ސްރީލަންކާ

ލަންކާ ފަޅުވެރިން ތިބި ތެޔޮބޯޓެއް ކަނޑުފޭރޭމީހުން ހިފަހައްޓައިފި

Mar 15, 2017

ސްރީލަންކާގެ ފަޅުވެރިންގެ އަށް މީހަކު ތިބި ތެޔޮ ބޯޓެއް ސޯމާލިއާގެ ކަނޑުފޭރޭ މީހުން ހިފަހައްޓައިފި އެވެ. މިއީ 2012 ވަނަ އަހަރުގެ ފަހުން ކަނޑުފޭރޭ މީހުން ބޮޑު އުޅަނދެއް ފޭރިގަތް ފުރަތަމަ ފަހަރެވެ.

ސޯމާލިޔާގެ ޕަންޓްލޭންޑްގެ އަލޫލާ ނަމަކަށް ކިޔާ ރަށުގެ ޑިސްޓްރިކްޓް ކޮމިޝަނާ މުޙައްމަދު އަޙުމަދު އައިނަބު އަލްޖަޒީރާއަށް އިއްޔެ ވިދާޅުވެފައި ވަނީ ފޭރޭ މީހުން ތެޔޮބޯޓް އަލޫލާއަށް ގެނެސްފައި ވަނީ އެއްދުވަސް ކުރިން ކަމަށެވެ.

ކަނޑުފޭރުން ހުއްޓުވުމަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ އޯޝަންސް ބިޔޮންޑް ޕައިރޭސީގެ ވެރިޔާ ޖޯން ސްޓީޑް އަލްޖަޒީރާއަށް ބުނެފައި ވަނީ އަރީސް 13 ނަމަކަށް ކިޔާ ތެޔޮބޯޓް ފޭރޭ މީހުންގެ އަތްދަށުވި އިރު އެބޯޓް ދަތުރު ކުރަމުން ދިޔައީ ޖިބޫތީން ތެޔޮ ބަރުކޮށްގެން ސޯމާލިޔާގެ ވެރިރަށް މޮގަދިޝޫއަށް ކަމަށެވެ. ބޯޓް ނުރައްކަލަށް ހުށަހެޅުނު ކަމުގެ ސިގްނަލެއް ހޯމަ ދުވަހު ލިބުނު ކަމަށާއި ބޯޓުގެ ފަހަތުން ދެ ޑިންގީ އަންނަ ކަމަށް ރިޕޯޓްކުރި ކަމަށެވެ. ނަމަވެސް އޭގެ ފަހުން ބޯޓްގެ ހަބަރެއް ނުލިބޭ ކަމަށް ވެސް ބުންޏެވެ.

ބޯޓް ފޭރުނު މީހުން އަދި އެއްވެސް ޑިމާންޑެއް ނުކުރާ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

ސްރީލަންކާ ސަރުކާރުން ބުނީ އެ ގައުމުގެ ފަޅުވެރިންތަކެއް ތިބި އެބޯޓްގަައި ނަގާފައި ހުރީ ކޮމޯރޯސްގެ ދިދަ ކަމަށެވެ. ނަމަވެސް ޔޫއެންގެ ޝިޕިން ޑޭޓާ ބޭސްގައިވާ މައުލޫމާތު ތަކުން އެނގޭ ގޮތުގައި އެބޯޓަކީ ޕެނަމާގެ އަރްމީ ޝިޕިން އެސްއޭ ނަމަކަށް ކިޔާ ކުންފުންޏަކުން ރަޖިސްޓްރީކޮށްފައިވާ ބޯޓެކެވެ. އަދި އަރްމީ އެސްއޭ އަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ފުޖައިރާގައި މަރުކަޒުކޮށްފައިވާ އަރޫރާ ޝިޕް މެނޭޖްމެންޓް އެސްޒެޑްއީ ނަމަކަށް ކިޔާ ކުންފުންޏެއްގެ ބެލުމުގެ ދަށުގައިވާ ކުންފުންޏެކެވެ. -- އޭޕީ