މީހުން

އައިޓީބީގައި ހުނަރު ދައްކާ ފަހުރުވެރި ދެބެއިން

Mar 10, 2017

(ޖަރުމަނުން: މުހައްމަދު އަފްރާހު) -- އައިޓީބީގެ ރާއްޖޭގެ ސްޓޯލުގެ ކައިރި އަށް މީހުން ބޮނޑި ވެއްޖެ އެވެ. މީހުންގެ ބޯމަތިންނާއި ކިހިލިދަށުން ބޯދިއްކޮށްގެން ވެސް މަންޒަރެއް ފެނޭތޯ ބަލަނީ އެވެ. އެއީ އައިޓީބީ ފެއާގައި ތިބި ދިވެހި ދެ ބެއިންގެ ހުނަރެވެ. މި ދެ ހުނަރުވެރިން އުފަން ރަށަކީ ލިޔެލާ ޖެހުމަށް ރާއްޖެއަށް މަޝްހޫރު ބ.ތުޅާދޫ އަށެވެ. އެއީ އަބްދުލް އަޒީޒު (އަޒީ) އާއި އަބްދުލް މަތީނެވެ. މި ދެބެއިންގެ ހުނަރު ބަލަން އެތަށް ބަޔަކު ކޮންމެ ދުވަހަކު ރާއްޖޭގެ ސްޓޯލް ކުރިމައްޗަށް ޖަމާވެ އެވެ.

"ހަގީގަތުގައި މި މަސައްކަތް ވަރަށް ބުރަ. އެކަމަކު ވަރަށް ކުރާ ހިތުން މި ކުރަނީ. މިއީކަން ނޭނގެ މިކަމުން ކުރިއަށް ދިއުމުގެ ސަބަބަކީ،" ޖަރުމަނުގެ އައިޓީބީ ފެއާ ކުރިއަށްދާ ސެންޓަރުގައި ހުރެ "އަވަސް" އަށް އަޒީ ބުންޏެވެ.

އަޒީ އާއި މަތީން މި މަސައްކަތް ކުރަނީ ވަރަށް ކުރާ ހިތުންނެވެ. ކަމަށް ކަމޭ ހިތައިގެންނެވެ. މި މަސައްކަތަކީ އާއިލީ ގޮތުން ވާރުތަ ވެގެން އައި ކަމެއް ނަމަވެސް މިކަން ތަރައްގީ ކޮށްފައިވަނީ މި ދެބެހެއިންގެ މަސައްކަތުންނެވެ. ކޮންމެ ދުވަހެއްގެ ފެއާ ފެށޭއިރަށް ދެބެއިންގެ މަސައްކަތް ފެށެ އެވެ. އަތުގައި އަޅާ އުޅައްޔާއި ވާސް ފަދަ ތަކެތި، ލާޖަހައި ތައްޔާރު ކޮށްލަނީ ބަލަން ތިބޭ މީހުން ކޮސްކޮށްލާ ފަދަ ކުޅަދާނަމާއެކުގަ އެވެ. އެހާމެ ޗާލުކޮށެވެ.

"މީގެ އެއްޗެއްގައި ޑިޒައިންކޮށް [ފަރުމާ] ވެސް މި ކުރަނީ ފުރަތަމަ ކުރަހައިގެންނެއް ނޫން.ހަމަ ހިތުގައި އޮންނަ ގޮތަށް ކަށިން މި ނަގާ ލަނީ،" މަތީން ބުންޏެވެ.

މިގޮތުން އަތުގައި އަޅާ އެއްޗެއް ހަދައި ގަޑިއެއްހާއިރު ތެރޭގައި ނިންމާލެވޭ ކަމަށް އަޒީ ބުނެ އެވެ.

"މީގައި ވަރަށް ގިނަ ވަގުތު ނަގާ އެއްޗިހި ވެސް އެބަ ހުރި. މިސާލަކަށް ވާސް. ވާސްއެއް ހަދާނަމަ ގިނަ ވަގުތު ނަގާ ފާނެ،" އަޒީ ބުންޏެވެ.

