ހަބަރު

ޒިޔާދުގެ ދިފާއީ ހެކިން ހާޒިރު ނުކުރަން އޭނާގެ ދިފާއީ ވަކީލުން ނިންމައިފި

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި މުހައްމަދު ޒިޔާދުގެ މައްޗަށް ކުރާ ދައުވާގެ ދިފާއުގައި އޭނާގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނަގަން ބޭނުންވާ ކަމަށް އޭނާގެ ވަކީލުން ކޯޓުގައި މިއަދު ބުނެފި އެވެ.

އަބްދުﷲ ގާޒީ ބަންދު ކުރިއިރު ސިފައިންގެ އޮޕަރޭޝަންސް ޑައިރެކްޓާގެ މަގާމުގައި ހުންނެވި ޒިޔާދުގެ މައްޗަށް އުފުލާފައިވާ ދިފާއުގައި އޭނާގެ ފަރާތުން މީގެކުރިން ބައެއް މީހުން ހެކިންގެ ގޮތުގައި ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ސިފައިންގޭގައި ކުރިން މަސައްކަތްކޮށްފައި ތިބި އޮފިސަރުންނާއި މިހާރުގެ ބައެއް އޮފިސަރުން ވެސް ހިމެނެއެވެ.

އެ މައްސަލައިގެ މިއަދުގެ ބޭއްވި އަޑުއެހުމުގައި ދިފާއީ ހެކިން ހާޒިރު ކުރުމާ ބެހޭގޮތުން ފަނޑިޔާރުން ކުރި ސުވާލުގެ ޖަވާބުގައި ޒިޔާދުގެ ވަކީލް މަޒްލާން ރަޝީދު ވިދާޅުވީ އޭގެ ތެރެއިން އެއްވެސް ހެއްކަކު ހާޒިރުކުރަން ބޭނުންނުވާ ކަމަށެވެ. ނަމަވެސް ޑޮކިއުމެންޓް ހެކިތަކާ ބެހޭގޮތުން ވާހަކަ ދެއްކުމަށް ދެ ދުވަހުގެ މުއްދަތެއް ދިނުމަށް މަޒްލާން އެދިވަޑައިގަތެވެ.

ދިފާއީ ހާޒިރުކުރަން ވަކީލުން ބޭނުން ނުވާތީ ދެން އޮންނާނީ ހެކިތަކާ ބެހޭގޮތުން ވާހަކަ ދެއްކުމާއި ޚުލާސާ ބަޔާން ހުށަހެޅުން ކަމަށް ފަނޑިޔާރުންގެ ބެންޗުން ވިދާޅުވި އެވެ. އެ އަޑުއެހުން ބާއްވާނެ ދުވަހެއް ފަހުން އަންގަވާނެ ކަމަށް ވިދާޅުވި އެވެ.

ޚުލާސާ ބަޔާން ހުށަހަޅާ އަޑުއެހުމަކީ ކޮންމެ މައްސަލައެއްގެ ވެސް އެންމެ ފަހު އަޑުއެހުމެވެ. އެ އަޑުއެހުމަށް ފަހު އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުމެވެ.

އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި އުފުލާ ޓެރަރިޒަމްގެ އެ ދައުވާ ސާބިތުވެއްޖެ ނަމަ 10 އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް ނުވަތަ އެ މުއްދަތަށް އަރުވާލުމަށް ނުވަތަ ގޭގައި ބަންދުކުރަން ހުކުމް ކުރާނެ އެވެ.