ސައުދީ އަަރަބިއްޔާ

ޖަޕާނާއެކު އިގުތިސާދީ އެއްބަސްވުމެއްގައި ސައުދީން ސޮއިކޮށްފި

Mar 15, 2017

ދެގައުމުގެ ދެމެދުގައި އިގުތިސާދީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއްގައި ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބުދުލް އަޒީޒު އަލް ސައުދާއި ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ހޯމަދުވަހު ސޮއިކުރައްވައިފި އެވެ.

ޖަޕާނުގެ ޔޮމިއުރީ ޝިމްބަން ނޫހުން ބުނީ ދެބޭފުޅުން ސޮއި ކުރެއްވި އެއްބަސްވުމުގައި ސައުދީ އަރަބިއްޔާގައި އިގުތިސާދުގައި ގިނަ ދާއިރާތަކަކަށް ފުޅާ ކުރުމަށްޓަކައި އިސްކަންދޭ ނުވަ ކަމެއް ހިމެނޭ ކަމަށެވެ.

ދެގައުމުން އެއްބާރުލާން އެއްބަސްވެފައިވާ ކަންތައްތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާގައި މުނިފޫހިފިލުވުމާއި މީޑިއާ ކުރިއެރުވުމާއި އިމާރާތް ކުރުމުގެ ދާއިރާ ހިމެނެއެވެ. ޖަޕާނުގެ ކުންފުނިތައް ސައުދީގައި މަސައްކަތް ކުރަން ފަސޭހަކުރުމަށް ވިސާގެ ހާއްސަ ނިޒާމެއް ގާއިމް ކުރުން ވެސް އެއްބަސްވުމުގައި ހިމެނެއެވެ. އެގޮތުން ގާއިމްކުރާ ވިސާގެ ނިޒާމުގެ ތެރެއިން ތިން އަހަރު ވަންދެން ސައުދީއަށް ދަތުރު ކުރުމުގެ ފުރުސަތު ޖަޕާނުގެ ވިޔަފާރިވެރިންނަށް ލިބި ދޭނެ އެެވެ. ސައުދީ އަރަބިއްޔާގައި ހާއްސަ އިގުތިސާދީ ސަރަހައްދުތަކެއް ގާއިމް ކުރުމަށް ކުރަން ޖެހޭ ދިރާސާތައް ޖަޕާނުން ކުރުމަކީ ވެސް އެއްބަސްވުމުގައި ހިމެނޭ ކަމެކެވެ.

ސަލްމާން ރަސްގެފާނު ޖަޕާނަށް ވަޑައިގެންނެވީ ހޯމަދުވަހު އެވެ. ޖަޕާނުގެ ވެރިރަށް ޓޯކިޔޯގެ ހަނިޑާ އިންޓަނޭޝަނަލް އެއާޕޯޓުން ރަސްގެފާނަށް މަރުހަބާ ވިދާޅުވީ ޖަޕާނުގެ ވަލީ އަހުދު ނަރުހީޓޯ އާއި ޖަޕާނުގައި ހުންނަވާ ސައުދީ ސަފީރު އަހުމަދު ޔޫނުސް އަލް ބައްރަކާއި ސައުދީ އެމްބަސީގެ އެހެން އޮފިޝަލުންނެވެ.

ސަލްމާނުގެ ދަތުރުފުޅަކީ 1971 ވަނަ އަހަރުގެ ފަހުން ސައުދީ ރަސްކަލަކު ޖަޕާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ޖަޕާނަށް 1971 ވަނަ އަހަރު ވަޑައިގެންނެވީ ސައުދީ އަރަބިއްޔާގެ އޭރުގެ ރަސްގެފާނު ފައިސަލް ބިން އަބުދުލް އަޒީޒެވެ. ވަލީ އަހުދުގެ ގޮތުގައި ހުންނެވި އިރު ސަލްމާން 2014 ވަނަ އަހަރު ޖަޕާނަށް ވަޑައިގެންނެވި އެވެ. އަދި އެމަނިކުފާނުގެ ދަރިކަލުން އަދި ސައުދީ ޑިފެންސް މިނިސްޓަރު އަދި ވަލީ އަހުދުގެ ނައިބު މުހައްމަދު ބިން ސަލްމާން މިދިޔަ އަހަރު ޖަޕާނަށް ވަޑައިގެންނެވި އެވެ.

ސައުދީ ރަސްގެފާނު އޭޝިއާގެ ގައުމުތަކަކަށް ކުރައްވާ އެއް މަސްދުވަހުގެ ދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންނެވީ މެލޭޝިއާއަށެވެ. އެއަށް ފަހު އިންޑޮނޭޝިއާއާއި ބުރޫނާއީ އަށް ވަޑައިގެންނެވި އެވެ. ޖަޕާނަށް ފަހު ރަސްގެފާނު ދެން ވަޑައިގަންނަވާނީ ޗައިނާއަށެވެ. އަދި އެންމެ ފަހުން ވަޑައިގަންނަވާނީ ރާއްޖެއަށެވެ.

ސަލްމާން ރާއްޖެއަށް ވަޑައިގަންނަވާނީ މިމަހުގެ 18 ވަނަ ދުވަހު އެވެ.