ހަބަރު

މަޖިލީހުގެ ރައީސްކަމުން މަސީހު ވަކިކުރަން ހުށަހަޅައިފި

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އެ މަގާމުން ދުރުކުރުމަށް އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު ފަރާތްތަކުން މިއަދު ހުށަހަޅައިފި އެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހެޅީ އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި، 26 މެންބަރުންގެ ސޮޔާ އެކު އެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅޭނީ އެންމެ މަދުވެގެން 15 މެންބަރުންގެ ސޮޔާ އެކު އެވެ. މައްސަލަ މަޖިލީހަށް ލިބޭތާ ތިން ދުވަހުގެ ތެރޭގައި މައްސަލައިގެ ނޯޓިސް މަޖިލީހުގެ އިދާރާއިން މެންބަރުންނަށް ފޮނުވަން ޖެހެ އެވެ.

މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ފާސްވާނީ އެ މައްސަލައިގެ ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. މަޖިލީހުގެ ރައީސްކަމުން މަސީހު ވަކިކުރަން މިދިޔަ އަހަރުގެ ތެރޭގައި ވެސް 22 މެންބަރުންގެ ސޮޔާ އެކު މަޖިލީހަށް ހުށަހެޅި ނަމަވެސް މައްސަލަ ވަނީ ފަހުން އަނބުރާ ގެނެސްފަ އެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލަ ލާން އުޅޭކަމުގެ އަޑުތަކާ އެކު ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ދާދިފަހުން ވިދާޅުވެފައި ވަނީ އެ މައްސަލަ ފެއިލްކޮށްލާނެ ކަމަށާއި އިދިކޮޅު ފަރާތްތަކުގެ އެ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށެވެ. މަޖިލީހުގެ ޖަލްސާތައް މިހަފްތާ އަދި ނުބާއްވަ އެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅު މެންބަރުން ހުށަހަޅާފައިވާއިރު މި ޕެޓިޝަނުގައި ޕީޕީއެމްގެ ދެ މެންބަރުން ކަމަށްވާ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވެސް ވަނީ ސޮއިކުރައްވާފަ އެވެ. އޭގެ އިތުރުން ޖުމްހޫރީ ޕާޓީގެ ބައެއް މެންބަރުންނާއި އެމްޑީއޭގެ މެންބަރު ހުސެއިން އަރީފް ވެސް ވަނީ ސޮއިކުރައްވާފަ އެވެ.

ގާނޫނު އަސާސީގައިވާ ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ބަހުސް ހިނގާ މަޖިލީހުގެ ރިޔާސަތު ރައީސް ބަލަހައްޓަވައިގެން ނުވާނެ އެވެ. ނަމަވެސް އެ ބަހުސް ބައިވެރިވެ ދިފާއުވުމުގެ ފުރުސަތު ރައީސްއަށް ލިބިގެންވެ އެވެ. ނަމަވެސް ވޯޓުގައި ބައިވެރިނުވެވޭނެ އެވެ.