ރިޕޯޓް

އައިޓީބީގެ ކާމިޔާބީއާމެދު ކުންފުނިތައް އުފަލުން!

  • އާ ކުންފުނިތައް ފެއާއަށް ދިޔަ
  • ކުންފުނިތަކުން ހިތްހަމަ ޖެހިފައި
  • ވިޔަފާރީގެ ގޮތުން ފައިދާ

(ޖަރުމަނުން: މުހައްމަދު އަފްރާހު)-- ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާގެ ވިޔަފާރިވެރިނަށް ހާއްސަ ދުވަސްތައް އިއްޔެ ވަނީ ނިންމާލާފަ އެވެ. މި ދުވަސްތަކުގައި އޮތީ ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއެކު ކުރިއަށްދިޔަ ބައްދަލުވުންތަކާއި ވިޔަފާރިވެރިންގެ ވައްމޭޒު ބައްދުލުވުން ތަކެވެ. އެކި ޑީލްތަކާމެދު އެންމެ ފަހުގެ މަޝްވަރާތަކެވެ. މިއީ އައިޓީބީގެ އެންމެ މުހިންމު ބައެވެ. މި ބައި ނިމިއްޖެ އެވެ. ނިމުނުއިރު ނުކުތް ނަތީޖާއާ މެދު ގިނަ ކުންފުނި ތަކުން ތިބީ ހިތްހަމަ ޖެހިފައެވެ.

"އިނަ މޯލްޑިވްސް އިން އައިޓީބީގައި ބައިވެރިވާތާ 18 އަހަރު ވެއްޖެ. މި ދުވަސްތަކުގައި އެންމެ ކާމިޔާބު އެއް އައިޓީބީއަކީ މި އަހަރު،" ރާއްޖޭގެ އެންމެ ބޮޑު އެއް ޓްރެވަލް ކުންފުނި ކަމަށްވާ އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު "އަވަސް" އަށް އިއްޔެ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ބޮޑު ޑެލިގޭޝަނެއް މި ބައިވެރިވީ. ވަރަށް ގިނަ މީޓިންތައް ހެދިއްޖެ. ވަރަށް ކާމިޔާބު. ދެން މިއޮތީ މާލެ ގޮސް އެއްބަސްވުންތަކުގައި ސޮއިކޮށްލުން. ހަގީގަތުގައި ރާއްޖެފަދަ ގައުމަކަށް އައިޓީބީ ފެއާއަކީ ވަރަށް މުހިންމު ފެއާއެއް،" މޫސަ ވިދާޅުވި އެވެ.

އާ އެޖެންޓުން މި އަހަރު ގިނަ

ރާއްޖޭގައި ތިން ރިސޯޓު ހިނގާ، ތިރީއޭ ކުންފުނީގެ ޑިރެކްޓަރެއް ކަމަށްވާ މޫސާ ޝިޔާމް ވިދާޅުވީ އައިޓީބީ އެ ކުންފުންޏަށް ކާމިޔާބު ކަމަށާއި މި ފެއާ ދިޔައީ ވަރަށް ބިޒީކޮށް ކަމަށެވެ.

"އަޅުގަނޑުމެންގެ ބޮޑު ޑެލިގޭޝަނެއް މި ބައިވެރިވީ. ވަރަށް ގިނަ މީޓިންތައް ހެދިއްޖެ. ވަރަށް ކާމިޔާބު. ދެން މިއޮތީ މާލެ ގޮސް އެއްބަސްވުންތަކުގައި ސޮއިކޮށްލުން. ހަގީގަތުގައި ރާއްޖެފަދަ ގައުމަކަށް އައިޓީބީ ފެއާއަކީ ވަރަށް މުހިންމު ފެއާއެއް،" މޫސަ ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމްގައި ނަން މަޝްހޫރު، މުހައްމަދު ރިޔާޒު (ލެޓްސްގޯ ރިޔާޒު) ވިދާޅުވީ މި އަހަރުގެ އައިޓީބީ ފެއާ ކާމިޔާބު ކަމަށެވެ. ޓްރެވަލް އަދި ޓޫރިޒަމް ފެއާތަކުގައި ރާއްޖެ އިޝްތިހާރު ކުރުން ކުރިއަށް ގެންދިއުން މުހިންމު ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

