝިޕަކީ މުޅި ގައުމު އެއަށް ޓާގެޓެއް ސެޓް ކުރާ މުބާރާތެއް، އަޅުގަނޑުމެންގެ އުންމީދަކީ ވެސް ގައުމުގެ ހުރިހާ ރައްޔިތުން އެދޭ ފަދައިން، މި މުބާރާތް ކަމިޔާބު ކުރުން، އެގޮތުގެ މަތިން މިއަހަރު ނެޝަނަލް ކޮމިޓީ އެކުލަވާލެވި، ކޮމިޓީގެ ދަށުން މަސައްކަތް ކުރިއަށް ގެންދާނީ ވެސް އެ ޓާގެޓްތަކަށް ފޯކަސް ކުރެވިގެން،" އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވި އެވެ.
އަދި އެޓާގެޓްތައް ހާސިލު ކޮށްފިނަމަ، ކޯޗަށް އިތުރު ބޯނަސްތައް ކޮންޓްރެކްޓް ދަށުން ހުށަހަޅާފައި ވާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.
ސްޓްވާޓް ބުނީ، އޭނާ އާ މަތިކޮށްފައިވާ ޓާގެޓްތަކާ މެދު ހިތްހަމަޖެހޭ ކަމަށާއި، އަދި އޭނާ ހުރީ އެ ޓާގެޓްތައް ހާސިލު ކުރުމަށް ނަގަން ޖެހޭ ޗެލެންޖުތަކަށް ތައްޔާރަށް ކަމަށެވެ.
"ހަމަ ޔަގީން އަހަރެން މި އެއްބަސްވުމާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ، އެއީ، އަހަރެން ވަރަށް ބޮޑަށް އެންޖޯއީ ކުރިން މިދިޔަ އަހަރު ރާއްޖޭގެ ކޯޗު ކަމުގައި އަހަންނަށް ކުރެވުނު މަސައްކަތާ މެދު،" އޭނާގެ ކޮންޓްރެކްޓާ މެދު ހިތްހަމަ ޖެހޭތޯ ސުވާލު ކުރުމުން ސްޓްވާޓް ބުންޏެވެ.
އޭނާ ބުނީ، ރާއްޖެއާ ޖެހުނީ ވަރުގަދަ ގުރޫޕެއް ކަމަށާއި ނަމަވެސް، ކުޅުންތެރިން ރަނގަޅު އެޓިޓިއުޑެއްގައި މަސައްކަތް ކޮށްފިނަމަ، ރާއްޖެ އަށް އޭޝިއަން ކަޕަށް ކޮލިފައި ނުވެވެންވީ ސަބެއް، ނެތް ކަމަށެވެ.
ރާއްޖޭގެ ކޯޗަކަށް ދެ ވަނަ ފަހަރަށް އައުމަށް، އެއްބަސްވުމަކާ ހަމަޔަށް އައިއިރު، އެ މުއްދަތުގައި ސްޓްވާޓަށް، އޭނާގެ އުފަން ގައުމު އޮސްޓްރޭލިއާގެ ކުލަބަކުން ހުށަހެޅުމެއް ލިބުނެވެ. ނަމަވެސް އޭނާ ނިންމީ ރާއްޖޭގެ ކޯޗް ކަމާ ހަވާލު ވާށެވެ.
"އަހަރެން ބުނިން ރާއްޖެއިން ހުށަހެޅުން ލިބެންދެން އަހަރެން މަޑު ކުރާ ނަމޭ، އަހަރެން ބޭނުންވީ ލޯޔަލް ކޮށް ހުންނަން، އަހަރެން ކަމަކަށް އެއްބަސް ވެއްޖެޔާ އަހަރެން އެގޮތުގައި ހުންނާނަން، އަހަރެން ނިންމައިގެން ހުރީ ރާއްޖޭގެ ހުށަހެޅުން އައިސްފިއްޔާ އެއްވެސް ޝައްކެއް ނެތި އަހަރެން ރާއްޖޭގެ ކޯޗް ކަމަށް އެއްބަސްވަން އަހަރެން ބޭނުންވީ އެ ލޯޔަލްޓީގައި ހުންނަން." ސްޓްވާޓް ބުންޏެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗް އޮންނާނީ މި މަހުގެ 28 ވަނަ ދުވަހު ފަލަސްތީނާ ދެކޮޅަށް މާލޭގަ އެވެ.
ގައުމީ ޓީމު ތަކުގެ ކޮމިޓީގެ ޗެއާމަން އަލީ ނާޝިދު (އޮގަރު އައްޔަ) ވިދާޅުވީ، އެ މެޗުގެ ކުރިން، ފަލަސްތީނާ އެންމެ އެއްގޮތް ކަހަލަ ޓީމަކާއެކު އެކުވެރި ކަމުގެ މެއް ކުޅުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މަސައްކަތް ކުރަނީ ރާއްޖޭގައި އެ މެޗު ކުޅުމަށް ކަމަށް އައްޔަ ވިދަޅުވި އެވެ.
"މިހާރުވެސް އަޅުގަނޑުމެންނަށް ބައެއް ހުށަހެޅުންތައް ލިބިފައި ހުރީ އަފްގާނިސްތާނާއި މިޔަންމާއިން، ނަމަވެސް އަޅުގަނޑުމެން އަފްގާނިސްތާނުން ވެސް ބޭނުން ވަނީ އަޅުގަނޑުމެން އަފްގާނިސްތާނަށް ގޮސް ކުޅެން، މިޔަންމާއިން ވެސް އޮތީ އެގޮތަށް، އަޅުގަނޑުމެން އެ ދެ ގައުމަށް ވެސް ރިކްއެސްޓް ކޮށްފައި ވާނީ ރާއްޖޭގައި މެޗެއް ކުޅުމަށް،" އައްޔަ ވިދާޅުވި އެވެ.