ރިޕޯޓް

އިމްރާނު ދައްކަވާ ވާހަކައިން ގަބޫލުކުރާނެ ވާހަކައެއް ނޭނގުނު؟!

ދީނީ އިލްމުވެރިޔަކަށް ވުރެ ބޮޑަށް، އިމްރާނު އަބްދުﷲ މަޝްހޫރީ ސިޔާސީ ލީޑަރެއްގެ ގޮތުގަ އެވެ. އަދާލަތު ޕާޓީގެ ރައީސް މި ވަނީ އަނެއްކާވެސް އެ ބޭފުޅާ އެންމެ މޮޅު އަދި އެންމެ މަޝްހޫރު ހަރަކާތަށް ރަސްމީކޮށް ނުކުމެ ވަޑައިގެން ފޯރި ނަންގަވަން ފައްޓަވައިފަ އެވެ.

މި ބޭފުޅާ އަކީ ސިޔާސީ އެއްވުންތަކުގައި ނިކަން އަޑުހަރުކޮށް، ލޭ ކައްކުވާލައިގެން ވާހަކަ ދައްކަވާ ބޭފުޅެކެވެ. ސިޔާސީ ބޮޑުބެރެކެވެ. މިފަހުން އެމްޑީޕީގެ މުޒާހަރާގެ ސަފުތަކާ އިމްރާނު ގުޅިވަޑައިގަތުމުން އެމްޑީޕީ އިން ވެސް "ސުލްހަވެރި ފިނީގެ ހިނގާލުމެއް" ގެ ބަދަލުގައި ސަރުކާރު ވައްޓާލާ ފެންވަރުގެ މުޒާހަރާއެއް ޖައްސާހެން މިހާރު އެބަ ހީވެ އެވެ.

އިމްރާނާ އެކު އެމްޑީޕީގެ މުޒާހަރާގެ "އަހުލާގު" ވެސް ވަގުތުން ބަދަލުކޮށްލައްވައިފި އެވެ. ރޭގައި އެ ވަނީ ޕީޕީއެމް އާއި ސިފައިންނާއި ފުލުހުންނަށް ފުރައްސާރަކޮށް އެއްޗެހި ނުކިޔުމަށް ވެސް އިއުލާނުކޮށްފަ އެވެ. މިއީ އެމްޑީޕީގެ މުޒާހަރާއެއްގައި އާންމުކޮށްވާނޭ ގޮތެއް ނޫނެވެ.

އެމީހުންގެ އެކްޓިވިސްޓުންނަކީ "މަނީ، މަނީ، ޔެސް، ސާ" ވެސް ޖެއްސި އެކްޓިވިސްޓުންނެވެ.

އެހެންވީމަ ސިޔާސީ މައިދާނުގައި އިމްރާން ވަރެއް ނެތްތާ އެވެ؟ އެމްޑީޕީ ވެސް "ސައިޒްކޮށްލެއްވީ" އޭނާ ކަމަށް ބުނެ އެވެ.

އެކަމަކު ދެރަ ކަމަކީ "ސިޔާސީ ދެފުއްކެހެރިއެއް" ގެ ގޮތުގައި މަޝްހޫރުވެ ވަޑައިގެން އާންމުންގެ ކުރިމަތީގައި މި ޝޭހުގެ އަގު ނިކަން ބޮޑަށް ވެއްޓިފައިވާތީ އެވެ. މިހެން ބުނާއިރު ދެފުއްކެހެރިވެ އަގު ނުވެއްޓޭ ސިޔާސީ ބޭފުޅެއް ވެސް މި ގައުމުގައި ކޮބައި ހެއްޔެވެ؟

ފަހަރެއްގައި ލަދާއި ހަޔާތް އެއް ފަރާތެއްގައި ބޭއްވުމަށް ފަހު އިމްރާނު ވެސް އެމްޑީޕީއާ ގުޅިވަޑައިގެންފައި ވަނީ ދެކޮޅަށް ކިރުން ރާއްޖޭގެ ސިޔާސީ މައިދާނުގައި މާ ބޮޑު މައްސަލައަކަށް ނުވާތީ އެވެ.

އިމްރާނަކީ އެއް އިރެއްގައި އެމްޑީޕީގެ ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އެ ބޭފުޅާގެ މި އެމްޑީޕީގެ އެކްޓިވިސްޓުން ވަރަށް "ދޮގުހަދާ ދެ ވަނަ ބަޔަކު" ނެތް ކަމަށް ވިދާޅުވެ ވެސް އަޑުއުފުއްލެވި ބޭފުޅެކެވެ.

"(ނަޝީދު) ދަސްކޮށްފައި އޮތް ސިޔާސީ ކަންތައްތަކަކީ ދޮގުހެދުމޭ. ދޮގު ގިނައިން ހަދަމުން، ތަކުރާރުކުރަމުން ގޮސް މީހުންގެ ކުރިމަތީގައި ބަދަލުކުރެވިދާނޭ ތެދަކަށް. އެހެންވެ އެބޭފުޅުންގެ ޓީވީން ހަދަނީ ދޮގު، އެބޭފުޅުންގެ ނޫސްތަކުން ހަދަނީ ދޮގު، އެކްޓިވިސްޓުން ވެސް ހަދަނީ ދޮގު."

