ބައެއް މީހުން ބުނަނީ ރާއްޖޭގައި އެކަން ކުރަން އުޅެނީ އެފަދަ ވިސްނުމެއްގައި ކަމަށެވެ. އަނެއް ބަޔަކު ބުނަނީ މަރުގެ ހުކުމެއް ދީނުގައި ކަނޑައެޅިފައި އޮންނަކަން ދިވެހިންގެ ހަނދާނަށް އަންނަނީ ރަހުމް ކުޑަ މަރެއްގައި ކޮންމެވެސް މީހަކު މަރާލާފައި އޮއްވައި ފެނިގެން ޖަޒުބާތުތައް އުތުރިއަރައިގަންނަ ވަގުތުތަކުގައި އެކަނި ކަމަށެވެ.
ފަހަރެއްގައި މިއީ ތެދު ވާހަކަ އެވެ.
ފާއިތުވި ދެ ދުވަހު އެ ވަނީ އަނިޔާވެރި ގޮތަކަށް ދެ މީހަކު މަރާލައިފަ އެވެ. މި ޚަބަރެއް ފެތުރި ދިވެހިންގެ ހިއްސުތަށް ހޭލައްވައިލުމާ އެކު އެންމެން ވެސް އަނެއްކާ، މަރަށް މަރު ހިފަން ގޮވާލައި އަޑުގަދަކުރަން ފަށައިފި އެވެ. މަރަށް މަރު ހިފަން ގޮވާލާ ފަރާތްތަކުގެ މި އަޑު ކެނޑިގެންދާން މާ ގިނަ ދުވަހެއް ނުނަގާނެ އެވެ.
އެހެންވީމަ އަހަރެމެންގެ އެއްވެސް މީހެއްގެ އިހްލާސްތެރިކަމެއް ނެތެއް ނޫން ހެއްޔެވެ؟ ތަންފީޒުކުރަން ދީނުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ހުކުމެއްގެ މަތިން އަހަރެމެން ހަނދާން މި ވަނީ ގޭންގް މާރާމާރީއެއްގައި ޒުވާނަކު މަރުވީމަ އެވެ. ނުވަތަ "އިބްތިހާލެއް" މަރުވީމަ އެވެ. ނުވަތަ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު އަވަހާރަކޮށްލީމަ އެވެ.
ދިވެހިންގެ ތެރެއިން ގިނަ ބަޔަކު މަރުގެ ހުކުމް ތަންފީޒުކުރުމަށް މިހާރު ގޮވާލަމުން ދަނީ "އަޖުމަ ބަލާލުމުގެ" ބޭނުމުގައޭ ބުނަން ޖެހޭ ސަބަބަކީ މިއީ އެވެ.
މިސާލަކަށް މަރުގެ ހުކުމް ތަންފީޒުކުރުމަށް ގޮވާލާ ފަރާތްތަކާއި މި ހުކުމް ތަންފީޒުކުރާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ސަރުކާރުގެ އިސް އޮފިޝަލުންގެ ރާގުތަކަށް ބަލާލީމަ ވެސް ބައެއް ފަހަރު ހީވަނީ މިއީ "އަޖުމަ ބެލުމެއްކަން" ނުވަތަ "ސިޔާސީ އެދުމެއް ފުއްދުން" ދައްކަވާ ވާހަަކައެއް ހެން ނޫން ހެއްޔެވެ؟
"މިއީ ކޮންމެ ދިވެހި ރައްޔިތަކު ވެސް މިހާރު އެންމެ ދެކެން ބޭނުންވާ ދުވަސް. މި މުޖުތަމައު އިން ކުށް މަދުކުރެވޭނެ ކަމުގެ ކޮޅުމަތި އެބަ ފެންނަން އުޅޭހެން މިހާރު ހީވާން ފަށައިފި. މީހުން މަރަމުންދާ އެންމެނަށް މަރުގެ ހުކުމް ތަންފީޒުކުރެވޭނެ ކަމަށް އުއްމީދުކުރަން،" މިއީ މަރުގެ ހުކުމް ތަންފީޒުކުރުމާ ބެހޭ ގަވާއިދު ގެޒެޓްކުރި ދުވަހު އޭގެ ޚަބަރަކަށް އާންމުންގެ މީހަކު ފާޅުކޮށްފައިވާ ހިޔާލެކެވެ.
އެ މީހާގެ ވާހަކައިން އެނގެނީ މަރުގެ ހުކުމް ތަންފީޒުކުރެވޭނެ ދުވަހަކަށް އިންތިޒާރުކުރަމުން އައީ މުޖުތަމައުގައި މާރާމާރީ އާންމުގެ މީހުން މެރުން އާންމުވެ ބިރުވެރިކަމެއް ލައިގަނެފައި އޮތީމަ ކަމެވެ. އެހެންވީމަ އެ މީހާ އުފާ ފާޅުއެކުރީ އެފަދަ މާރާމާރީތަކާއި މަރުތައް މަދުވެ މި ހުކުމް ތަންފީޒުކުރަން ފެށުމުން އަލުން ހިތްހަމަޖެހިލައިގެން އަރާމުގައި ނިދާލެވޭނެތީ އެވެ.
