ދުނިޔެ

ރޯވި ބޯޓުން ތެޔޮ ލީކުވުން ހުއްޓުވިއްޖެ: ލަންކާ

Sep 13, 2020
1

ކޮލޮމްބޯ (ސެޕްޓެމްބަރު 13) - ސްރީލަންކާގެ ކައިރީގައި އޮތް އިންޑިއަން އޮއިލް ކޯޕަރޭޝަނުން ޗާޓާ ކޮށްފައިވާ ސާފު ނުކުރާ ތެޔޮ އުފުލާ ބޯޓުގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު، އެ ބޯޓުން ކަނޑަށް ތެޔޮ ލީކުވަމުންދިއަ މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށް ލަންކާގެ ނޭވީން ބުނެފި އެވެ.

"ނިއު ޑައިމަންޑް" ކިޔާ އެބޯޓަކީ ފުލްކޮށް ތެޔޮ ބަރު ކޮށްފައިވާ އުޅަނދެކެވެ. މި ބޯޓު ދަތުރު ކުރަމުން ދިޔައީ ކުވެއިތުގެ މިނާ އަލް އަހުމަދީން އިރުމަތީ އިންޑިއާގެ ޕްރަދީޕަށެވެ. ދެ މިލިއަން ފީފާގެ ތެޔޮ ބަރުކޮށްފައިވާ އެ ބޯޓުގައި ރޯވި ވަގުތު ތިބި 23 ފަޅުވެރިންގެ ތެރެއިން އެކަކު ވަނީ މަރުވެފަ އެވެ.

އަލިފާނުގެ ސަބަބުން ކާގޯ ރައްކާކޮށްފައިވާ ސަރަހައްދަށް ގެއްލުމެއް ލިބިފައިނުވާއިރު، ބޯޓުން ޑީސަލް ލީކު ވަމުންދިއަ ބާގަނޑު ޑައިވަރުން މިހާރު ބައްދާފައިވާ ކަމަށް ލަންކާ ނޭވީން ބުންޏެވެ.

އެ ބޯޓު ސެލްވޭޖު ކުރުމުގައި ހަރަކާތްތެރިވަމުން ދާ ނެދަލަންޑްސް ކުންފުނިން ބުނީ، އެ ބޯޓަށް އަރާ ބެލިއިރު، އެ ބޯޓުގައި ހުރި ތެޔޮ ޝިޕްމަންޓަށް އަލިފާނުގެ އަސަރެއް ކޮށްފައި ނުވާ ކަމަށެވެ.

އަދި އެ ބޯޓުގައި ހުރި ތެޔޮ ފީފާތައް އެހެން އުޅަނދަކަށް ބަދަލު ކުރުމަށްޓަކައި، އެ ބޯޓު ކަފު ޖަހައިގެން ގެންދާނެ މަންޒިލަކާމެދު އަދިވެސް މަޝްވަރާ ކުރެވެމުންދާކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ. ލަންކާގެ އިގުތިސޯދީ ސަރަހައްދުން ބޭރަށް ގެންގޮސްގެން އެކަން ކުރުމަށް ލަންކާގެ ކަމާބެހޭ އިދާރާއިން އެ ބޯޓުގެ ވެރި ފަރާތަށް ވަނީ އަންގާފަ އެވެ.

މި މަހުގެ ތިން ވަނަ ދުވަހު އެ ހާދިސާ ހިނގިއިރު، އެ ބޯޓު އޮތީ ލަންކާގެ 45 މޭލު ބޭރުގަ އެވެ. އަދި އެކަމާ ގުޅިގެން ބޯޓުގެ ވެރިފަރަތާމެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް ލަންކާގެ ތިމާވެއްޓާބެހޭ އިދާރާއިން ވަނީ ބުނެފަ އެވެ.