ބޮލީވުޑް

"ގައްބަރު އިޒް ބެކް" އާ އެކު އަކްޝޭ އަނެއްކާ ވެސް އެކްޝަން ފިލްމްތަކަށް

Mar 24, 2015

ރައުޑީ ރާތޯޑު އަށް ފަހު ސަންޖޭލީލާ ބަންސާލީ ޕްރޮޑިއުސްކުރާ ދެވަނަ އެކްޝަން ފިލްމް "ގައްބަރު އިޒް ބެކް" އާއެކު އަކްޝޭ ކުމާރު އަނެއްކާވެސް އެކްޝަން ފިލްމުތައް ކުޅެންފަށައިފި އެވެ.

އެކްޝަން ގިނަ ފިލްމުތަކެއް ކުޅެގެން "ކިލާޑީ އޮފް ބޮލީވުޑް"ގެ ގޮތުގައި މަޝްހޫރު އަކްޝޭ މިފިލްމުގައި ކުޅޭނީ ގައްބަރު ކިޔާ ކޮރަޕްޝަން އާއި ދެކޮޅަށް މަސައްކަތް ކުރާ މީހެއްގެ ހަޔާތް ދައްކުވައިދޭ ރޯލެވެ.

“ގައްބަރު އިޒް ބެކް"ގެ މިހާރު ރިލީޒްކޮށްފައިވާ ޓްރެއިލާ އިން ތަޅާފޮޅާ ގިނަ މަންޒަރުތައް ފެނެ އެވެ. މި ފިލްމަކީ 2002ވަނަ އަހަރު ނުކުތް ތަމަޅަ ފިލްމް "ރަމަނަ"ގެ ރީމޭކް އެކެވެ.

މި ފިލްމުގައި އަކްޝޭ ލީޑްރޯލުން ފެނިގެންދާއިރު ސަޕޯޓިން ރޯލުން ޝުރްތީ ހަސަން، ސޮނޫ ސޫދް، ޕްރަކާޝް ރާޖް އާއި ނިކިތިން ދީރް ފެނިގެންދާނެ އެވެ. މީގެ އިތުރުން ޝޫރްތީ ވަނީ މި ފިލްމަށް ލަވައެއް ވެސް ކިޔައިދީފަ އެވެ.

އަކްޝޭގެ އެންމެ ފަހުގެ އެކްޝަން ފިލްމް "ރައުޑީ ރާތޯޑު" އަށް ބޮލޮކްބާސްޓާ އެއްގެ ދަރަޖަ ލިބިފައިވާއިރު، އެފިލްމަކީވެސް ތަމަޅަ ފިލްމެއްގެ ރީމޭކް އެކެވެ. އެހެންކަމުން އަކްޝޭގެ މިފިލްމާ މެދު ބެލުންތެރިން ކުރަމުންދާ އުންމީދު މީގެ ޓްރެއިލާއަށް ލިބެމުންދާ ތަރުހީބުން ހާމަވެ އެވެ.

ތެލުގް ފިލްމް ޑައިރެކްޓަރު ކްރިޝް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ސިނަމާ ތަކުގައި އެޅުވުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 1 ވަނަ ދުވަހު އެވެ.