ދެން މި އޮތީ އަޅުގަނޑުމެންގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ވާހަކަ އެކެވެ.
"އިސްލާމީ އުސޫލްތަކުން އެ ކަންކަމަށް ފައިސަލާކޮށް އިސްތިއުނާފުގެ ހުރިހާ މަރުހަލާތަކެއް ނިމި އަދި އިސްލާމިކް ސިނިކަލް ކައުންސިލިން ދީ ނިމިގެން، އަދި ވާރިސުންގެ ފަރާތުން މައާފު ނުދޭ ކަމަށް ވަންޏާ މި ސަރުކާރަށް ކެރޭނެ މަރުގެ ހުކުމް ތަންފީޒުކުރަން،" ރައީސް މިހެން ވިދާޅުވީ ނިކަން ބޮޑު ސިޔާސީ ޖަލްސާއެއްގަ އެވެ.
ސަރުކާރަށް އަހަރު ފުރުން ފާހަގަކޮށް އުފާފާޅުކުރުމަށް މާލޭގެ ކާނިވަލުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި ޖަލްސާއެއްގަ އެވެ.
ހަމަ އެ ނޭވާގައި ރައީސް ދެން ފާހަގަކުރެއްވީ ސަރުކާރުން ދިން ހިދުމަތްތަކެއްގެ ވާހަކަ އެވެ. ހުސްނުވާ އާސަންދައިން 900 މީހެއްގެ ހިތުގެ ބައްޔަށް ފަރުވާ ކޮށްފައިވާ ވާހަކަ އަކާއި 800 މީހަކު ހުސްނުވާ އާސަންދައިން ކެންސަރަށް ފަރުވާ ހޯއްދެވި ވާހަކަ އެކެވެ.
އެހެންވީމަ، ދޭހަވީ ކޮން އެއްޗެއްތޯ އެވެ؟ މި ވިދާޅުވަނީ މަރުގެ ހުކުމް ތަންފީޒުކުރުން ވެސް އެއީ ސަރުކާރުން ފޯރުކޮށްދޭ ހިދުމަތެކޭތޯ އެވެ؟ ނުވަތަ މަރުގެ ހުކުމް ތަންފީޒު ކުރުމަކީ ގިނަ ބަޔަކު އެދޭ ކަމަކަށް ވާތީ އެކަން ކުރުންތޯ އެވެ. ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެދޭ ކަމަކަށް ދީލާލުމަކީ ސިޔާސީ އެތައް ގޮތަކުން ފައިދާވާނެ ބޮޑު ނިންމުމެއް ކަމަށް ބަަލައިފި ނަމަ މިއީ ސިޔާސީ ވާހަަކައެކެވެ.
އެކަމަކު އިސްލާމީ ދައުލަތަކުން މަރުގެ ހުކުމް ތަންފީޒުކުރަން އުޅުމުން އެކަން ސިޔާސީއޭ ވެސް ބުނުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ.
އެކަމަކު އެހެން މައްސަލައެއް ވެސް އެބައުޅެ އެވެ.
މަރުގެ ހުކުމް ތަންފީޒުކުރަން ސީދާ ދެކޮޅުހަދާ ބަޔާއި މި ހުކުމް ގާއިމުކުރުމަށް ގޮވާލާ ބަޔަކާ އެކު ގައުމު މި އޮތީ ދެ ފަޅިއަކަށް ފަޅައިގެން ގޮސްފަ އެވެ. އަދި މި ދެ ފަޅީގައި ވެސް އިތުރު އެހެން ހިޔާލުތަކެއް ވެސް މި މައްސަލާގައި އެބަ އުޅެ އެވެ.
އެގޮތުން އެންމެ ގިނަ ބަޔަކު ކުށްވެރިކުރާ ދާއިރާ އަކީ ރާއްޖޭގެ ޝަރުއީ ނިޒާމެވެ. އަޅުގަނޑުމެންނަށް އަބަދުވެސް އިވެނީ ރާއްޖޭގެ ޝަރުއީ ނިޒާމު "ފާލުން ނެއްޓި، ހަމައިން ގެއްލިފައިވާ" ޝަކުވާ އެވެ.
މި ރާއްޖޭގައި "އިންސާފު" ގަނެވިއްކާ އެއްޗަކަށް ބަދަލުވެފައިވާ ވާހަކަ އާއި އިންސާފު ލިބެން ނެތް ވާހަކަ އެވެ. އެހެންވީމަ މި ފެންވަރުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ޝަރުއީ ނިޒާމެއް މި ތަނުގައި އޮއްވައި އެކަން އިސްލާހުނުވެ މީހެއްގެ ފުރާނަ "ދުއްވާލަން" އެފަދަ ފަނޑިޔާރު ގެއަކުން ހުކުމެއް އައުމަކީ ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަމަށް ގިނަ ބަޔަކު ބުނެ އެވެ.
