ދުނިޔެ

ދުނިޔޭގެ ދިރުން ދެމިގެންދާނީ ކިހާ ދުވަހަކަށް؟

ކޮންމެ ކަމަކަށް އަދި ކޮންމެ އެއްޗަކަށް ވެސް ނިމުން އަންނަކަން އެއީ އެންމެން ވެސް ގަބޫލުކުރާ ހަގީގަތެކެވެ. ދުނިޔެ އާއި މި ދުނިޔޭގައި ވާހާ އެއްޗެއްގެ ނިމިދިއުން ވެސް ކުރިއަށް އޮތީ އެވެ.

ނަމަވެސް ވާނޭ ގޮތާއި އެއްޗެއް ނުވަތަ މި ދުނިޔެ ވެސް ނިމި ހަލާކުވެގެންދާނޭ ގޮތް ބުނެދިނުމަކީ އިންސާނުންނަށް ކުޅަދާނަވެގެންވާ ކަމެއް ނޫނެވެ. އެންމެ މޮޅެތި ސައިންސްވެރިން ވެސް ކުރަނީ ލަފައެކެވެ. އެހެންވީމަ ދުނިޔެގެ ވަގުތު ޖެހި، ނިމި، ހަލާކުވެގެން ދާނެ ކަމަށް ސައިންސްވެރިން ލަފާކުރާ ބައެއް ގޮތްތަކަށް ބަލައިލުން ކިހިނެތް ވާނެ ހެއްޔެވެ؟

ދުނިޔޭގެ ދިރުމަށް މިހާރު 3.5 ބިލިއަން އެތައް އަހަރެކެވެ. މި ދިގު ތާރީޚުގައި ކުރިމަތިވެފައިވާ ބޮޑެތި މުސީބާތްތައް ވެސް އެހާމެ ގިނަ އެވެ.

ތިރީގައި މި ވަނީ ދުނިޔެ ހަލާކުވުމަށް މެދުވެރިވެދާނެ ކަމަށް ސައިންސްވެރިން ލަފާކުރާ އެހެން މުސީބާތްތަކުގެ ވާހަކަ އެވެ.

މިފަދަ މުސީބާތެއް ކުރިމަތިވުމުގެ ފުރުސަތު އޮތީ ކިހާވަރަކަށް ހެއްޔެވެ؟ ސައިންސްވެރިން ބުނަނީ އެންމެ އަވަހަށް ވެސް މިފަދަ މުސީބާތެއް ދުނިޔެ އަށް ކުރިމަތިވުމުގެ ފުރުސަތު އޮތީ 100 މިލިއަން އަހަރު ފަހުން ކަމަށެވެ.

ނަމަވެސް މީގެ އެތައް މިލިއަން އަހަރު ކުރިން ދުނިޔެ އަށް މިފަދަ މުސީބާތެއް ކުރިމަތިވެ ދިރުންތަކުގެ ބޮޑު ބައެއް ނެތިގެން ގޮސްފައިވާކަން ފާހަގަކޮށްލަން ޖެހެ އެވެ. އެއީ މީގެ 250 މިލިއަން އަހަރު ކުރިން ދުނިޔެ ތަޖުރިބާކުރި ޕާމިއަން-އެކްސްޓިންޝަން އެވެ.

ގިނަ އަދަދެއްގެ ވޮލްކެނޯތަކެއް ގޮވައި ދިޔާ އަލިފާނުގެ މުސީބާތްތަކެއް ކުރިމަތިވި ކަމަށް ބެލެވޭ އެ ހާދިސާ އަކީ ދުނިޔޭގެ ދިރުމަށް ކުރިމަތިވި ކަމަށް ބެލެވޭ މިފަދަ އެންމެ ނުރައްކާތެރި ހާދިސާ އެވެ. އެ ހާދިސާގައި ދުނިޔޭގެ އެއްގަމު ދިރުމުގެ 85 ޕަސެންޓް ނެތިގެން ދިޔަ އެވެ. އަދި ކަނޑުގެ 95 ޕަސެންޓް ނެތިގެން ދިޔަ ކަމަށްވެ އެވެ.

މިއަދު ވެސް މިފަދަ މުސީބާތެއްގެ ފުރުސަތު އެބައޮތް ކަމަށް ސައިންސްވެރިން ބުނެ އެވެ. މިސާލަކަށް އެމެރިކާގެ ޔެލޯސްޓޯން ސުޕަވޮލްކޭނޯ ފަދަ ތަނެއް ގޮވައިފި ނަމަ ކުރިމަތިވެދާނެ މުސީބާތް ބޮޑެވެ. 

ވޮލްކޭނިކް އެޕޮކެލިޕްސްއެއްގެ ނުރައްކާ ކަރުދާހުން ފޮހެލެވޭކަށް ނެތެވެ.

ސައިންސްވެރިން ލަފާކުރާ ގޮތުން މިފަދަ މުސީބާތެއް ދުނިޔެ އަށް ކުރިމަތިވުމުގެ ފުރުސަތު އޮތީ އަދި 450 މިލިއަން އަހަރު ފަހުންނެވެ.

މިއީ ވެސް ދުނިޔެ ތަޖުރިބާކޮށްފައިވާ ވައްތަރެއްގެ މުސީބާތެކެވެ. ސައިންސްވެރިން ބުނާ ގޮތުން ދުނިޔޭގައި ކުރިން އުޅުނު އެންމެ ބިޔަ އަދި ބޮޑު ޖަނަވާރުތައް ކަމުގައިވާ ޑައިނަސޯގެ އެކި ވައްތަރުތައް ނެތިގެން ދިއުމުގެ އަސްލު ގުޅިފައި ވަނީ ދުނިޔެ އަށް ވެއްޓުނު ބިޔަ ގިނިހިލައެއްގެ ގޮވުމަކާ އެވެ.

