ވިޔަފާރި

އުރީދޫއަށް ޝަރީއާ ހުއްދަކުރާ ރޭޓިން ދީފި

May 10, 2017

އުރީދޫ މޯލްޑިވްސްއަށް ޝަރީއާ ކޮމްޕްލަޔަންސް ރޭޓިންގް، މޯލްޑިވްސް ސެންޓާ ފޯ އިސްލާމިކް ފައިނޭންސް (އެމްސީއައިއެފް) އިން ދީފި އެވެ.

އިސްލާމިކް ފައިނޭންސް ސެންޓަރުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އުރީދޫއަށް ޝަރިއާ ކޮމްޕްލަޔަންސް ރޭޓިންގެ ލިޔުން ހަވާލުކޮށްދެއްވީ އެމްސީއައިއެފްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ދީދީ (ޑީޑީ) އެވެ. އަދި މި ލިއުމާ އުރީދޫގެ ފަރާތުން ހަވާލު ލެއްވީ ސީީއީއޯ ނަޖީބު ޚާން އެވެ.

އުރީދޫ އަށް ޝަރިއާ ކޮމްޕްލަޔަންސް ރޭޓިން ދީފައިވަނީ އެމްސީއައިއެފް އިން އުރީދޫގެ އެދުމުގެ މަތިން އެ ކުންފުނިން ޝަރީއާގެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަނީ ކިހާވަރަކަށްތޯ ބެލުމަށްޓަކައި ދިރާސާ ހެދުމަށްފަހު އެވެ.

އިސްލާމިކް ފައިނޭންސްގެ ޑިމާންޑް މަތިވަމުންދާއިރު، ރާއްޖެއަކީ އިސްލާމިކް ފައިނޭންސް ސެންޓަރަކަށް ހެދުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އިސްލާމިކް ސެންޓަރުން ބުނި ގޮތުގައި ދުނިޔޭގައި ޝަރީއާ ހުއްދަކުރާ މުދަލާއި ހދުމަތް އޮތް ޑިމާންޑް އިތުރުވަމުން ދާއިރު، އުރީދޫ އަށް ޝަރީއާ ރޭޓިން ލިބުމަކީ، އެފަދަ ޚިދުމަތްތަކަށް އެފަދަ މާކެޓަކަށް އުރީދޫ މޯލްޑިވްސް ވަނުމަށް ހުޅުވިގެން ދިޔަ ދޮރެއް ކަމަށެވެ.

އުރީދޫއަކީ ރާއްޖޭގައި 2005 ވަނަ އަހަރުން ފެށިގެން މުއާސަލާތީ ދާއިރާގައި އިންވެސްޓް ކޮށްފައިވާ ކުންފުންޏެކެވެ.

އިސްލާމިކް ފައިނޭންސް ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ނަތީޖާ ވެސް ދަނީ ފެންނަމުންނެވެ. މިގޮތުން އައިސީޑީ އިން މިދިޔަ އަހަރު ނެރުނު ރިޕޯޓު ދައްކާ ގޮތުގައި ރާއްޖޭގެ އިސްލާމިކް ބޭންކިންގެ އެސެޓްގެ ގޮތުގައި 114.14 މިލިއަން ޑޮލަރު އެބަހުއްޓެވެ.