ދިވެހި ސިނަމާ

މަލިކާ މިފަހަރު ދަރިވަރުންނާއި ބެލެނިވެރިންނަށް

އާއިލީ މައްސަލަތަކާއި ލޯބީގެ އަސަރުތައް ހިމެނޭ ގޮތަށް އުފައްދާފައިވާ ފިލްމު "މަލިކާ" މިމަހު ދެވަނަ ދުވަހު އަޅުވައި އަށް ޝޯ ދައްކާފައިވާއިރު ޕްރޮޑަކްޝަން ޓީމުން މިވަނީ މުޅިން އާ ދިމާލަކަށް އޯޑިއަންސް ގެންދަން އަމާޒު ހިފާފަ އެވެ. ފިލްމުގެ ޕްރޮޑަކްޝަން ޓީމުން މިހާރުވަނީ މަލިކާ ސްކޫލް ކުދިންނާ ބެލެނިވެރިންނަށް ދައްކަން ނިންމާފަ އެވެ.

މަލިކާގެ ޕްރޮޑަކްޝަން ޓީމުން ބުނީ ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޕީޓީއޭ އަށް ފިލްމު ބެލުމަށް ދައުވަތު ދީފައިވާނެ ކަމަށެވެ. އަދި ފިލްމު ބެލުމަށްފަހު ދަރިވަރުންނަށް ދައްކަން ބޭނުން ނަމަ އެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށެވެ. މި ހަރަކާތުގައި ފިލްމު ދައްކަން ހަމަޖެހިފައިވަނީ އުމުރުން 15 އަހަރުން މަތީގެ ދަރުވަރުންނަށެވެ.

ޕީޓީއޭގެ ބޭފުޅުން ފިލްމު ބަލާފައި އެ ސްކޫލެއްގެ ކުދިންނަށް ފިލްމު ދައްކަން ބޭނުންވާނަމަ ޕްރޮޑަކްޝަން ޓީމާއި ގުޅުމުން އެކަން ހަމަޖައްސައިދޭނެ ކަމަށެވެ. އަދި މިއީ ސްކޫލްތަކުގެ ޕީޓީއޭ އަށް ފައިސާ ހޯދަން ކުރެވިދާނެ ކަމެއް ކަމަށް ޕްރޮޑަކްޝަން ޓީމުން މައުލޫމާތު ދެ އެވެ. އަންނަ ހަފްތާއިން ފެށިގެން މި މަހުގެ 20 ގެ ނިޔަލަށް ހަފްތާ ބަންދުތަކުގައި އޮލިމްޕަހުގައި އަޅުވާ ޝޯތައް ސްކޫލްތަކަށް ހާއްސަ ކުރަން މަލިކާގެ ޕްރޮޑަކްޝަން ޓީމުން ވަނީ ނިންމާފަ އެވެ.

މަލިކާގެ އަށް ޝޯ މިހާރުވަނީ ދައްކާފަ އެވެ. މި ފިލްމަކީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހިމް ވަހީދުގެ ސްކްރިޕްޓަކަށް އަލީ މުސްތަފާ ޑައިރެކްޓްކޮށްފައިވާ ނިކަން އަސަރުގަދަ އާއިލީ ފިލްމެކެވެ.

ފިލްމުގެ ތަރިންގެ ތެރޭގައި މުހައްމަދު ޖުމައްޔިލް އާއި ފާތިމަތު އާޒިފާ އާއި އަލީ އާޒިމް އަދި ނީނާ ސަލީމް އާއި މަރިޔަމް ޝަކީލާ ފަދަ ތަރިން ފެނިގެންދާނެ އެވެ. ޓައިޓްލް ރޯލުން ފެނިގެންދާނީ ނުޒުހަތު ޝުއައިބު އެވެ.