ރިޕޯޓް

މަސީހު "ދުއްވާލުން"! އަޑީގައި ކޮން ރޭވުމެއް؟

Mar 14, 2017
15
  • ބޭނުމަކީ މަޖިލިސް ހަލަބޮލިކޮށްލުން
  • މަސީހުގެ ވޯޓް ކާމިޔާބުވާނެ ފޯމިއުލާއެއް ނެތް
  • އިންވެސްޓަރުންގެ އިތުބާރު ގެއްލުވާލުމަކީ ބޭނުމެއް

ރައްޔިތުން މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ފެށި ފަހުން މިއަދާ ހަމަޔަށް ބޭއްވުނީ ނުވަ ޖަލްސާ އެވެ. އެ ދުވަސްކޮޅުގެ ތެރޭގައި ވެސް ފުލުފުލުން ބިލުތަކެއް މަޖިލީހަށް ހުށަހަޅައި ގިނަ ގާނޫނުތަކަކަށް މި ވަނީ މުހިންމު ބަދަލުތަކެއް ގެނެސްފަ އެވެ. އެހެން ނަމަވެސް، މަޖިލީހުގެ ރަސްމީ މަސައްކަތްކަށް ވުރެ ބޮޑަށް އިދިކޮޅު ފަރާތްތަކުގެ ފޯކަސް ހުއްޓިފައި ވަނީ މުޅިން އެހެން ދިމާލަކަށެވެ. ސަރުކާރު ހިންގާ ޕީޕީއެމްއާ އެ ޕާޓީެގ ރައީސް މައުމޫން ފެޔަށް ޖެހުމާ އެކު ހާލަތުގެ ނާޖާއިޒު ފައިދާ ނަގައި އިދިކޮޅު ފަރާތްތަކުން ބޭނުން ވަނީ މަޖިލީހުގެ ތެރޭގައި ސަރުކާރަށް އޮތް ބާރުއެކީ ދަމައިގަތުމަށެވެ. އެކަން ހާސިލް ކުރުމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނެއްކާ ވެސް މިއޮތީ މަޖިލީހަށް ވައްދައިފަ އެވެ. މިކަމުގެ ފަހަތުގައި ވަނީ ކޮން ކަމެއް ހެއްޔެވެ؟ މިއީ އަނެއްކާ ވެސް ރާއްޖޭގެ ސިޔާސީ ގޮތުން އިތުރަށް ހަލަބޮލިކޮށްލުމަށް އިދިިކޮޅު ފަރާތްތަކުން ގެންގުޅޭ ރޭވުމެއް ހެއްޔެވެ؟

މިދިޔަ އަހަރު ތެރޭގައި ވެސް މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދައި، އެކަން ކާމިޔާބު ކުރުމަށް އެކި ފަހަރުތައް މަތިން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރި އެވެ. ބޭނުމަކީ މަޖިލީހުގެ ރައީސް ކަމުން މަސީހު ބާލުވާ އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށަށް މަޖިލިސް ގެނައުމެވެ. މީގެ ސަބަބުން ސަރުކާރުން ހުށަހަޅާ ބިލުތައް ފާސް ކުރުމަށާއި މަޖިލީހަށް ބަލައިގަތުން ބޮޑެތި ހުރަސްތަކެއް އެޅޭނެ އެވެ. މި ބޭނުމުގައި މިހާތަނަށް އިދިކޮޅު ފަރާތްތަކުން މަސީހުގެ "ދުވަސްދުއްވާލަން" ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އެކަން ދިޔައީ ޗޮކުންނެވެ. މަޖިލީހުގައި ސަރުކާރުގެ ވަރުގަދަ މެޖޯރިޓީއެއް އޮތުމުން އެކަމަކީ އިދިކޮޅު ފަރާތްތަކަށް ކާމިޔާބުވުމަށް ވުރެ ނުވުން ގާތްކަމެކެވެ.

ނަމަވެސް މިހާރު ޕީޕީއެމްއިން "ފުރޭނިގެން" އަންނަ ރައީސް މައުމޫންއަށް ތާއީދު ކުރާ ދެތިން މެންބަރެއް އިދިކޮޅު ފަރާތްތަކާ އެއްބައިވުމަކީ މީގެ ކުރިން ނެތް ކުޑަ ނަމަވެސް އުންމީދެއް އިދިކޮޅު ފަރާތްތަކަށް އާވާ ކަމެކެވެ. މީގެ އިތުރުން މަޖިލީހުގެ ރައީސް ކަމުން މަސީހު ބޭރުކޮަށް ސަރުކާރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތި ކުރުމަކީ ކުރީގެ ރައީސް މައުމޫންގެ ޒާތީ ހަސަދައިގެ އެޖެންޑާގެ ތެރެއިން ނިކުމެގެން އަންނަ ވިސްނުމެއްކަމަށް ބުނާ މީހުން އެބަ ތިއްބެވެ.