އައިޓީބީ ފެއާގައި ދެ ބެއިން ދަނީ ރާއްޖެ އަންނަން ތިބި މެހުމާނުން ރާއްޖެ އަށް ހިތް ލެންބުމަށް ބުރަ މަސައްކަތް ތަކެއް ކުރަމުންނެވެ. ރާއްޖޭގެ ސްޓޯލަށް އަންނަ މެހުމާނުންގެ އަތަށް ހެޔޮވަރުކޮށް އުޅާލި ތައްޔާރުކޮށް އޭގައި އެ މީހެއްގެ ނަން ޖެހުމަށްފަހު ފޯރުކޮށްދެ އެވެ. އަދި ހާއްސަ މެހުމާނުންނަށް ލިޔެލާޖެހި ގަލަން ވެސް ވަނީ ތައްޔާރުކޮށްފަ އެވެ.

"އައިޓީބީގައި މި ނުވިއްކަން. އެކަމަކު މި ކަމަކީ ވަރަށް ރަނގަޅު އާމްދަނީ އެއް ލިބޭ ކަމެއް. މަހެއްގެ މައްޗަށް ވަރަށް ރަނގަޅު އާމްދަނީއެއް ލިބޭ. ވަރަށް ގިނައިން ބޭރު މީހުން ވެސް ގަނޭ. އެކަމަކު އެންމެ ގިނައިން ވިކެނީ ހަމަ ދިވެހިން ނަށް،" އަޒީ ބުންޏެވެ.

އަޒީ ގަބޫލު ކުރާ ގޮތުގައި އައިޓީބީ އިން ލިބިގެން ދިޔަ މި ފުރުސަތަކީ އެ މީހުންގެ ކެރިޔާގައި ހުޅުވުނު އާ ދޮރަކަށްވުން އެކަށީގެންވެ އެވެ.

"ފެއާގައި މި ތަކެތި ނުވިއްކިއަސް ޓޫރިސްޓުންނަށް މި ތައާރަފު ކުރުމަކީ ހުޅުވިގެންދާ އާ ދޮރަކަށްވާނެ ކަމަށް ބެލެވޭ/ ފަތުރުވެރިންނަށް މި ތައާރަފުވުމަކީ ވަރަށް މުހިންމު ކަމެއް،" އަޒީ ބުންޏެވެ.

އޭނާ ބުނި ގޮތުގައި މި މަސައްކަތް ކުރުމަށް ބޭނުން ކުރާ ސާމާނުގެ ބޮޑު ބައެއް ހޯދަނީ ރާއްޖެ އިންނެވެ. ބޭރުން ގެންނަނީ ހަމައެކަނި ކުލަ އެވެ. މި ކުލައިގެ ބޭނުމަކީ ލިޔެލާ ޖެހުމަށް ފަހު އެ އެއްޗެއް ޗާލުކޮށް ކުލަ ޖައްސާލާށެވެ.

އައިޓީބީގައި ދެބެއިންގެ ހުނަރު ފެނިގެންދާ އިރު، މި ދާއިރާގައި ދެބެން ދަނީ ގިނަ ކާމިޔާބީ ތަކެއް ވެސް ހޯދަމުންނެވެ. މިހާތަނަށް ހޯދައިވާ ބައެއް ކާމިޔާބީތަކުގެ ތެރޭގައި 2015 ވަނަ އަހަރު ބޭއްވި ގައުމީ މައުރަޒާއި އެންމެ ފަހުން އޮތް މައުރަޒުން ވެސް ރަން ވަނަ ތަކެއް ހޯދި އެވެ. މި ކާމިޔާބީތަކާއެކު އަޒީގެ ދެބެއިންގެ މިހާރުގެ މަސައްކަތަކީ މި ހުނަރު އެހެން މީހުންނަށް ދަސްކޮށްދިނުމެވެ. އެކަމަށްޓަކައި ދަނީ ކޯސްތައް ހިންގައި ފަށާފަ އެވެ.

ކޮންމެއަކަސް މިހާރު ޖަރުމަނުގައި ކުރިއަށް ދާ އައިޓީބީ ފެއާގައި ބައިވެރިވި ދިވެހިންގެ ތެރޭގައި މި ދެބެއިންގެ ފާހަގަވެ އެވެ. ދެބެއިންގެ ހާއްސަ ކަމަކީ ހުނަރު ދައްކާލައިގެން ބޭރު މީހުން ކޮސްކޮށްލުމެވެ.