ހޮލީވުޑް

"ގޭމް އޮފް ތްރޯންސް" ގެ ފޮތަށް ވުރެ އަވަހަށް ސީރީޒް ނިންމާލަނީ

މިއީ "ގޭމް އޮފް ތްރޯންސް" ގެ އަސްލު ކަމުގައިވާ ފެންޓަސީ ވާހަކަ ސިލްސިލާ "އަ ސޯންގް އޮފް އައިސް އެންޑް ފަޔާ" ގެ ކިޔުންތެރިންނަށް ލިބޭ ވަރަށް ބޮޑު ދެރައެކެވެ. އަދި އެހާމެ ބޮޑު ބޭއިންސާފެއް ވެސް މެ އެވެ.

ނަމަވެސް މި ވާހަކަ ސިލްސިލާގެ އަސްލަށް އެޗްބީއޯގެ ޑްރާމާ "ގޭމް އޮފް ތްރޯންސް" ގެނެސްދެމުން އަންނަ ޓީމުން ބުނަނީ ވާހަކަ ލިޔުންތެރިޔާ ޖޯޖް އާރް އާރް މާޓިންގެ ފޮތުގެ ސިލްސިލާ ނިމުމަކަށް ނާންނަނީސް ޓީވީ ޑްރާމާ ނިމޭނެ ކަމަށެވެ. ހިތާމަވެރި ޚަބަރަކީ ވާހަކައިގެ ނިމުމާއި ޓީވީ ސިލްސިލާގެ ނިމުން ވެސް އެއްގޮތްވާނެ ކަމެވެ.

އެހެންވީމަ ވާހަކަ ކިޔަމުން ދާ ފަރާތްތަކުގެ ކުރި މަރާލަން "ގޭމް އޮފް ތްރޯންސް" މި އޮތީ ތައްޔާރަށެވެ.

ވާހަކަ އަށް ވުރެ ކުރިއަށް "ގޭމް އޮފް ތްރޯންސް" އަރަން މަޖުބޫރުވެފައި ވަނީ މާޓިންގެ ފޮތުގެ ސިލްސިލާގެ ސްޕީޑް ދަށްވެ މި ސިލްސިލާގައި ކުރިއަށް ހުރި ވާހަކަތައް އަވަހަކަށް ނުނިކުންނާނެތީ އެވެ. ނަމަވެސް އެޗްބީއޯ އިން ދަނީ ކޮންމެ އަހަރަކު "ގޭމް އޮފް ތްރޯންސް" ގެ ސީޒަނެއް ގެނެސްދެމުންނެވެ.

އަންނަ މަހު ފަސް ވަނަ ސީޒަން ފަށާއިރު މި ސީޒަނާ އެކު، މިހާރު ގެނެސްދީފައިވާ ވާހަކަ ފޮތްތަކުގެ ޕްލޮޓްތައް ގާތްގަނޑަކަށް ނިމުމަކަށް އަންނާނެ އެވެ. މި ސަބަބާ ހެދި ޑްރާމާގެ ޓީމުން ބުނެފައި ވަނީ ވާހަކަ އަށް ވުރެ ކުރިއަށް ޖެހެން އެމީހުންނަށް މަޖުބޫރުވެފައިވާ ކަމަށާއި ވާހަކަ ލިޔެ ނިމެންދެން މަޑުކުރެވެން ނެތް ކަމަށެވެ.

ނަމަވެސް ޓީވީ ސިލްސިލާ ކުރިއަށް ދާނީ ވާހަކަ ވެސް ކުރިއަށް ގެންދަން ހަމަޖެހިފައި އޮތް ގޮތަށް ކަމުގެ ޔަގީންކަން އެމީހުން ދެ އެވެ. ނަމަވެސް ބަދަލުތަކެއް ޓީވީ ޑްރާމާ އިން ފެންނާނެ ކަމަށް ވެސް ބުނެ އެވެ.