ދުނިޔެ

ތެޔޮ ޓޭންކަރުގައި ފަހުން ރޯވި އަލިފާން ނިއްވާލައިފި

Sep 10, 2020

ކޮލޮމްބޯ (ސެޕްޓެމްބަރު 10) - ސްރީލަންކާގެ ކައިރީގައި އޮތް އިންޑިއަން އޮއިލް ކޯޕަރޭޝަނުން ޗާޓާ ކޮށްފައިވާ ސާފު ނުކުރާ ތެޔޮ އުފުލާ ބޯޓެއްގައި ފަހުން ރޯވި އަލިފާގަނޑުވެސް މިހާރު ނިއްވާލެވިފައިވާކަމަށް ލަންކާގެ ނޭވީން ބުނެފި އެވެ.

ރާއްޖެއާ އަވަށްޓެރި ސްރީ ލަންކާ ކައިރިން އެ ތެޔޮ ޓޭންކަރުގައި ރޯވީ މިދިއަ ބުރާސްފަތި ދުވަހުގެ ހެނދުނު އެވެ. އެ އަލިފާންގަނޑު މިދިއަ ހޯމަ ދުވަހު ނިއްވާލިފަހުން، އެ ބޯޓުގައި އަނެއްކާވެސް ހުޅުހިފީ އޭގެ އެއް ދުވަސް ފަހުންނެވެ.

"ނިއު ޑައިމަންޑް" ކިޔާ އެބޯޓަކީ ފުލްކޮށް ތެޔޮ ބަރުކޮށްފައިވާ އުޅަނދެކެވެ. މި ބޯޓު ދަތުރުކުރަމުން ދިޔައީ ކުވެއިތުގެ މިނާ އަލް އަހުމަދީން އިރުމަތީ އިންޑިއާގެ ޕްރަދީޕަށެވެ.

ދެ މިލިއަން ފީފާގެ ތެޔޮ ބަރުކޮށްފައިވާ އެ ބޯޓުގައި ރޯވި ވަގުތު ތިބި 23 ފަޅުވެރިންގެ ތެރެއިން އެކަކު ވަނީ މަރުވެފަ އެވެ.

ދެވަނަ ފަހަރަށް ހުޅުހިފީ އެ ސަރަހައްދުގައި ވައިގަދަވުމުގެ ސަބަބުން ކަމަށާއި، ފަހުން ރޯވި އަލިފާންގަނޑުވެސް ބޯޓުގެ ތެޔޮ ރައްކާކޮށްފައިވާ ހިސާބަށް ފެތުރިފައިނުވާކަމަށް ނޭވީން ބުންޏެވެ.

މި ހާދިސާގައި ކަނޑަށް ތެޔޮ ލީކު ނުވާނޭކަން ކަށަވަރު ކުރުމުގެ މަސައްކަތް ލަންކާގެ ކަމާބެހޭ އިދާރާއިން ކުރަމުންދާކަމަށް ބުނެފައިވެ އެވެ. އެކަމުގައި އިނގިރޭި ވިލާތާއި، އިންޑިއާގެ އިތުރުން ނެދާލަންޑްސްގެ މާހިރުން ދަނީ ހަރަކާތްތެރިވަމުންނެވެ.