އެކަމަކު މިހާރު އެ ހުންނެވީ ހަމަ "އެ އެކްޓިވިސްޓުންނާ" އެކުގަ އެވެ. އެހެންވީމަ މިހާރު، ދޮގު ހަދަނީ ކޮން ބައެއް ނުވަތަ ކާކުކަމެއް ވެސް ނޭނގުނެއް ނޫން ހެއްޔެވެ؟ އެ ވިދާޅުވި ދޮގު ގަބޫލުކުރެއްވުނީ ހެއްޔެވެ؟

ކޮންމެއަކަސް އިމްރާނު ދައްކަވާ ވާހަކަތަކުން ގަބޫލުކޮށްފަ، ގަބޫލުނުކުރަންވީ ވާހަކައެއް އަޅުގަނޑުމެންނަކަށް މިހާރަކު ނޭނގެ އެވެ. މިހާރު އެ ހުންނެވީ، "ދީނާއި ގައުމަށްޓަކައި" ގުޅެން ހެޔޮނުވާނެ ކަމަށް ވިދާޅުވި އެމްޑީޕީގެ އެންމެ ކުރީ ސަފުގަ އެވެ.

ދައްކަވާ ހުރިހާ ވާހަކައެއް ރަނގަޅުހެން ވެސް ބައެއް ފަހަރު ހީވެ އެވެ. އަނެއްބައި ފަހަރަށް އިތުރުފުޅު ހައްދަވަނީހެން ވެސް ހީވެ އެވެ.

ޝޭހު މިފަދަ ގޮތަށް ސިޔާސީ މައިދާނުގައި އުޅުއްވަނީ އެ ބޭފުޅާ އަށް ހުރިހައި އެންމެންގެ ހަގީގަތް އެންމެ މޮޅަށް އެނގިވަޑައިގަންނަވާތީއޭ ހިތަށް އަރާ ފަދަ ގޮތަށް ވެސް ބައެއް ފަހަރު ވާހަކަ ދައްކަވަ އެވެ. ކުރިން ރައީސް މުހައްމަދު ނަޝީދުއާ ދެކޮޅަށް ވެސް އުޅުއްވީ އެހެންނެވެ. އަދި މިހާރު ވެސް އުޅުއްވަނީ ހަމަ އެހެންނެވެ.

ނަޝީދުގެ ވެރިކަން "ވިދާޅުވި ދުވަހަށް" ވައްޓާލެއްވި އިމްރާނު ވިދާޅުވެފައި ވަނީ ނަޝީދުގެ ވެރިކަން ވެއްޓުނީ "އައްޑޫގައި ބުދު ބެހެއްޓުމުން" ކަމަށެވެ. މިހާރު ވެސް ވިދާޅުވަނީ ސަރުކާރު ވައްޓާލައްވާ ވާހަކަ އެވެ. މަޝްވަރާގެ މޭޒުދޮށަށް ނައިސްފި ނަމަ ސަރުކާރު ވައްޓާލައްވާނެ ވާހަކަ އެވެ.

ރޭގެ މުޒާހަރާ އަށް ބަލާއިރު ވެސް އިމްރާނު ވަނީ ނިކަން "ތެދު ހަގީގަތް" ހާމަ ކުރައްވައިފަ އެވެ. މިސާލަކަށް ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް ހިންގާ ޝަރީއަތުގެ ހުރިހާ އަސްލެއް އެ ވިދާޅުވެ ދެއްވީ އެވެ. 

ނުވަތަ އެއީ "އިމްރާނުގެ ވާޝަން" އެވެ.

"ކޯޓުގައި ސާބިތުކޮށް ނުދެވުނަސް، ކާނަލް ނާޒިމް ވަނީ ފްރޭމް ކުރެވިފައި ކަމަށް ހުރިހާ ގޮތަކުން ކަށަވަރުވާނެ ހެކިތައް އަޅުގަނޑުމެންގެ އަތުގައި އެބަ ހުއްޓޭ ރައީސް ޔާމީނަށް ދެންނެވިން. އަޅުގަނޑުމެންނަށް އެނގޭ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އަށް ވަރަށް ރަނގަޅަށް މިކަން ވަނީ އެނގިވަޑައިގެންފައޭ. އާދެ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެނގިވަޑައިނުގަންނަވައޭ،" މިހެންނެވެ.

"އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އަށް މިކަން އެނގިވަޑައިގަންނަވާކަން އަޅުގަނޑަށް ރަނގަޅަށް އެނގޭނެކަން ހުދު ރައީސުލްޖުމްހޫރިއްޔާ އަށް އެނގިވަޑައިގަންނަވާނެ. ރައީސުލްޖުމްހޫރިއްޔާ އަށް އެނގިވަޑައިގަންނަވާ ރޭވި މީހުންނާއި ހަތިޔާރު ގެނައި މީހުންނާއި ތަންފީޒު ކުރި މީހުންނާ، ހިނގައި ދިޔަ ހުރިހާ ގޮތެއް،" ދެން މިހެންނެވެ.

ނަމަވެސް އިމްރާނުގެ މި ވާހަކަ "ކިތަންމެ ބޮޑު ތެދު ހަގީގަތަކަށް ވިޔަސް" މި ވާހަކަ ގަބޫލުކުރަން އުނދަގުލީ އިމްރާނު، އިމްރާނަށް ވީމަ އެވެ.

އިމްރާނާ ބެހޭ ގޮތުން ޑީއާރުޕީގެ ކުރީގެ ލީޑަރު އަދި އެމްޑީޕީއާ އެކު މިހާރު ފެނިވަޑައިގަންނަވާ އަހުމަދު ތަސްމީނު ވިދާޅުވެފައިވާ ވާހަކައެއް އޮވެ އެވެ.

"އެކި ފަހަރު އެކިގޮތަށް ޝޭހް އިމްރާން ވާހަކަ ދެއްކެވުމަކީ ވިސްނަންޖެހޭ ކަމެއް،" ތަސްމީން ވިދާޅުވެފައިވެ އެވެ.