"މަސީހާ ދެކޮޅަށް ވެއްދީ އެއްވެސް ތާކުންތާކުން ޖެހޭ މައްސަލައެއް ނޫން. މިހާރު ގައުމު މިދާ ސުލްހަވެރިކަމާ ހަމަޖެހުން ހުއްޓުވާލުމަށް ކުރަމުންދާ މަސައްކަތެއް މިއީ. މަޖިލީހަށް މަސީހުގެ މައްސަލަ ހުށަހަޅަން ދިޔަ މެންބަރުންގެ ތެރެއިން އެންމެ އިސްކޮށް ޕީޕީއެމްގެ މެންބަރެއް ކަމަށް ބުނާ މެންބަރު ހުރުމުން ވެސް އެނގޭ މިކަމުގެ އަޑީގައި ވަނީ ކާކުގެ އަތެއްކަން. އަޅުގަނޑު ދަންނަވާނީ މިއީ އިދިކޮޅު ފަރާތްތަކާއެކުގައި ރައީސް މައުމޫންވެސް އަޑީގައި ތިބެގެން ރާވައިގެން ކުރަމުން ގެންދާ މަސައްކަތެއް،" ޕީޕީއެމްގެ އިސް މަގާމެއްގައި ހުންނެވި މެންބަރަކު ވިދާޅުވި އެވެ.

މިހާރު އޮތް އެންމެ ބޮޑު ސުވާލަކީ އިތުބާރު ނެތް ކަމުގެ ވޯޓަކުން މަސީހު ދުއްވާލެވޭނެ ހެއްޔެވެ؟ ސިޔާސީ މައިދާނަކީ ހަމަ ހީވެސް ނުކުރާ ގޮތަށް އޮޔެވަރު ބަދަލުވާ އަޑި ނެގޭ ފުންގަނޑެކެވެ. ނަމަވެސް ހިސާބު ޖަހައިގެން ނިކުންނަ ނަތީޖާއިން، ސަރުކާރުގެ މެޖޯރިޓީ އޮތް ތަނަކުން ނަތީޖާ ނިކުމެ ދާނެ ގޮތް އަންދާޒާ ކުރުމަކީ އެހާ އުނދަގޫ ކަމެއް ނޫނެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުގައި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސް ކުރުމަށް ބޭނުންވަނީ އެ ދުވަހު ހާޒިރުވި މެންބަރުންގެ އަގުލަބިއްޔަތެވެ. މަޖިލީހުގައި މިހާރު ނަގާ ވޯޓުތަކުގައި ސަރުކާރު ފަޅިއަށް އެވްރެޖްކޮށް 40 އަށް ވުރެ ގިނަ ވޯޓު ލިބޭ އިރު އިދިކޮޅު ފަރާތްތަކަށް ލިބޭ ވޯޓު 30 އަށް ވުރެ މައްޗައް ނާރައެވެ. ދެން ސުވާލަކީ މައުމޫންގެ ދެތިން މެންބަރުންނާ އެކު މި ނަތީޖާއަށް ބަދަލު އައިސްފާނެ ހެއްޔެވެ؟

މަޖިލީހުގައި ޕާޓީތަކުގެ މެންބަރުން އެތުރިފައިވާ ގޮތަށް ބަލާއިރު ޕީޕީއެމްގައި ހިމެނެނީ 48 މެންބަރުންނެވެ. އަދި އެމްޑީޕީގައި 21 މެންބަރުން ހިމެނޭ އިރު ޖުމްހޫރީ ޕާޓީގައި ހަތް މެންބަރުން އަދި އެމްޑީއޭގައި ހަ މެންބަރުން ހިމެނެ އެވެ. ދެން ތިއްބަވަނީ އަދާލަތު ޕާޓީ ގެ މެންބަރަކާއި އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ ދެ މެންބަރެކެވެ.