"މި އަހަރު އަޅުގަނޑުމެން މި ބައިވެރިވީ ހުޅުމާލޭގައި ހުޅުވާ ބުޓިކް ހޮޓާ ޕްރޮމޯޓް ކުރަން. އެކަން ކާމިޔާބުކަމާއެކު ވެއްޖެ. މި އަހަރަކީ އައިޓީބީގައި ކާމިޔާބު އަހަރެއް،" ރިޔާޒު ވިދާޅުވި އެވެ.

"ރާއްޖެއަށް ބަލާއިރު މިއަހަރު ވަރަށް ރަނގަޅު. އަޅުގަނޑުމެން މިހާރު ކުރަންވި ކަމަކީ ޔޫރަޕުގައި ރޯޑްޝޯތައް ބާއްވަންވީ،" އަބްދުﷲ ވިދާޅުވި އެވެ.

ސިއްރަކީ ހަމަޖެހުން ގާއިމް ކުރެވުން

މި އަހަރުގެ ފެއާގައި، ރިސޯޓުތަކަށް ކޮޓަރި ވިއްކާ ކުންފުނިތަކުގެ އިތުރުން ގެސްޓްހައުސްތައް ޕްރޮމޯޓް ކުރާ ފަރާތްތަކުން ވެސް ބައިވެރިވި އެވެ. މިގޮތުން ރާއްޖެއަށް ޓޫރިސްޓުން ގެންނަ ކުންފުނިތަކާއި ޕީއާރު ކުންފުނިތައް ވެސް ހިމެނެއެވެ.

މި އަހަރުގެ ފެއާއަށް ކުރިން ރާއްޖެއަށް ނާންނަ އާ ޓްރެވަލް ކުންފުނިތަކުން ވަނީ ޒިޔާރަތް ކޮށްފަ އެވެ. މީގެ ސަބަބެއް ކަމަށް ކުންފުނިތަކުން ބުނަނީ ރާއްޖޭގެ އިގްތިސާދާމެދު އޮތް އިތުބާރު އިތުރުވުމެވެ.

ކުރިން ވާހަކަ ދެއްކެވި، އިނަ މޯލްޑިވްސް ފިރާގު ވިދާޅުވީ މި އަހަރު ވިޔަފާރި ކުރަން ބޭނުންވާ ގިނަ އެޖެންޓުންނާ ބައްދަލުވި ކަމަށެވެ.

"އެހެން އަހަރުތަކުގައި މީހުން ގިނަ ވެދާނެ! މީގައި މުހިންމު ކަމަކީ މީހުން ގިނަވުމާއި މަދުވުމެއް ނޫން. ރަނގަޅު ކްލައިންޓުން ލިބުން. މި މީހުން ރާއްޖޭގެ ކުންފުނިތަކާއެކު ވިޔަފާރި ކުރަން ބޭނުންވަނީ ރާއްޖެއަކީ މިހާރު ޕީސްފުލްތަނެއްގެ ގޮތުގައި އޮންނާތީ. ސަރުކާރުން ވޭތުވެދިޔަ ދުވަސްތަކުގައި ގެންނެވި ބަދަލާއެކު މިހާރު ގަބޫލު ކުރެވެނީ ރާއްޖޭގައި ސުލްހަވެރިކަން ގާއިމް ވެއްޖެކަން،" ފިރާގު ވިދާޅުވި އެވެ.

