ސްވައިން ފްލޫ

އަތޮޅުތަކުގައި ސްވައިން ފްލޫގެ ބިރެއް ނެތް

އެޗް1އެން1 ނުވަތަ ސްވައިން ފްލޫ މާލޭގައި އިންތިހާއަށް ފެތެރެމުން ދިޔަ ނަމަވެސް އަތޮޅުތަކުގައި އެ ވައިރަހުގެ ބިރު އަދި ނެތް ކަމަށް ހޮސްޕިޓަލްތަކުން ބުނެފި އެވެ. މިހާތަނަށް 51 މީހެއްގެ ގައިން ސްވައިން ފްލޫ ފެނިފައިވެ އެވެ. އޭގެ ތެރޭގައި ބައެއް އަތޮޅުތަކުގެ މީހުން ވެސް ހިމެނެ އެވެ. -- މީގެ ތެރޭގައި ހިމެނޭ ދިވެހިންގެ ސީދާ އަދުދު އަދި ހާމައެއް ނުކުރެ އެވެ.

ސްވައިން ފްލޫގެ އަލާމަތްތައް ފެނިގެން ހދ. ކުޅުދުއްފުށިން ވަނީ މާބަނޑު އަންހެނަކު މާލެ ގެނެސްފަ އެވެ. އޭނާގެ ހާލު ދެރަވެ އައިސީޔޫގައި ދަނީ ފަރުވާދެމުންނެވެ. ނަމަވެސް އޭނާ ސްވައިން ފްލޫއަށް ޕޮޒިޓިވްވެފައިވާކަން އަދި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަށަވަރުކޮށެއް ނުދެ އެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލު ފާތިމަތު ހަސަން ވިދާޅުވީ، ސްވައިން ފްލޫގެ އަލާމަތްތައް ހުންނަ އިތުރު ކޭސްތަކެއް ނުފެންނަ ކަމަށެވެ. ނަމަވެސް ހުމާއި ރޯގާ ޖެހިގެން ހޮސްޕިޓަލަށް މީހުންދާ ކަމަށެވެ. އިއްޔެ 20 މީހުން ހުން ޖެހިގެން ދެއްކިއިރު 15 މީހުން ރޯގާ ޖެހިގެން އެ ހޮސްޕިޓަލަށް ދައްކާފައިވެ އެވެ. އެއީ އާންމުކޮށް ވެސް އެ ހޮސްޕިޓަލަށް ހުމާއި ރޯގާ ޖެހިގެން ދައްކާ އަދަދެވެ.

"އާންމުކޮށް ދައްކާ ވަރަށްވުރެ އިތުރެއް ނުވޭ، މިއީ މޫސުން ބަދަލުވާ ދުވަސްވަރަކަށްވާތީ ހުމާއި ރޯގާ ޖެހިގެން މީހުން ހޮސްޕިޓަލަށް ދައްކާ،" ފާތިމަތު ވިދާޅުވި އެވެ.

އައްޑޫ ސިޓީ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަބްދުﷲ ޖަމީލު ވެސް ވިދާޅުވީ، ސްވައިން ފްލޫގެ އަލާމާތެއް ފެންނަ އެއްވެސް ބަލި މީހަކު އެ ހޮސްޕިޓަލަށް ދައްކާފައިނުވާ ކަމަށެވެ. އަދި އެ ސިޓީގެ އެއްވެސް އަވަށެއްގައި އަދާޔާ ހިލާފަށް ހުން ފެތުރެމުން ނުދާ ކަމަށެވެ.

އުތުރާއި ދެކުނުގެ އެންމެ ބޮޑު ދެ ހޮސްޕިޓަލަށް ހުމާއި ރޯގާ ޖެހިގެން ދައްކާ މީހުންގެ އަދަދު އިތުރުވަމުން ނުދާއިރު، ރ. އުނގޫފާރު ހޮސްޕިޓަލާއި ލ. ގަން ހޮސްޕިޓަލަށް ވެސް އެފަދަ ކޭސްތައް އިތުރުވަމުން ނުދެ އެވެ.

