ބޮލީވުޑް

ޝިލްޕާ ޝެޓީގެ މައްޗަށް ހިޔާނާތުގެ މައްސަލަތަކެއް ފެންމަތިކޮށްފި

Mar 24, 2015

އިންޑިއާގެ ކަލްކަތާ އަށް ނިސްބަތްވާ ކުންފުންޏަކުން ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޝިލްޕާ ޝެޓީ އާ ދެކޮޅަށް ފުލުހުންނަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ޝިލްޕާ އާއި އޭނާގެ ވިޔަފާރި ޕާޓްނަރެއް ކަމަށްވާ ރިޕޫ ސުދަން ކުންދްރާ ހިންގާ އެސެންޝަލް ސްޕޯޓްސް އެންޑް މީޑިއާ ޕްރައިވެޓް ލިމިޓެޑުން މަކަރާއި ހީލަތް ހަދައި ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލައެއް އެމްކޭ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން ހުށަހަޅާފައިވާ ކަމަށް ފުލުހުންގެ ޑެޕިއުޓީ ކަމިޝަނަރު މުރްލީ ދާރް ވަނީ ކަށަވަރުކޮށްދީފަ އެވެ.

މި މައްސަލައަކީ 9 ކްރޯޑް ރުޕީސްގެ ހިޔާނާތުގެ މައްސަލައެއް ކަމަށާއި ޝިލްޕާ އާއި އޭނާގެ ކުންފުންޏާ ދެކޮޅަށް ހުށަހެޅި ހިޔާނާތުގެ މައްސަލައ ތަހުގީގު މިހާރު ކުރިއަށްދާ ކަމަށްވެސް ކަމިޝަނަރު ވިދާޅުވި އެވެ.

ޝިލްޕާ އާއި އޭނާގެ ކުންފުނީގެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރީ ދެ އަހަރުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް އެ މީހުން އިންވެސްޓް ކުރަން ދިން ފައިސާ އަނބުރާ ދައްކާފައި ނުވާތީ ކަމަށް އެމްކޭ މީޑިއާގެ އެޑިޝަނަލް ޑިރެކްޓަރު ދެބާޝިސް ގުހާ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ދެބާޝިސް ބުނެފައިވަނީ، އެސެންޝަލް ސްޕޯޓްސް އިން 30 ލައްކަ ރުޕީސް ދެއްކި ކަމަށް ބުނާ ވާހަކައަކީ ވެސް ދޮގެއްކަމަށާއި، ފުލުހުންނަށް މި މައްސަލަ ހުށަހެޅުމުގެ ކުރިން ހައްލުކުރެވޭތޯ ވަރަށް މަސައްކަތް ކުރިކަމަށެވެ.

އެމްކޭ އިން ވަނީ މިމައްސަލަ ފުލުހުންނަށް ރިޕޯޓް ކުރުމުގެ ކުރިން، ކަލްކަތާ ހައި ކޯޓަށް މައްސަލަ ހުށަހަޅައި އެކުންފުންޏަށް ލިބެންޖެހޭ ފައިސާ ރިފަންޑްކޮށް ދިނުމުގެ އަމުރަކަށްވެސް އެދިފަ އެވެ.

ނަމަވެސް ޝިލްޕާ ވަނީ އޭނާގެ ޓްވިޓާގައި މިއީ ދޮގެއް ކަމަށާއި،ކަލްކަތާއަށް ނިސަބަތްވާ ކުންފުނީގެ ޗެއާމަން މަނޯޖް ޖެއިން މީހުންގެ ސަމާލުކަން ހޯދަންކުރާކަމެއް ކަމަށް ބުނެފަ އެވެ. 

"ހެއްވާ ހަބަރެއް. އަހަންނާ ދޭތެރޭ މަނޯޖް ޖެއިން ކުރާ ދައުވާތަކަށް ސާބިތު ހެކި ހުށަހަޅަން ބުނަން. މަނޯޖް މަޝްހޫރުވާން ކުރާ މަސައްކަތުން އަހަރެން ބުރަ މަސައްކަތުން ހޯދި މަގްބޫލުކަން ގެއްލުނަކަ ނުދޭނަން" ޝިލްޕާ ލިޔެފައިވެ އެވެ.