ވިޔަފާރި

ގެސްޓްހައުސްތަކަށް އުރީދޫގެ ޒަމާނީ ހިދުމަތްތައް ފުޅާކުރަނީ

ޒަމާނީ މުވާސަލާތީ ހިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ގެސްޓްހައުސްތަކަށް ފޯރުކޮށްދިނުމަށް އުރީދޫ އާއި ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޖީއޭއެމް) އާ އެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮއްފި އެވެ.

އުރިދޫގެ ކޯޕަރޭޓް އޮފީހުގައި މިއަދު ބޭއްވި ކުޑަ ރަސްމިއްޔާާތެއްގައި، މި އެއްބަސްވުމުގައި އުރީދޫ އިން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ވިކްރަމް ސިންހަ އެވެ. އަދި ޖީއޭއެމް ގެ ފަރާތުން ސޮއި ކުރެއްވީ އެ އެސޯސިއޭޝަން ގެ ރައީސް އަހްމަދު ކަރަމް އެވެ.

މި އެއްބަސްވުމުގެ ދަށުން، ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުންނަށް ބޭނުންވާނެ އެންމެ ފަހުގެ ޒަމާނީ، ސްމާޓް މުވާސަލާތީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އުރީދޫ އިން ހާއްސަ އިސްކަމެއް ދޭނެ އެވެ. އުރީދޫގެ ސީއީއޯ ވިކްރަމް ވިދާޅުވި ގޮތުގައި މި އެއްބަސްވުމާ އެކު، ގެސްޓް ހައުސްތަކަށް އުރިދޫ އިން ފޯރުކޮށްދޭ މުވާސަލާތީ ހިދުމަތްތަކަށް ހާއްސަ ޑިސްކައުންޓްތަކެއް ދޭނެ އެވެ.

ސީއީއޯ ވިކްރަމް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ގެސްޓުހައުސް ދާއިރާ ކުރިއެރުވުމަށް އުރީދޫ ފަދަ ކުންފުންނިތަކުން ވަރަށް ބޮޑު ރޯލް އެއް ކުޅެން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. މި ދާއިރާ ކުރި އެރުމަށް ޖީއޭއެމް އާއި އެކު ވަރަށް ކައިރިން އުރިދޫ އިން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

އުރީދޫގެ ބިޒްނަސް ކަސްޓަމަރުންނަށް އެކަށީގެންވާ ހިދުމަތެއް ދިނުމުގެ ގޮތުން އުރިދޫގެ ޓެކްނީޝަނުންނާއި ކަސްޓަމަރުން ގުޅުވާލަދޭނެ އެންޓަރޕްރައިސް ސަޕޯޓު ސެންޓަރެއް އެ ކުންފުނީން ދާދި ފަހުން ގާއިމްކޮށް ވަނީ ހިދުމަތް ފަށައިފަ އެވެ.