އިންޑިއާގެ ފަންގާނީ ވިލެޖްގެ މާމައިން ކޮންމެ ދުވަހަކު މެންދުރުފަހު ގެއިން ނުކުންނަނީ ވަރަށް ނަލަވެގެންނެވެ. ފިޔާތޮށި ކުލައިގެ ރީތި ސާޅީތައް އަޅާލައިގެން ނުކުންނަ އިރު ދަބަހަށް އަޅަނީ ޗޯކާއި ހިސާބު ހެދުމަށް ބޭނުންކުރާ އެބަކަސްތަކެވެ. ދަބަސް އަޅުވާލައިގެން އެމީހުން ދަނީ ސްކޫލަށެވެ.
އެމީހުން ދިރިއުޅެނީ ލިޔަން ދަންނަ ފިރިހެނުންނަށް ވުރެ އެފަދަ އަންހެނުން ތިން ގުނައަށް މަދު އިންޑިއާގެ މަހާރާޝްތުރާ ސްޓޭޓްގައެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ ލިޔެފައިވާ އަކުރުތައް ދުށުމަށް އުނދަގޫވާހާ ލޯބޯކޮށި މީހުންނެވެ. އަދި އަނެއްބައި މީހުންނަކީ ވާހަކަ ދެއްކުމުން މޭގައި ރިއްސާ މީހުންނެވެ. ނަމަވެސް ބުރާސްފަތި ދުވަސް ފިޔަވާ ކޮންމެ ދުވަހަކުވެސް އެމީހުން ސްކޫލަށް ދެއެވެ. އެމީހުންނަށް ކިޔަވައިދޭން ހުންނަނީ އެމީހުންނަށް ވުރެ ދެގުނަ ހަގު ޓީޗަރެކެވެ.
މިއަހަރުގެ ބައިނަލް އަގުވާމީ އަންހެނުންގެ ދުވަހަކީ އެމީހުންގެ ސްކޫލްގެ ފުރަތަމަ އަހަރީ ދުވަހެވެ. ފޮޓޯގްރާފަރެއް ކަމަށްވާ ސަތިޔަކީ ގޯޝް ވަނީ އެ މާމައިން ލިޔަން ކިޔަން ދަސްކުރަން ކުރާ ދަތުރު މިއަދާ ދިމާކޮށް ފޮޓޯ ނަގާފައެވެ.
ފަންގާނީ ވިލެޖްގެ މުސްކުޅި އަންހެނުންގެ ސްކޫލަށްދާ އެކަކީ އުމުރުން 90 އަހަރުގެ އަންސުޔާ ދޭޝްމުކް އެވެ. މަސައްކަތު މީހެއްގެ ދަރިއެއްކަަމަށްވާ ދޭޝްމުކް ފުރަތަމަ ކައިވެނިކުރީ އުމުރުން 10 އަހަރުގައެވެ. ސްކޫލަކަށް ކިޔަވަން ދާން ބޭނުންވާ ފޮތާއި ޔުނިފޯމް އޭނާގެ ޅައުމުރުގައި ލިބޭގޮތެއް ނުވިއެވެ.
"ދުވަސްކޮޅަކު އަހަރެން ސްކޫލަށް ދިޔައިން. ގިނަިއން ގޮސްފައި ހުންނާނީ ދެދުވަހުން އެއްދުވަހު. އަހަރެން އޭރު ބަލިވޭ. ދެން ސްކޫލަށް ފޮނުވުން ހުއްޓާލީ،" ޅައުމުރުގައި ލިޔަން ކިޔަން ދަސްނުވި ސަބަބު ކިޔައިދެމުން ދޭޝްމުކް ބުނެފައި ވެއެވެ.
މިދިޔަ އަހަރު ދޭޝްމުކް ވަނީ އަމިއްލަ ނަން ފުރަތަމަ ފަހަރަށް ލިޔަން ދަސްކޮށްފައެވެ. އަދި އެކާވީހާ ހަމައަށް ގުނަން ވެސް އޭނާ ވަނީ ދަސްކޮށްފައެވެ.
އުމުރުން 41 އަހަރުގެ ޔިޕްގެންދުރާ ބަންގަރު އަކީ ދޭޝްމުކްމެން ކިޔަވާ ސްކޫލްގެ ބާނީއެވެ. އޭނާ އެ ސްކޫލް ހުޅުވީ ލިޔަން ކިޔަން އެނގޭ ނަމަ ޗަތުރަޕަތީ ޝިވަރާޖްގެ ސިޔަރަތު ކިޔޭނެ ކަމަށް އަވަށުގެ އަންހެނުން އޭނާ ގާތު ބުނުމުންނެވެ. ޗަތުރަޕަތީ ޝިވަރާޖަކީ 17 ވަނަ ގަރުނުގައި އުޅުއްވި ރަސްކަލެކެވެ. އޭނާގެ ހަޔާތާ ބެހޭ ދުވަހެއް އަވަށުގައި ކޮންމެ އަހަރަކު ފާހަގަކުރެއެވެ.