އެގޮތުން ޕީޕީއެމްގެ ތެރެއިން މަސީހާ ދެކޮޅަށް ވޯޓު ދޭނެ ކަމަށް ބެލެވެނީ ދިއްގަރު ދާއިރާގެ ފާރިސް މައުމޫންއާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް އަދި ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އެވެ. އެއީ މި ތިން މެންބަރުންނަކީ ރައީސް މައުމޫންއަށް ތާއީދު ކުރައްވާ އަދި މަސީހުގެ އިތުބާރު ނެތް ކަމަށް ފާސް ކުރަން ފާޅުގައި ގޮވާލާ ތިން މެންބަރުންނެވެ. ދެން އެމްޑީޕީގެ 21 މެންބަރުންނާއި ޖުމްހޫރީ ޕާޓީގެ ހަތް މެންބަރުން އަދި އެމްޑީއޭގެ ފަރާތުން ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސެން އަރީފް ވެސް މަސީހުގެ އިތުބާރު ނެތް ކަމަށް ވޯޓު ދޭނެ ކަމަށް ބެލެވެ އެވެ. އަދި މިނިވަން މެންބަރުންގެ ތެރެއިން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ހުންނެވީ ޖަލުގައި ކަމުން އޭނާއަށް ވޯޓްގައި ބައިވެރިވެވޭނެ ކަމާ މެދު ޝައްކެވެ. އަދި މަސީހުގެ އިތުބާރު ނެތް މައްސަލައަށް ވޯޓު ނަގާ ޖަލްސާގައި ހުޅުހެންވޭރު ދާއިރާގެ މެންބަރު އިންނަވާނީ ރިޔާސަތުގަ އެވެ. އެހެން ވީމާ ވޯޓް އެއްވަރުވާ ހާލަތުގައި ނޫނީ އޭނާއަށް ވޯޓެއް ނުލެވޭނެ އެވެ.

މިގޮތަށް މެންބަރުން ވޯޓު ދިން ނަމަވެސް ހިސާބުތަކުން ދައްކަނީ މަސީހު އިތުބާރު ނެތް ކަމަށް އެންމެ ގިނަވެގެން ވެސް ލިބޭނީ 33 ވޯޓެވެ. އަދި މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ދެކޮޅަށް 50 މެންބަރުން ވޯޓު ދެއްވާނެ އެވެ. އަދި އެއްވެސް ހާލަތެއް ދިމާވެގެން އިދިކޮޅު މެންބަރުންގެ ލިސްޓަށް މީގެ ކުރިން ކުރިން މައުމޫން ފަޅީގައި ތިއްބެވި ދިއްދޫ ދާއިރާގެ މެންބަރު އަބްދުލަ ލަތީފު މުހައްމަދުއާ، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއުއާ، އޭދަފުށީ ދާއިރާގެ އަހުމަދު ސަލީމް އަދި ތިނަދޫ ދާއިރާގެ ސައުދުﷲ ހިލްމީ އެރި ނަމަވެސް މަސީހު މަގާމުން ދުރު ކުރުމުގެ ވޯޓް ކާމިޔާބެއް ނުކުރެވޭނެ އެވެ. ނުވަ މެންބަރުންގެ ވޯޓުގެ ތަފާތު އުޅޭނެ އެވެ. -- ސުޖާއު އާއި ލަތީފް އާއި ސަލީމް އަދި ސައުދަކީ މިހާރު ސަރުކާރަށް އަނެއްކާވެސް ތާއީދުކޮށް މަސީހު ބޭރު ކުރަން އުޅޭ މައްސަލައާ ދެކޮޅަށް ފާޅުގައި މަސައްކަތް ކުރައްވާ މެންބަރުންނެވެ.

"މިއީ މަސީހަށް ޖެއްސުންކޮށް ސަރުކާރަށް ހީނަރުކަން ގެނައުމުގެ ނިޔަތުގައި އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ކަމެއް މި ކަމަކަށް އެއްވެސް ޖާގައެއް ނެތް. މީގެ ކުރިންވެސް މިފަދަ ވޯޓުތައް ބަލި ކުރި ފަދައިން މި ބުރުވެސް ބަލި ކުރާނަން،" ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވި އެވެ.

ނަމަވެސް އިދިކޮޅު ފަރާތްތަކުން ވެސް އަންނަނީ މަސީހު ބޭރު ކުރާނެ ކަން ކަށަވަރުކޮށްދެމުންނެވެ. އެގޮތުން ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ފާރިސް ވިދާޅުވެފައިވާ ގޮތުގައި 85 މެންބަރުންގެ ތެރެއިން މަސީހު ބޭރު ކުރުމަށް ބޭނުންވާ 42 މެންބަރުން މިހާރު ހަމަވެފައިވާ ކަމަށެވެ. ފާރިސް ވިދާޅުވި ގޮތުގައި މި ވޯޓު ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތެވެ.

