ރިޕޯޓް

ބާލިންގެ ފިނި މާހައުލުން ފެންނަ ތަފާތު

(ޖަރުމަންގެ، ބާލިން އިން މުހައްމަދު އަފްރާހު) -- "ޔޫރަޕޭ ބުނީމަ އަހަރެން ހީކުރީ މުޅިން ތަފާތުކޮށް. އެކަމަކު އެގޮތަކަށް ނޫން،" އައިޓީބީ ބާލިން ފެއާ ކަވަރު ކުރަން ޖަރުމަނަށް ގޮސްހުރި، އަންހެން ނޫސްވެރިއަކު އޭނާގެ ހިޔާލު ދޫވީ ޖަރުމަނަށް އެތެރެ ވާން އިމިގްރޭޝަން ކިޔޫއާ ހަމައިންނެވެ.

އެކަންވާނީ ވެސް އެހެންތާ އެވެ؛ މި ނޫސްވެރިޔާއަކީ ގިނަ ގައުމުތަކުގެ ތަޖުރިބާ ހުރި މީހެކެވެ. އަސްލުވީ ގޮތަކީ ރާއްޖޭން ފުރައިގެން ނުވަ ގަޑިއިރުގެ ދަތުރަކަށްފަހު، ތުރުކީގެ އަންކާރާގައި ދެ ގަޑިއެއްހާއިރު މަޑުކޮށްފައި ދެ ގަޑިއިރު ދުއްވާފައި ޖަރުމަނުގެ ފަސް ގަނޑުގައި ފައި ޖެހުނު އިރު ހުރީ ތަދު އަރާފަ އެވެ. އިސްތަންބޯލް އިން ނައްޓާލި ޓާކިޝް އެއާލައިންގެ ބޯޓު ޖެއްސީ ބާލިންގެ ބްރަންޑަން ބާގް އިންޓަނޭޝަނަލް އެއާޕޯޓަ އެވެ.

މި އެއާޕޯޓުގެ ތަޖުރިބާ ވެސް ތަފާތެވެ. މިކަން އެންމެ ބޮޑަށް ފާހަގަ ކުރީ ބޯޓުން މީހުން ޖަރުމަނަށް ފޭބި ވަގުތު އެވެ. ބޯޓުން ފުންމާލައިގެން ޓާމިނަލް އަށް ވަނީ ބަހެއްގައި ފިތި ބާރުވެެގެން ތިބެ އެވެ. ޖަރުމަނުގެ ބިޔަ ބޮޑެތި މީހުންގެ ތެރޭގައި އަހަރެމެން "ކުދި މީހުން" ތިބޭނެ ގޮތް އަޅެ ތަސްވީރު ކޮށްލާށެވެ؟ އެހެންވެ ރަހުމަތްތެރިއަކު އެކަން ފާހަގަ ކުރިގޮތްވެސް ތަފާތުވީ އެވެ.

އެއް ގޮތެއް!

"ކަލޭމެން ބުނާނެ ރާއްޖެ އެއާޕޯޓު ކަޑައޭ؟ މި ތަން ރަނގަޅު ތަ؟ މި ތަނުގައި ވެސް މި ދާން ޖެހެނީ ބަހުގަ؟ ދެން ބަލާ މި ކިޔޫ؟،" ބަހުގައި ހުރެ، ވާހަކަ ދައްކަމުން ބުންޏެވެ.

މި ވާހަކައިގެ ތެރެއިން އެއާޕޯޓަކީ އެތެރެރޭގެ އުދުހުންތަކުގެ ތަނަކަށް ވެސް އެންމެ ފަހުން ހަދައިފި އެވެ. އެކަމަކު ބްރަންޑަން ބާގް އިންޓަނޭޝަނަލް އެއާޕޯޓަކީ 2010 ވަނަ އަހަރު ޖަރުމަނު ސަރުކާރުން ހަދަން ފެށި ތަނެކެވެ. ނަމަވެސް އެކި މައްސަލަތައް ދިމާވެ، މަސައްކަތް ހުއްޓުނީ އެވެ. މިހާރު އަނެއްކާ ވެސް މި އެއާޕޯޓު ހުޅުވަން ކިޔަނީ މި އަހަރު ނޫނީ އަންނަ އަހަރު އެވެ.