"ބުނެވޭ ގޮތުގައި އަންހެނުންގެ ދުވަހު އަންހެނުންނަށް އިހުތިރާމް ކުރަން ޖެހޭ. އެހެންވެ އަހަރެމެން ހިތަށް އެރީ މިއަދާ ހަމައަށް ވެސް ލިބެން ޖެހޭ އިހުތިރާމް ނުލިބި ތިބި އަހަރެމެންގެ މާމައިންނަށް މިކަމުގެ ސަބަބުން އިހުތިރާމް ލިބޭނެޔޭ. އަހަރެމެންގެ މާމަމެންގެ ޖީލުގެ މީހުންނަށް ސްކޫލަށް ދިއުމުގެ ފުރުސަތު ލިބިފައެއް ނުވޭ" ބަންގަރު ބީބީސީއަށް ބުނެފައި ވެއެވެ.
މާމަމެންގެ ސްކޫލް ބިނާކޮށް، އެމީހުންގެ ސާޅީއާއި ފޮތް ފަންސުރު ހޯދަން ބޭނުންވާ ފައިސާ ބަންގަރު އަށް ދިނީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއަކުންނެވެ.
ބަންގަރްގެ ސްކޫލަށްދާ ރަމްބާއީ ގަންޕަތު ސްކޫލަށް ދަނީ އޭނާގެ މާމަ ދަރިންގެ އަތުގައި ހިފައިގެންނެވެ. އޭނާ ބުނާ ގޮތުގައި އެކަމުގެ ސަބަބުން ރަނގަޅު އިހުސާސެއް ކުރެވެއެވެ.
"އަހަރެމެން ސްކޫލަށް ދިއުމަށް ލޯބިކުރަން. ދަބަސްތައް ހިފައިގެން އަހަރެމެން ހުރިހާ މާމައިން ސްކޫލަށް ދަނީ އެކުގައި. ރަނގަޅަށް ދަސްކުރުމުގެ ގާބިލުކަން ހުރީތީ އަހަރެމެން ފަހުރުވެރިވަން،" ގަންޕަތު ބުނެފައި ވެއެވެ.
ސްކޫލުގައި ކިޔަވއިދޭ ޓީޗަރަކީ އުމުރުން 30 އަހަރުގެ ޝީޓަލް މޯރު އެވެ. ހިލޭ ސާބަހަށް އޭނާ މަސައްކަތްކުރާ އިރު އޭނާގެ މައިދައިތައަކީ ވެސް ސްކޫލްގެ ދަރިވަރެކެވެ.
ދަނޑިފަނުން ހަދާފައިވާ އެ ސްކޫލްގައި 28 ދަރިވަރުން ކިޔަވައެވެ. އެ ތަނުގެ އެއް ދަރިވަރު މިދިޔަ އަހަރު ވަނީ ނިޔާވެފައެވެ. އޭގެ ފަހުން އުމުރުން 60 އަހަރާ 90 އަހަރާ ދެމެދުގެ އުމުރުގެ އާ ތިން ދަރިވަރުން އެސްކޫލަށް ވަނެވެ. އެ ހުރިހާ ދަރިވަރުންނަށް އަދި ލިޔަން ކިޔަން ރަނގަޅަށް ދަހެއް ނުވެއެވެ. ދަސްކުރާ ތަކެތި ހަނދާން ބަހައްޓަން އުނދޫ ކަމުގެ ޝަކުވާ އެމީހުން ކުރެއެވެ. ނަމަވެސް ފިންގާ ޕްރިންޓް ޖެހުމުގެ ބަދަލުގައި ސޮއިކޮށްލެވޭ ވަރު އެމީހުންނަށް މިހާރު ވަނީ ވެފައެވެ. އެއީ ލައްކަ ބޮޑު ކުރިއެރުމެކެވެ.
މާމައިން ސްކޫލަށް ގޮސް ކުރާ ހަމަ އެކަނި ކަމަކީ ކިޔެވުމެއް ނޫނެވެ. ސްކޫލްގެ ގޯތިތެރޭގައި އިންދާފައިވާ ގަސްތަކަަށް ފެންދެނީ ވެސް އެމީހުންނެވެ. އެގޮތުން އެމީހުން އެކުވެރިކަމާ އެކު ހޭދަކުރަނީ އުފާވެރި ވަގުތުތަކެވެ. - ބީބީސީ