ނަމަވެސް ސައިންސްވެރިން ބުނަނީ އެފަދަ ބިޔަ ގިނިހިލައެއް ދުނިޔެ އަށް ވެއްޓި ދިރުން ނެތިގެންދާ ވަރުގެ ގޮވުމެއްގެ ފުރުސަތު މިހާރު ވަރަށް ކުޑަ ކަމަށެވެ. ސައިންސްވެރިން ލަފާކުރާ ގޮތުން އެވަރުގެ ބިޔަ ގިނިހިލައެއް ދުނިޔެ އަށް ވެއްޓެން 500 މިލިއަން އަހަރު އަދި ނަގާފާނެ އެވެ.

އަނެއްކޮޅުން އެވަރުގެ ގިނިހިލައެއްގެ ސަބަބުން ދުނިޔޭގެ ދިރުން ނެތިގެން ހިނގައިދާނެ ކަމަކަށް ވެސް ނުބެލެވެ އެވެ. ތަޖުރިބާކާރުން ބުނަނީ އެހެން ޕްލެނެޓަކާ ދުނިޔެ މުޑިއަރައިގެން ނޫން ގޮތަކަށް ދުނިޔޭގެ ދިރުމަށް އެވަރުގެ ނުރައްކަލެއް ނާންނާނެ ކަމަށެވެ.

ދުނިޔޭގެ ފަށަލައިގެ އެންމެ އެތެރެ ކަމުގައިވާ "ދަ ކޯ" ހުއްޓުމަކަށް އަތުވެއްޖެ ނަމަ ދުނިޔެ ވެސް ހުއްޓުމަކަށް އަންނާނެ އެވެ. ހޮލީވުޑުން 2003 ވަނަ އަހަރު ގެނެސްދިން ފިލްމު "ދަ ކޯ" ގައި ދައްކުވައި ދީފައި ވަނީ ވެދާނެ ގޮތެކެވެ. ނަމަވެސް އެ ފިލްމުގައި އެމެރިކާގެ ސިފައިންނާއި ސައިންވެރިން "ކޯ" އަށް ދާ ގޮތަށް ދެވިދާނެ ކަމަކަށް ނުބެލެވެ އެވެ.

"ކޯ" ހުއްޓުމަކަށް އައުމަކީ ދުނިޔޭގެ ދިރުންތަކާ ގުޅިފައިވާ މެގްނެޓިކް ފީލްޑް ވެސް ނިމުމަކަށް އައުމެވެ. އޭރުން އެއްވެސް ދިރުމަކަށް ފުރުސަތެއް ނޯންނާނެ އެވެ.

ސައިންސްވެރިން ގަބޫލުކުރާ ގޮތުން ޕްލެނެޓް މާސް މިހާރު އެއޮތްގޮތަށް އޮތުމުގެ އަސްލު ގުޅިފައި ވަނީ މިފަދަ މުސީބާތަކާ އެވެ. މާސްގައި ކުރިން ދިރުން ހުރި ކަމުގެ ހެކި ސައިންސްވެރިން ވަނީ ހޯދައިފަ އެވެ.

ދުނިޔޭގެ ފަށަލައިގެ އެންމެ އަޑި ގަނޑުވެގެން ދިރުން ނެތިގެން ދިއުމުގެ ފުރުސަތު އޮތަސް އެފަދަ ބިރެއް ކުރިއަށް އޮތް ދެ ބިލިއަން އަހަރު ތެރޭގައި ވެސް ނެތް ކަމަށް ސައިންސްވެރިން ލަފާކުރެ އެވެ.

ހޫނުގަދަވާ ވާހަކަ އަކީ އާ ވާހަކައެއް ނޫނެވެ. އަދި ހިޔާލީ ވާހަކައެއް ވެސް ނޫނެވެ. އިރު އޭގެ ސައިޒުން ބޮޑުވަމުންދާ ވާހަކަ އަކީ ހަގީގަތެކެވެ. އަދި ކޮންމެވެސް ދުވަހަކުން އިރު އައިސް ދުނިޔެ "ކާލާނެ" އެވެ.

އިރުގެ ހޫނު ގަދަވުމަކީ ދުނިޔެ އަށް ވަރަށް ނުރައްކާ ބޮޑު ކަމެކެވެ. އޭގެ ސަބަބުން ދުނިޔޭގެ ކަނޑުތައް ހިކުމުގެ ފުރުސަތު އެބައޮތެވެ. އަދި އޭގެ ސަބަބުން ދުނިޔޭގެ ހޫނުމިން އިންތިހާ އަށް އަރައިގެންދާނެ އެވެ. އެއީ ދިރުން ނެތިގެން ދާނެ ގޮތެކެވެ.

ނަމަވެސް ފަސް ބިލިއަން އަހަރު ވަންދެން މި ބިރުވެރިކަމާ މެދު ކަންބޮޑުނުވެ ތިބެވިދާނެ ކަމަށް ސައިންސްވެރިން ލަފާކުރެ އެވެ.

ދުނިޔެ "ކާލެވޭ" ވަރުގެ ބިޔަ ތަރިއަކަށް އިރު ބަދަލުވާން 7.5 ބިލިއަން އަހަރު އަދި ނަގާނެ އެވެ. އެ ހާލަތަށް އިރު ބަދަލުވީމަ ރެޑް ޖަޔެންޓް އެވެ. --ބީބީސީ