އެއާލައިން: ދަތުރަށް ސަޅި

މިއީ އެހެން އެއާލައިން ތަނަށް ބުނެވޭ ދެރަ ބަހެއް ނޫނެވެ. ޓާކިޝް އެއާލައިންއަކީ ދިގު ދަތުރުތަކަށް ރަނގަޅު ފްލައިޓެވެ. ގޯސް ގޯހެއް ވެސް ނޫނެވެ. ދުނިޔޭގެ ބޮޑެތި ގިނަ އެއާލައިން ތަކަށް އެރިއްޖެ އެވެ. މި އެއާލައިންގެ އެންމެ ރަނގަޅު އެއް ކަމަކަށްވީ ކެއުމެވެ. ކޮންމެ ގަޑިއެއްގައި ވެސް ހެސް ކިޔާފަ ދާންދޭތީ ޕޮއިންޓް ގިނަވީއެވެ. އަދި އިންފްލައިޓް ކޭޓަރިންގެ ރަހަތައް ވެސް މީރެވެ. ފްލައިޓް ފުޑް ކެއުމުން ވައި އެރިއަސް ގެންނަ "ތަށިބަރި" އޮންނަނީ ހުސްވެފަ އެވެ. އަދި ނުވިތާކަށް ފަހުން ކަޅު ސަޔާއި ކޮފީ ވެސް ގެނުވާނެ އެވެ.

"މި މީހުންގެ ކަމަކީ ހަމަ އެކަނި ކާން ދިނުންތަ އަޅެ؟ އަބަދު ކޮންމެވެސް އެއްޗެއް ދޭން އެބައުޅޭ!،" ރަހުމަތްތެރިޔާ ސަމާސާ ރާގެއްގައި ކްރޫ އަށް އިޝާރަތްކޮށް ބުންޏެވެ.

މި ދަތުރުގެ އަނެއް ތަޖުރިބާއަކީ ތުރުކީގެ ޑިއުޓީ ފްރީތަކެވެ. "ޔޫރަޕު" ބަޔަކަށް ވެގެން އުޅޭ ތުރުކީ މީހުން ވަރަށް ސްޓައިލް އެވެ. އެހެންވެ ޑިއުޓީ ފްރީގައި ހުރި ބްރޭންޑުތައް ލައްކަ ގިނަ އެވެ. އެކަމަކު އަގުތައް އޭޝިޔާއެކޭ މާކަބޮޑު ތަފާތެއް ނެތެވެ. ހަމަ އެއް ވަރެކެވެ.

ޖަރުމަނު ވަރަށް ފިނި

ފިނި މޫސުގެ ބޮޑު ބައި ނިމިއްޖެ އެވެ. އެކަމަކު މިހާރު ވެސް އަހަރެމެންނަށް ފިނިވާނެ އެވެ. މިހާރު ޖަރުމަނުގެ ފިނިކަން ހުރީ ހަތަރު ޑިގުރީގަ އެވެ. އެހެންވެ މިކަން ވެގެންދަނީ އެންމެ ބޮޑު ގޮންޗެހުމަށެވެ. ހާއްސަކޮށް ރޭގަނޑުގެ ވަގުތުތަކުގައި އުނދަގޫ ބޮޑެވެ. ބޯހެދުމެއް ލައި، ބޯޑީ ޝޯޓާއި އަންގި، އަދި ބޮލުގައި ކޯރި އަޅައިގެން ނޫނީ ބޭރަކަށް ނުދެވޭނެ އެވެ.

"ކަލޯ މީވާވަރުގެ ކަމެއް ނޫން... މަހަލާކު ވެދާނެ،" އަތަށް އަންގި އާއި ބޮލަށް ކޯރި މަހައިގެން ހުރި ރަހުމަތްތެރިޔާ ބުންޏެވެ.

ހިތް ގައިމު ސަރަހައްދެއް!

އަހަރެން އައިޓީ ފެއާ ކަވަރު ކުރަން އައިސް މި ހުންނަނީ ޖަރުމަނުގެ މަޑުމައިތިބި ސަރަހައްދެއްގަ އެވެ. ވެރިރަށް ބާލިންގެ ބޮޑެތި ހޮޓާތަށް މި ހުންނަ ސަރަހައްދަކީ ހިތްގައިރު، އުލެލަން ފަސޭހަ ތަނަކެވެ. އެންމެ ހާއްސަ އެއް ކަމަކީ ހިތް ގައިމު ކަމެވެ. ޖައްވުގައި ފިނަކަން ނުކެނޑި ހުއްޓަސް މި ސަރަހައްދު މަޑުމައިތިރިއެވެ. ގިނަ މީހުން ފެންނަނީ ބައިސްކަން ދުއްވާތަނެވެ. އެހެންވެ ޓްރެފިކްގެ މާކަބޮޑު އުނދަގުލެއް މި ސަރަހައްދަކު ނެތެވެ. ކޮންމެއަކަސް މިއީވެސް ތަފާތު ތަޖުރިބާ އެކެވެ.