ގަން ހޮސްޕިޓަލްގެ ޑިރެކްޓާ އަބްދުލް ހަންނާނު އަބްދުއް ރަހީމް ވިދާޅުވީ، ވައިރަލް ހުން ޖެހިގެން މީހުން ކޮންމެވެސް ވަރަކަށް އެ ހޮސްޕިޓަލް ދެއްކި ނަމަވެސް ސްވައިން ފްލޫގެ އަލާމަތްތައް ފެންނަ އެއްވެސް މީހެއް ނެތް ކަމަށެވެ. ހުން ޖެހިގެން ދައްކާ މީހުންގެ އަދަދު އިތުރުވެސް ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

އުނގޫފާރު ހޮސްޕިޓަލްގެ މެނޭޖާ ޝީޒާ އިބްރާހިމް ވިދާޅުވީ، މީގެ ކުރިން އެ އަތޮޅުގައި ހުމުގެ ކޭސްތައް އިތުރުވި ނަމަވެސް މިހާރު ހާލަތު ދަނީ ރަނގަޅުވަމުން ކަމަށެވެ. ހުން ޖެހިގެން މިހާރު ވެސް ބައެއް މީހުން ހޮސްޕިޓަލަށް ދައްކަމުން ދިޔަ ނަމަވެސް ނުރައްކާތެރި ކޭސްއެއް ނެތް ކަމަށެވެ. އަދި ސްވައިން ފްލޫގެ އަލާމަތްތައް ފެންނަ ކޭސްއެއް ވެސް ނެތް ކަމަށް ޝީޒާ ވިދާޅުވި އެވެ.

ހުން ފެތުރުމުގެ ކުރިން ރައްކާތެރިވޭ

މާލޭގައި ހުމާއި ރޯގާ އިތުރުވެ، ސްވައިން ފްލޫ ވެސް ފެތުރެމުންދާއިރު މި ބަލި އަތޮޅުތަކުގައި ފެތުރުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ މިހާރަށް އެންމެ މުހިންމު މަސައްކަތެވެ. އަތޮޅުތަކުގެ ހޮސްޕިޓަލްތަކުން ވެސް އެކަމަށް ހޭލުންތެރިކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

އެޗްޕީއޭއިން ވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފަ އެވެ. އެޗްޕީއޭއިން ބުނީ، ރޯގާ ފެތުރެމުންދާތީ މި ދުވަސްވަރު އެއްވެ އުޅުމުގެ އެއްވެސް ހަރަކާތެއް ނުބޭއްވުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި އާންމުކޮށް ދިވެހިން ގޮސް އުޅޭ ގައުމުތަކުގައިވެސް ރޯގާ ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ދަތުރު ކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ކޮންމެހެން ދާން ޖެހިއްޖެ ހާލަތެއްގައި ނޫނީ ހޮސްޕިޓަލް އަދި ކްލިނިކްތަކަށް ޒިޔާރަތް ނުކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

ސްވައިން ފްލޫގެ އަލާމާތްތަކަކީ ވެސް ކެއްސުން، ހުން އައުން، ކަރުގައި ރިއްސުން، ނޭފަތުން ފެން އައުން ނޭފަތް ބެދުން، ގައިގައި ރިއްސުން، ބޮލުގައި ރިއްސުން، ހީކެރުވުން އަދި ވަރުދެރަވުމެވެ. މި ރޯގާ ކޮންޓްރޯލް ކުރުމުގެ ގޮތުން، ރޯގާ ޖެހިފައިވާ އިރު ކެއްސާ ކިބިހި އަޅާ އިރު އަގަމަތި ރަނގަޅަށް ނިވާ ކުރުމާއި ރޯގާ އަދި ހުން ޖެހިފައި ވާ ނަމަ، އާންމު ތަންތަނަށް ނުނިކުތުމާއި ރޯގާ އަދި ހުން އައިސް ގިނަ ދުވަސް ވާނަމަ ވީހާ ވެސް އަވަހަށް ޑޮކްޓަރަކަށް ދައްކައި ގިނައިން ދިޔާ އެއްޗެހި ބޭނުން ކުރުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކުރިއަށް އޮތީ ސްކޫލް ބަންދު ކަމަށްވެފައި ޗުއްޓީއަށް އަތޮޅުތަކަށް ދިޔުމަށް ގިނަ ބަޔަކު ދަތުރު ހަދާފައިވާއިރު އެ ދަތުރުތައް މި ވަގުތައް މަޑު ޖައްސާލުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. އެހެން ނޫނީ މާލެއިން އަތޮޅުތަކަށް ވައިރަސް ފެތުރިގެން ދިޔުމަކީ ވަރަށް ކައިރި ކަމެކެވެ.