އެކަމަކު ދީނުގައި މަރުުގެ ހުކުމަކީ ހަމައެކަނި ފަނޑިޔާރުގެއިން އަންނަ ކަމެއް ވެސް ނޫނެވެ. ހުރިހާ ބާރެއް އޮންނަނީ މަރުވި މީހާގެ ވާރިސުންނަށެވެ. މީހަކު މެރި ކަމަށް ސާބިތުވާ މީހާ އަށް މަރުގެ އަދަބު ދެވޭނީ މަރުވި މީހާގެ ވާރިސުންގެ ތެރެއިން ހުރިހާ އެންމެން އެކަމަށް ބޭނުން ކަމަށް ބުނެފި ނަމަ އެވެ. އެންމެ މީހަކު ވެސް މަރަށް މަރު ބޭނުން ނުވާ ކަމަށް ބުނެފި ނަމަ މަރުގެ ހުކުމް ތަންފީޒެއް ނުކުރާނެ އެވެ.
ގާތިލުގެ ކިބައިން ބޭނުންވަނީ މަރަށް މަރުތޯ، މަރުގެ ދިޔަތޯ ނުވަތަ މައާފްކޮށް ދޫކޮށްލުންތޯ ފަނޑިޔާރު ވާރިސުންގެ ކިބައިން އޮޅުން ފިލުއްވާނެ އެވެ. ހުކުމް އަންނާނީ ވާރިސުން އެދޭ ގޮތަށެވެ. ފަނޑިޔާރު ބޭނުންވާހާ ގޮތަކަށް ވެސް ނޫނެވެ. އެހެންވެ މީހަކު މަރާއިރަށް މަރަށް މަރު ހިފާށޭ ގޮވޭކަށް ވެސް ނެތެވެ.
ދީނުގައި ހުކުމް ކަނޑައެޅިގެން އަދަބު ކަނޑައެޅިފައިވާ އެހެން ބޮޑެތި މައްސަލަތައް ވެސް މި މުޖުތަމައުގައި އާންމުވެފައިވާއިރު ގިނަ ބައެއްގެ ސަމާލުކަން ހަމައެކަނި، މަރުގެ ހުކުމް ތަންފީޒުކުރުމަށް ހުއްޓިފައިވާ ވުމަކީ ސުވާލު އުފައްދާ ކަމެކެވެ. މިއީ ވެސް މިކަން "ސިޔާސީވެ" "އަޖުމަ ބެލުމަކަށް" ބަދަލުވެފައިވާކަމުގެ ހެއްކެކެވެ.
"މަރުގެ ހުކުމް ތަންފީޒްކުރާ ވާހަކަ ދައްކަވާއިރު ، މިނޫނަސް ދީނުގައި ކުރަން އަންގަވާފައިވާ އެތައްކަމެއް އެބަހުރި. ޒިނޭކުރާ އަންހެން މީހާ ރަޖަމްކުރުމާއި، ވައްކަންކުރާ މީހާގެ އަތް ކެޑުމަށް ވެސް ވަނީ އަންގަވާފައި. މިކަންކަން ބަހައްޓާފަ ހަމައެކަނި މަރުގެ ހުކުމާއިގެން ކުރިއަށްދިއުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން،" މިއީ ވެސް ހަމަ ދިވެއްސެއްގެ ހިޔާލެވެ.
އަނެކަކުގެ ހިޔާލު ހުރީ މިހެންނެވެ.
ދެން އޮތް އަނެއް ވާހަކަ އަކީ، މަރުގެ ހުކުމް ތަންފީޒުކޮށްގެން ކުށް މަދު ވެއްޓެއް ގާއިމުކުރެވިދާނެތޯއޭ ބުނެ އާންމުން ކުރާ ޒުވާބެވެ. މިގޮތަށް ބަހުސް ކުރެވޭ މައިގަނޑު ސަބަބަކީ ވެސް "ކުށް މަދުކޮށް އާންމުންނަށް ރައްކާތެރިކަން ހޯދައި ދިނުމުގެ" ނަމުގައި އެންމެން ވެސް މަރުގެ ހުކުމުގެ ވާހަކަ ދައްކާތީ އެވެ.
ދީނުގައި އެކަން ކުރުމަށް އަންގަވާފައި އޮންނާތީ އެކަމަށް ތަބާވުމުގެ ބޭނުމުގައި މަރުގެ ހުކުމް ތަންފީޒުކުރަން ޖެހޭ ވާހަކަ ދައްކާ އަޑު އިވެނީ މަދުންނެވެ. އެކަމަކު ކޮންމެ ނިޔަަތެއްގައި މި ވާހަކަ ދެއްކި ކަމުގައި ވިޔަސް މި މައުލޫގައި އަހަރެމެން ވަރަށް ބޮޑަށް ރޯފިލާން އެބަ ޖެހެ އެވެ.