ރިޕޯޓް

ދުނިޔޭގެ ޓްރެވެލް ނޫސްވެރިން ޖަމާވާ މައި ޖަގަހަ!

(ޖަރުމަނުން: މުހައްމަދު އަފްރާހު) -- މީޑިޔާ ސެންޓަރަކީ އައިޓީބީ ފެއާގެ އެންމެ ހައިބަތު ބޮޑު އެއް ތަނޭ ބުނެވިދާނެ އެވެ. ފެއާ ކުރިއަށްދާ ހޯލުގެ ދެވަނަ ފަންގިފިލާގައި ފުރިހަމަ ހިދުމަތްތަކާއެކު ނޫސްވެރިނަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ މި ތަނަށް ވަންނަ ދޮރުމަތީގައި ޖަރުމަނު ބަހާއި އިނިގޭސި ބަހުން "ޕްރެސް ސެންޓަރު" ލިޔެފައިވެ އެވެ.

ފުރަތަމަ ބަލައިލުމުން ހީވީ ދަރުބާރުގެ ކަހަލަ ކުޑަތަނެއް ކަމަށެވެ. އެކަމަކު އެތެރަށް ބޯދިއްކޮށްލުމުން ފެންނަ މަންޒަރު މުޅިން ތަފާތެވެ. މިތަނުގެ ބޮޑުމިން ފަސް ދަރުބާރުގެއަށްވުރެ ވެސް ބޮޑެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ ކަމަށްވާ "އައިޓީބީ ބާލިން 2017" ގެ މައުލޫމާތުތައް ދުނިޔެއަށް ފަތުރާތަނެވެ. ނުވަތަ އައިޓީބީ ޕްރެސް ސެންޓަރެވެ. އެހެން ގޮތަކަށް ބުނާނަމަ ނޫސްވެރިންގެ ޖަގަހަ އެވެ.

ހޯލުގެ ތެރެ އަށް ވަދެގެން ދާއިރު މާސިންގާ ބޮޑު ރިސެޕްޝަނެއް ހުރެ އެވެ. މި ތަން ދެ ހޯލަކަށް ބަހާލާފައިވާއިރު އެއްބައި ހާއްސަ ވަނީ ދުނިޔޭގެ އެކި ޓްރެވަލް ނޫސްވެރިން ނަށެވެ. އައިޓީބީ ފެއާ އޮންނަ ހޯލުގެ މަތީގައި ހަދާގައިވާ މިތަނުގައި ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން މަސައްކަތް ކުރެ އެވެ.

މި ހޯލުގެ އެ އަށް ވުރެ އެތެރެ އަށް ވަދެ ބޯދިއްކޮށްލާއިރު މާކެޓިން އާއި ޕީއާރު ކުންފުނިތައް ހޭބޯނާރާ އުޅޭތަން ފެނެ އެވެ. އެމީހުންގެ މަސައްކަތަކީ ފެއާއަށް ހާއްސަކޮށް ގޮށްގެން ޖަރުމަނަށް އައި ބޮޑެތި ކުންފުނިތަކުގެ ސްޓޯލްތައް ޕްރޮމޯޓްކޮށް ނޫސްވެރިންނާ ގުޅުވައި ދިނުމެވެ. މިތަނުގައި ޓްރެވަލް އެންޑް ޓޫރިޒަމްގެ ބޮޑެތި ބައެއް ނޫސްތައް ކަމަށްވާ ޓީޓީޖީ އާއި ޓްރިޕްއެޑްވައިޒާ ފަދަ ގިނަ ނޫސްތަކެއް ބިޒީވެފައިވަނީ އެ މީހުންގެ ހަބަރުތައް ކަވަރު ކުރުމަށެވެ.

މި ތަނުގެ "ޕްރެސް ސެންޓަރަކީ" ނޫސްވެރިން އެންމެ ބުރަ ވާނެ އެއް ތަނަށްވާނެ އެވެ. އެހެންވެ މުޅި މި ސަރަހައްދު ވަނީ ހިލޭ އިންޓަނެޓު ދޫކޮށްފަ އެވެ. އަދި ތަފާތު ކެއުންތައް ވިއްކާ ބޫތު ތައް ވަނީ މުޅި ސަރައްހަދަށް ފަތުރާލާފަ އެވެ. ހާއްސަކޮށް ކޮފީގެ ބާވަތްތައް ވަގުތުން ތައްޔާރު ކޮށްދޭ ތަންތަން އެބަހުއްޓެވެ. ބުރަކޮށް ނޫސްވެރިން ހަބަރުތައް ގެނެސްދޭ އިރު ބޭނުންވާ ވައްތަރެގެ ކޮފީއެއް ހިފައިގެން ތިބެ މަސައްކަތް ކޮށްލަންވީ އެވެ. މީގެ އިތުރުން ބޭނުންވާ މަޖައްލާއެއް ހިލޭ ލިބެން ހުންނަ ސަރަހައްދެއް ވެސް ހުރެ އެވެ.

މި ސެންޓަރުގައި ގައުމު ތަކުން "ޑެސްޓިނޭޝަން މާކެޓިން" އަށް ހާއްސަކޮށް ބާއްވާ ނިއުސް ކޮންފަރެންސުތައް ރޭވުމަށް ހާއްސަ ދެ ހޯލު ހުރެ އެވެ. މި ހޯލުތައް އައިޓީބީ ފެއާ ކުރިއަށްދާ އިރު އަބަދު ވެސް އޮންނާނީ ފުރިފަ އެވެ. އެކި ގައުމުތަކުގެ އެކި ބަސްތަކުން ނޫސް ކޮންފަރެންސް ގެނެސްދޭއިރު ވަގުތުން ތަރުޖަމާ ވެގެންދާނެ އެވެ. މިތަނުގައި 3،000 އަށްވުރެ ގިނަ ނޫސްވެރިން މިހާރުވެސް މަސައްކަތް ކުރެ އެވެ.

ކޮންމެއަކަސް ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ ކަމަށްވާ އައިޓީބީގެ ޕްރެސް ސެންޓަރުން ވެސް މި ފެއާގެ ހައިބަތު ފެނެ އެވެ. މިތަނަކީ ދުނިޔޭގެ ހުރިހާ ޓްރެވަލް ނޫސްވެރިން ޖަމާވާ ޖަގަހަ އެވެ.