ރާއްޖޭގެ ގެސްޓްހައުސް މާކެޓުކުރާ، މޯލްޑިވްސް ގެޓަވޭސްގެ ސީއީއޯ ޑރ. ހުސެއިން ސަނީ ވިދާޅުވީ މި އަހަރުގެ އައިޓީބީ އެ ކުންފުންޏަށް ކާމިޔާބު ކަމަށެވެ. މީގެ ސަބަބެއް ކަމަށް އޭނަ ވިދާޅުވީ ރާއްޖޭގައި މި އަހަރުގެ ޖުލައި މަހު އެ ކުންފުނިން އިންތިޒާމު ކުރާ ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ފެއާ އަށް ރިސޯޓުތަކާއި ބޭރުގެ ޕީއާރު ކުންފުނިތަކުގެ އާނބަސް ލިބުމެވެ.

"ކުރީ އަހަރުތަކާ ބަލާއިރު ތަފާތު އައިޓީބީއެއް މިއީ. މި އަހަރު ބޫތު ވެސް ގިނަ. އައި މީހުންގެ އަދަދު މާބޮޑަށް ވެސް ގިނަ. އަނެއްކާ ޓީޓީއެމްއަށް ކުރާ މަސައްކަތުގައި ވަރަށް ރަނގަޅު އެއްބާރުލުމެއް ރިސޯޓުތަކުން މި ފެއާގައި ލިބިއްޖެ. އެޖެންޓުން ވެސް އަންނަނީ ގިނަވަމުން،" ސަނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްއެމްޕީއާރުސީއިން މިފަދަ ފެއާއެއްގައި ކުންފުނިތައް އެއްކޮށް ބައިވެރިވާން ފުރުސަތު ދިނުމަކީ ކުދި ކުންފުނިތަކަށް ލިބޭ ކުރިއެރުމެއް ކަމަށެވެ.

"މި ކަމަކީ އަހަރުމެންނަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް. މި އަހަރުގެ ފެއާއަށް މިނިސްޓަރުވެސް ވަޑައިގެން ކުންފުނިތަކާ ބައްދަލުކޮށް މަޝްވަރާ ކުރައްވައިފި. އެހެންވެ މިއީ ލިބޭ ކުރިއެރުމެއް،" ސަނީ ވިދާޅުވި އެވެ.

ރަޝިޔާ ހިމެނޭ ސަރަހައްދުން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ގެންނަ އެއް ކުންފުނި ކަމަށްވާ، ރިސޯޓް ލައިފް މޯލްޑިވްސްގެ ވެރިޔާ، މުހައްމަދު ޝާޒް ވަލީދު ވިދާޅުވީ މި އަހަރު ކާމިޔާބު ކަމަށެވެ.

"މި އަހަރު ވަރަށް މީހުން އަތުވެއްޖެ އެހެންވެ ކާމިޔާބު ކަމަށް ބެލެވޭ. މި ފެއާގައި ބައިވެރިވީ ޕީއާރު ރަނގަޅުކޮށްލަން. ނެޓްވޯކިންއަށް ބަލާއިރުވެސް މުޅި އިންޑަސްޓްރީ ބައްދަލުވެއްޖެ.އެހެންވެ އެއީ ކާމިޔާބީއެއް،" ވަލީދު ވިދާޅުވި އެވެ.

ދުނިޔޭގެ އެންމެ ބޮޑު ޓްރެވަލް ފެއާގައި ރާއްޖެ ތަމްސީލް ކުރި ގިނަ ކުންފުނިތައް ތިބީ އުފަލުންނެވެ. މީގެ ސަބަބަކީ އާ އެޖެންޓުނާ ބައްދަލުވެ ވިޔަފާރީގެ އާ ފުރުސަތުތަކެއް ހުޅުވުމެވެ. އެހެންކަމުން މި އަހަރުގެ އައިޓީބީއަކީ ކާމިޔާބު ފެއާއެއް ކަމަށް ބުނުމުގެ ފުރުސަތު އެބައޮތެވެ.