އައިޓީބީ ފެއާ

އައިޓީބީ ފަޅު ފިލުވައިދޭން އިކްއޭޓިކް ވައިބް ޖަރުމަަނަށް!

Mar 7, 2017

ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ ކަމަށްވާ "އައިޓީބީ 2017" މި އަހަރު ފަޅު ފިލުވައިދޭނީ މަޝްހޫރު "އިކުއޭޓިކް ވައިބް" ބޭންޑުންނެވެ.

"އަވަސް" އަށް ވާހަކަ ދައްކަމުން އިކުއޭޓިކް ވައިބްގެ ލީޑް ވޯކަލިސްޓް ޝައްމޫން މުހައްމަދު (ޝައްމު) ބުނީ އައިޓީބީ ފެއާގައި ބައިވެރިވާން ލިބުނު ފުރުސަތަކީ އެ ބޭންޑަށް ލިބުނު ރަނުގެ ފުރުސަތެއް ކަމަށެވެ.

"މިއީ އިންޓަނޭޝަނަލް ފްލެޓްފޯމްއެއްގައި ޕާފޯމް ކޮށްލަން ލިބުނު ރަނުގެ ފުރުސަތެއް،" ޝައްމު ބުންޏެވެ.

ކުރިން "ދަ ފައިވް" ގެ ނަމުގައި ހަރަކާތްތެރިވި، މިހާރުގެ އިކުއޭޓިކް ވައިބް ބޭންޑަށް އައިޓީބީ ފެއާއިން ފުރުސަތު ލިބުނީ ބިޑްކޮށްގެން އޮންނަ ޕްރޮސީޖާގެ ތެރެއިންނެވެ. އަދި މި ބޭންޑުން އައިޓީބީ ފެއާގައި ދިވެހި އަމިއްލަ ރާގުގެ ލަވަތަކާއެކު ޖަރުމަނު ލަވައެއް ވެސް ހުށަހަޅައި ދޭނެ އެވެ.

"ހަމަ ވަރަށް ސަޅި ލަވަތަކެއް ހުށަހަޅައި ދޭނެ. މީގެ ތެރޭގައި ޖަރުމަނު ލަވައެއް ވެސް ހިމެނޭނެ،" ޝައްމު ބުންޏެވެ.

އިކުއޭޓިކް ވައިބުން ދާދިފަހުން ވަނީ އަމިއްލަ ރާގުގެ އަލްބަމެއްވެސް ނެރެފަ އެވެ. އިކްއޭޓިކް ވައިބްގެ ފުރަތަމަ އަލްބަމް ޕްރޮޑިއުސްކޮށްފައި ވަނީ ޖަރުމަންގެ ޕްރޮޑިއުސަރެކެވެ.

އައިޓީބީ ބާލިން ފެއާއަކީ ދުނިޔޭގެ 187 ގައުމަކުން 10،000 އަށް ވުރެ ގިނަ އެކްޒިބިޓަރުން ބައިވެރިވާ ބޮޑު ފެއާ އެވެ. މި އަހަރުގެ އައިޓީބީ ފެއާގައި ރާއްޖޭގެ 88 ކުންފުންޏަކުން ބައިވެރިވާނެ އެވެ. މި ފެއާއަށް ކޮންމެ އަހަރަކު 26،000 ގިނަ މީހުން ޒިޔާރަތް ކުރެ އެވެ.