ނަމަވެސް އެކަން ކުރެވޭނެ އެއްވެސް ފޯމިއުލާއެއް ހިސާބު ނަމްބަރަކުން ނުދައްކަ އެވެ. މިއީ ކާމިޔާބު ނުވާނެ ވޯޓެއްކަން އެނގި ތިބެ މިކަން ކުރަން އުޅެނީ ކީއްވެ ހެއްޔެވެ؟ އެގޮތުން ބައެއް ޕީޕީއެމް މެންބަރުން ވިދާޅުވާ ގޮތުގައި މިދުވަސް ކޮޅަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ރާއްޖެއާ ދިމާލަށް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނައުމަަކީ އިދިކޮޅު ފަރާތްތަކުން ބޭނުން ގޮތެވެ. ރާއްޖެއަކީ ސިޔާސީ ހަލަބޮލި އަދި އަމާންކަން ކުޑަތަނެއްގެ ގޮތުގައި ބޭރު ގައުމުތަކަށް ސިފަ ކޮށްދިނުމަކީ އިދިކޮޅު ފަރާތްތަކުން ބޭނުންވާ ގޮތެވެ. ހާއްސަކޮށް ސައުދީ ރަސްގެފާނުގެ ދަތުރުފުޅާ ދިމާކޮށް ރާއްޖެއަށް އައިސްދާނެ އިންވެސްޓްމަންޓްތަކަށް ހުރަސް އެޅުމަކީ އޭގެ ބޭނުމެކެވެ. އަދި ބޭރުގެ އެކި ފަރާތްތަކަށް އިދިކޮޅު ފަރާތްތަކުގެ ވެސް ބާރުހުރިކަން ދެއްކުމަކީ ވެސް ބޭނުމަކަށް މި އޮތީ ހަދައިފަ އެވެ.

"ބޮޑަށް ބެލެވެނީ މިހާރު ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވަން އުޅުއްވާތީ ގައުމު ހަލަބޮލި ކުރަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަމަށް. ނުވަތަ ރައީސް ޔާމީން ގެންނަވަން އުޅުއްވާ ފ. އަތޮޅުގެ ބިޔަ މަޝްރުއު ކާމިޔާބު ވެދާނެތީ އެކަމާ މޭ ކަރައިގެން ކުރާނެ ކަމެއް ނެތިގެން އިދިކޮޅު ފަރާތްތައް އަޑުގަދަ ކުރުމަށް ކުރަން އުޅޭ ބޭކާރު މަސައްކަތެއް ކަމަށް. މިހާތަނަށް އައި އިރުވެސް ރާއްޖޭގެ ސިޔާސީ މަސްރަހު ހަމައަކަށް އެޅޭ ކަމަށް ބައެއް ބޭރުގެ ފަރާތްތަކުން ބުނަމުންދޭ. އަދި ރާއްޖެ ގާނޫނުތައްވެސް އިންވެސްޓްމަންޓުތަކަށް ފަހިވާ ގޮތަށް އޮތުމުން އިންވެސްޓަރުން ތިބީ ރާއްޖެއަށް ދަހިވެތިވެފައި. އެކަން ހުއްޓުވައި އިދިކޮޅު އަޑުތައް ގަދަ ކުރުމަކީ އެ ފަރާތްތަކުގެ ބޭނުން،" ޕީޕީއެމް ޕާލިމެންޓަރީ ގްރޫޕްގެ މެންބަރަކު ވިދާޅުވި އެވެ.

ކޮންމެއަކަސް މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގައި ތާވަލުކޮށްފައި ވަނީ މިމަހު 27 އަށެވެ. މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މަޖިލީހުގެ ޖަލްސާ އަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ފަހު އެހެން އެއްވެސް މައްސަލައަކާ މެދު ބަހުސްކުރަން ފެށޭނީ، ނުވަތަ ގޮތެއް ނިންމަން ވާނީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައާ މެދު ގޮތެއް ނިންމުމަށް ފަހު އެވެ. އެގޮތުން މަސީހާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލާގެ ދިފާއުގައި ވާހަކަ ދެއްކުމުގެ ހައްގު އޭނާއަށް ލިބޭނެ އެވެ. މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓް ކާމިޔާބު ކުރުން އިދިކޮޅު ފަރާތްތަކަށް ހުވަފެނެއްގެ ގޮތުގައި ފެންނަ އިރު އެތައް ސަބަބުތަކާ ހުރެ މި ވޯޓަކީ ކާމިޔާބުވާން އޮތް ވޯޓެއް ނޫނެވެ. އޭގެ ބަދަލުގައި އިދިކޮޅު ފަރާތްތަކުން ބޭނުންވަނީ އަނެއްކާ ވެސް ހަލަބޮލިކަމެއްގެ ތެރެއަށް މަޖިލިސްވެސް ވައްޓާލައި އޭގެ ތެރޭގައި މަޖިލިސް ތާށިކޮށްލުމެވެ.