އަންހެނުން

ތައުލީމީ އަންހެނުން ގިނަޔަސް ކަންކަން ނިންމާ ފެންވަރުގައި މަދު: ޒެނީޝާ

ސާނަވީ އަދި މަތީ ސާނަވީ ތައުލީމް ހާސިލްކޮށް މަތީ ވަނަތައް ހޯދާ އަންހެނުންގެ ނިސްބަތް ގިނަ ކަމަށާއި ނަމަވެސް އެކި ދާއިރާތަކުގައި ކަންކަން ނިންމާ ފެންވަރުގައި އަންހެނުންގެ ނިސްބަތް މަދު ކަމަށް ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެ އެވެ.

އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޒެނީޝާ ވިދާޅުވީ ތައުލީމީ ހަޔާތް ނިންމާ އަންހެން ކުދިންނަށް އެކި ދާއިރާތަކުގައި ކަންކަން ނިންމާ ފެންވަރުގައި މަސައްކަތް ކުރުމުގެ އިތުބާރާއި ޔަގީންކަން ހޯދައިދޭން ޖެހޭ ކަމަށެވެ. އަންހެން ކުދިން ބިނާކޮށް އެކުދިން ބާރުވެރި ކުުރަންޖެހޭ ކަމަށާއި މުޅި ގައުމަށް ހެޔޮ ބަދަލުތައް ގެނައުމުގެ ގާބިލްކަން އެ ކުދިންނަށް ލިބިފައިވާ ކަމަށް ވެސް ޒެނީޝާ ވިދާޅުވި އެވެ.

ޒެނީޝާ ވިދާޅުވީ އަންހެނުން ބާރުވެރިކޮށް ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި އެގޮތުން އަންހެނުން މަތީ މަގާމުތަކާއި ހަމައަށް ވާސިލްވުމަށްޓަކައި ކުރާ މަސައްކަތުގައި ފިިރިހެނުންނާއި އާއިލާގެ ފަރާތުން އެއްބާރުލުން ބޭނުންވާނެ ކަމަށެވެ. އަދި އަންހެނުން މަދު ދާއިރާތައް ދެނެގަނެ އެފަދަ ދާއިރާގައި އަންހެނުން އިތުރުކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. މީގެ އިތުރުން ވަޒީފާގެ މައިދާނަށް ނުކުތުމަށާއި ވަޒީފާގައި ދެމިތިބެ ކުރިއެރުން ހޯދުމަށް ދިމާވާ ގޮންޖެހުން ދެނެގަނެ އެކަންކަމަށް ހައްލު ހޯދަން ޖެހޭ ކަމަށް ޒެނީޝާ ވިދާޅުވި އެވެ.

ތައުލީމީ ބާރުވެރި އަންހެނުން އުފެއްދުމުން ފައިދާވާނީ ހަމައެކަނި އެކަނބަލުންނަށް ނޫން ކަމަށާއި އެކަމުގެ ސަބަބުން މުޅި މުޖުތަމަށް ފައިދާވާނެ ކަމަށް ޒެނީޝާ ވިދާޅުވި އެވެ.

"މިއަދުގެ ކާމިޔާބު އަދި ބާރުވެރި އަންހެން ކުދިންނަކީ މާދަމާގެ މަންމައިން. އެއީ މުސްތަގްބަލްގެ މަސައްކަތްތެރިންނާއި އިލްމުވެރިން. އަދި މާދަމާގެ ސިޔާސީ ލީޑަރުންނާއި އެކުދިން ވެގެންދާނީ މުސްތަގްބަލްގައި މިފަދަ ހަފްލާއެއްގައި މިއަދު ރެހެންދި އެވޯޑް ހާސިލްކުރައްވާ ފަރާތްތައް ފަދައިން އަޅުގަނޑުމެން އެންމެން އަދި މި ގައުމު ފަހުރުވެރިވާ ބަޔަކަށް." ޒެނީޝާ ވިދާޅުވި އެވެ.

ވޭތުވެދިޔަ އަހަރު ތަކުގައި އަންހެނުންގެ ކުރިއެރުމަށާއި ތަރައްގީއަށް އެކި ކާމިޔާބީތައް ރާއްޖެއިން ހާސިލްކޮށްފައިވާކަން ޒެނީޝާ ފާހަގަކުރެއްވި އެވެ.

މިއަހަރުގެ އަންހެނުންގެ ދުވަހުގެ ޝިއާރަކީ "2030 ވަނަ އަހަރަށް 50-50 ދުނިޔެއެއް: ދުނިޔޭގެ ބަދަލުވަމުންދާ މަސައްކަތުގައި އަންހެނުން" މިއެވެ.